ތައުބާ:4.މުރުތައްދުގެ ތައުބާ

Loading

Facebook
Twitter
WhatsApp
https://sandhaanu.today/53407/ އާއި ގުޅޭ
https://sandhaanu.today/53302/އާއި ގުޅޭ:
https://sandhaanu.today/53358/އާއި ގުޅޭ:

އެކެއް: މުރުތައްދުވުމުގެ މާނަ:

މުރުތައްދުގެ ލަފުޒީ މާނައަކީ އެއްޗެއް ދޫކޮށް އަނެކަށްޗަކަށް އެނބުރިގަތުމެވެ.

.[ الفيروز آبادي ، القاموس المحيط، ج1 ، ص570] އިޞްޠިލާހުުގައި މުރުތައްދުވުމަކީ އިސްލާމް ދީން ދޫކޮށް ކުފުރަށް އެނބުރިވަނުމެވެ. އޭގެ މިސާލަކީ ބާލިޣުވެފައިވާ، ބުއްދި ހުރި، ފިރިހެނުންގެ ތެރެއިން ވިޔަސް އަދި އަންހެނުންގެ ތެރެއިން ވިޔަސް މީހަކު އިސްލާމް ދީނުގެ އަސާސުތަކާއި ރުކުންތައް އެނގިހުރެ ފުރިހަމަ އިޚްތިޔާރުގައި އެ ދީން ގަބޫލުކޮށް އިގުރާރުކުރުމަށްފަހު، ބުނާ ބަހަކުން ނުވަތަ ކުރާ ކަމަކުން ނުވަތަ ލިޔާ ލިޔުމަކުން ނުވަތަ ކުރާ އިޝާރަތަކުން ވިޔަސް އެ ދީން ދޫކޮށް ކުފުރަށް އެނބުރިގަތުމެވެ.[ الدسوقي، حاشية الدسوقي على الشرح الكبير، مصر.بولاق: المطبعة الكبرى الأميرية. 1319 ج4 ، ص301 ؛ وابن قدامة: موفق الدين عبد االله بن أحمد ، المغني على مختصر الإمام أبي القاسم الخرق، مصر: مطبعة المنار. ط 2، ،1347ج4 ، ص133]

ދޭއް: މުރުތައްދުވުމުގެ ކުށުގެ އަދަބު

މުރުތައްދުވުމުގެ އަދަބާމެދު ބޯދާ ފިޤުހު ފޮތްތަކުގައި ބަޔާންވެފައިވަ އާއްމު ރައުޔަކީ ޤަތުލު ވާޖިބުވުމުގެ ޙުކުމެވެ. އަދި އަންހެނަކު ނަމަ ޙަނަފީ މަޒުހަބުގެ ރައުޔަކީ ގަތުލު ނުކުރުމެވެ. ނަވަވެސް ޖުމުހޫރު ދަންނަބޭކަލުންގެ ރައުޔަކީ އަންހެނަކު ވިޔަސް މުރުތައްދުވެއްޖެ ނަމަ ގަތުލުކުރަންޖެހޭނެކަމަށެވެ.[ أبو الوليد محمد ابن رشد، بداية المجتهد ونهاية المقتصد، ط.د ( الدار البيضاء : دار الرشاد،ت.د)ج 2 ، ص343]

ޙަނަފީ މަޒުހަބުގެ ރައުޔަކީ މުރުތައްދުވުމުގެ އަދަބަކީ ޤަތުލުކުރުމެވެ.[ الدر المختار مع حاشية ابن عابدين (4/226)]

މާލިކީ މަޒުހަބުގެ ރައުޔަކީ މުރުތައްދުވުމުގެ އަދަބަކީ ޤަތުލުކުރުމެވެ.[ شرح مختصر خليل 8/219]

ޝާފިޢީ މަޒުހަބުގެ ރައުޔަކީ މުރުތައްދުވުމުގެ އަދަބަކީ ޤަތުލުކުރުމެވެ.[ تحفة المحتاج لابن حجر الهيتمي (9/96)]

ޙަންބަލީ މަޒުހަބުގެ ރައުޔަކީ މުރުތައްދުވުމުގެ އަދަބަކީ ޤަތުލުކުރުމެވެ.[ كشّاف القناع 6/168] ނަމަވެސް މުރުތައްދުވުމުގެ އަދަބާމެދު ފަހުގެ ބައެއް ޢިލްމުވެރީންގެ ތެރެއިން ،މިޞްރުގެ محمد عبده އާއި محمد رشيد بن علي رضاގެ ރައުޔަކީ ޤަތުލުކުރަން ނުޖެހޭނެކަމަށެވެ.[ تفسير المنار سورة البقرة ( ومجلة المنار ) مجلة شهرية تبحث في فلسفة الدين والشئون األجتماعية والعمران (

منشئها محمد رشيد رضا المجلد األول 1316هـ] އެހެންކަމުން ދިވެހިރާއްޖޭގައި މިފަދަ މައްސަލައެއް ދިމާވެއްޖެ ނަމަ އަމަލުކުރާނެގޮތެއް ގާނޫނަށް ވެއްދުން މުހިންމެވެ.

ތިނެއް: މުރުތައްދުވެއްޖެ މިހާއަށް ތައުބާ ލައިދުނުމުގެ ޙުކުމް

މާލިކީ މަޒުހަބާއި ޝާފިޢީ މަޒުހަބުގެ ރައުޔަކީ މުރުތައްދުވެއްޖެ މިހާއަށް ތައުބާ ލައިދުނުމަކީ ވާޖިބެއްކަމަށެވެ. އަދި އެއީ އިމާމު އަޙްމަދުގެ އެއް ރައުޔެވެ. އެއާ ޚިލާފަށް އިމާމު އަބޫ ޙަނީފާގެ އަރިހުގައި މުރުތައްދުވެއްޖެ މީހަކަށް ތައުބާ ލައިދިނުން ވާޖިބެއްނޫނެވެ. ނަމަވެސް އެއީ މުސްތަޙައްބު ކަމެކެވެ.[ الكاساني :أبو بكر بن مسعود بن أحمد ، بدائع الصنائع في ترتيب الشرائع لبنان.بيروت:دار الكتاب العربي. ط 2. ج،7 ص204 ؛ ابن حجر ، فتح الباري، ج12 ، ص2 وشرح الزرقاني على الموطأ،ج4 ،ص16-15 .] އިބުނު ޢުމަރުގެ ރައުޔަކީ މުރުތައްދުވެއްޖެ މިހާއަށް ތިން ފަހަރު ތައުބާ ލައިދޭންޖެހޭނެކަމަށެވެ. އަދި ޢުސްމާނުގެފާނުންގެ ރައުޔަކީ ވެސް އެއީ އެވެ.[ أخرجه ابن أبي شيبة (28987)] النخعي ވިދާޅުވަނީ މުރުތައްދުވާ ކޮންމެފަހަރަކު ތައުބާ ލައިދޭންޖެހޭނެކަމަށެވެ.[ أخرجه عبد الرزاق (18697)]

ހަތަރެއް: މުރުތައްދުވެފައިވާ މީހާ ތައުބާ ވާނެގޮތް

ބައެއް ދަންނަބޭކަލުން ދެކެލައްވާގޮތުގައި މުރުތައްދުވެފައިވާ މީހާ ތައުބާވުމަށް ޓަކައި ޝަހާދަތުގެ ދެ ކަލިމަ ކިޔުން ނުވަތަ ނަމާދެއްކުރަންޖެހެއެވެ. އަދި އެ މީހަކު މުރުތައްދުވީ ފަރުޟަކަށް އިންކާރުކޮށްގެން ނުވަތަ ޙަރާންކަމެއް ހަލާލުކޮށްގެން ނުވަތަ ނަބީބޭކަލަކަށް އިންކާރުކޮށްގެން ނުވަތަ ބާވައިލެއްވިފައިވާ ފޮތަކަށް އިންކާރުކޮށްގެން ނުވަތަ މުޙައްމަދު ނަބީކަލޭގެފާނުގެ ރަސޫލުކަން ގަބޫލުނުކުރުންފަދަ ކަމެއް ކޮށްގެންކަމުގައި ވެއްޖެ ނަމަ އެ ކަމެއް އަލުން ގަބޫލުކޮށް އިގުރާރުކުރަންޖެހެއެވެ. އަދި މުރުތައްދުވެފައިވާ މީހާ ޝަހާދަތުގެ ދެކަލިމަ ލިޔެފުމުން ވެސް އަލުން އިސްލާމްދީނަށް ވަދެވިދެއެވެ. އެއީ ޙަންބަލީ މަޒުހަބުގެ ރައުޔެވެ. އަދި ޝާފިޢީގެފާނުގެ ރައުޔެވެ. [ ابن قدامة ، المغني ،ج4: ، ص114]

ޙަނަފީ މަޒުހަބުގައިވާގޮތުން މުރުތައްދުވެފައވާ މީހާ ތައުބާވުމަށް ޓަކައި ޝަހާދަތުގެ ދެ ކަލިމަ ކިޔުމުގެ އިތުރުން ކުރީގައި ވަދެފައިހުރި ބާޠިލު މަޒުހަބުން ބަރީއަވާންޖެހެއެވެ.[ الكاساني :أبو بكر بن مسعود بن أحمد ، بدائع الصنائع في ترتيب الشرائع لبنان.بيروت:دار الكتاب العربي. ط 2. 1401.ه.،ج 7 ،ص 135]

ޤުރުޠުބީ އަންނަނިވި އާޔަތުގެ ތަފުސީރު ލިޔުއްވިއެވެ. (إِلَّا الَّذِينَ تَابُوا وَأَصْلَحُوا وَاعْتَصَمُوا بِاللَّهِ وَأَخْلَصُوا دِينَهُمْ لِلَّهِ فَأُولَٰئِكَ مَعَ الْمُؤْمِنِينَ ۖ وَسَوْفَ يُؤْتِ اللَّهُ الْمُؤْمِنِينَ أَجْرًا عَظِيمًا) [ النساء 146] މާނައީ: އެއުރެން ތައުބާވެ އަދި އަމަލުތައް އިސްލާހުކޮށް އަދި اللَّهގެ ދީނުގައި ގަދަޔަށް ހިފަހައްޓައި އެއުރެންގެ ދީން، اللَّهއަށް ޚާލިސްކުޅަ މީހުން މެނުވީއެވެ. ފަހެ، އެއުރެންވަނީ މުއުމިނުންގެ ތެރެއިންނެވެ. އަދި، މުއުމިނުންނަށް ބޮޑުވެގެންވާ ދަރުމަ ﷲ ދެއްވާނެތެވެ.

ޤުރުޠުބީ ވިދާޅުވިއެވެ. އިޚްލާސްތެރިކަމާއެކު ތައުބާވާ މީހުންގެ ދަރަޖަ ﷲ އިސްތިސްނާކުރެއްވިއެވެ. އަދި ވެސް ޤުރުޠުބީ ވިދާޅުވިއެވެ. ތިމަންމެންގެ ޢިލްމުވެރީންގެ އަރިހުގައި ތައުބާވާ މީހާ ”ތިމަންނަ ތައުބާވެއްޖައީމޭ“ ހަމައެކަނި ބުނެލުމަކުން ނުފުދެއެވެ. އެ މީހެއްގެ ފުށުން ކުރީގައި ހުރި ނުބައި އަމަލުތަކާ ޚިލާފަށް ހެޔޮ ޢަމަލުތައް ފެންނަންޖެހެއެވެ. އެގޮތުން މުރުތައްދުވެފައި އަލުން ދީނަށް ފަދެފި މީހެއް ނަމަ ދީނީ ސިފަތައް ބޭރުފުށުން ފެންނަންޖެހެއެވެ. އަދި ފާފަތަކުން ތައުބާވި މީހެއް ނަމަ ހެޔޮ އަމަލުތައް ބޭރުފުށުން ފެންނަންޖެހެއެވެ. ނުބައި މީހުންނާއެކު އުޅުމުން ތައުބާވި މީހެއް ނަމަ ހެޔޮ މީހުންގެ ސަފުން ފެންނަންޖެހެއެވެ.[ تفسير القرطبي ]

ފަހެއް: ތައުބާއިން މުރުތައްދުގެ ހައްދަށް ކުރާ އަސަރު

މުރުތައްދުވެފައވާ މީހާގެ ތައުބާއިން ކުރާ އަސަރަކީ އެ މީހެއްގެ ކިބައިން ޝަރުޢީ ހައްދު ކެނޑިގެންދިއުމެވެ. މުރުތައްދުވެފައވާ މީހާގެ ތައުބާ އެއީ ފުރަތަމަ ފަހަރުކަމަށް ވެއްޖެ ނަމަ ޝަރީޢަތުން ގަބޫލުވުމާއެކު އެ މީހެއްގެ ކިބައިން ޝަރުޢީ ހައްދު ކެނޑިގެންދާނެކަމަށް ދަންނަބޭކަލުން އިޖުމާޢުވެފައިވެއެވެ.[ الشافعي في الأم 6/196] ނަމަވެސް އެއްފަހަރަށްވުރެ ގިނަ ފަހަރު މުރުތައްދުވާ މިހާގެ ޙުކުމާމެދު ދަންނަބޭކަލުންގެ މެދުގައި އިޚްތިލާފުވެއެވެ. އަބޫ ޙަނީފާގެ އެއް ރައުޔަކީ ތައުބާވަނީ ހަތަރުވަނަ ފަހަރު ކަމުގައިވެއްޖެ ނަމަ ތައުޒީރުކުރުމަށް ފަހު އެ މީހަކު ދޫކޮށްލުމެވެ. އަދި އަނެއް ރައުޔެއްގައިވަނީ ތިންވަނަ ފަހަރު ކަމުގައިވެއްޖެ ނަމަ ބަންދުގައި ބެހެއްޓުމެވެ. އަދި އިޚްލާސްތެރިކަމާއި ތައުބާގެ އަސަރު ފެނުމުންނޫނީ ދޫކޮށްނުލުމެވެ.[ الكاساني ، بدائع الصنائع ،ج7 ، ص1]

އިމާމު މާލިކުގެ ރައުޔަކީ ތައުބާވާ ފުރަތަމަ ފަހަރުފިޔަވައި އެހެން ހުރިހާ ފަހަރެއްގައި ތަޢުޒީރުކުރުމެވެ. އަދި އެ ތަޢުޒީރުގެ އިތުރުން ޤަތުލުކުރުމާއި ބަންދުކުރުމުގެ އަދަބު އިތުރުނުކުރުމަށެވެ.[ عليش محمد، مواهب الجليل لشرح مختصر خليل ، المرجع السابق ،ج6: ،ص 144 . ] އިމާމު ޝާފިޢީގެ ރައުޔަކީ މުރުތައްދުވަނީ ކިތަންމެގިނަ ފަހަރުކަމުގައި ވިޔަސް ތައުބާވުމުން ގަބޫލުކުރުމެވެ. އަދި އެކަން ތަކުރާރުކުރުމުގެ މައްޗަށް ތައުޒީރެއްކުރުމަށެވެ. އަދި އިމާމު އަޙްމަދުގެ ރައުޔަކީ ވެސް އެއީކަމުގައި އިމާމު ނަވަވީ ނަގުލުކުރެއްވިއެވެ.[ الحاوي الكبير في فقه مذهب الإمام الشافعي ، ج13، ص 152]

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް