އަދާލާތު ޕާޓީގެ އިންތިޚާބު ފަސްކޮށްފި

80

އަދާލަތު ޕާޓީގެ އެތެރޭގެ އިންތިޚާބު ބޭއްވުން ފަސްކޮށްފި އެވެ.

އަދާލަތު ޕާޓީން ނެރުނު އިއުލާނެއްގައިވާގޮތުން އެ ޕާޓީގެ ދާއިރާތަކާއި ގޮފިތަކުގެ މަގާމުތަކަށް މީހުން ހޮވުމަށް ބޭއްވުމަށް ހަމަޖައްސާފައިވާ އިންތިޚާބު ބޭއްވުން މިހާރު ޑިސެމްބަރު 19 އަށް ވަނީ ލަސްކޮށްފައެވެ. އެޕާޓީން ކުރިން އިއުލާން ކޮށްފައިވަނީ ޑިސެމްބަރު ފަހެއްގައި އިންތިޚާބު ބޭއްވުމަށެވެ.

އިންތިޚާބު ބާއްވާނެ ތަންތަން ކަނޑައެޅުން ވެސް އެޕާޓީންވަނީ ލަސްކޮށްފައެވެ. އިންތިޚާބު ބާއްވާނެތަންތަން ކަނޑައަޅުން މިހާރުވަނީ މި މަހު 25 އަށް އިތުރުކޮށްފައެވެ. އެޕާޓީން އިންތިޚާބު ބާއްވާނެ ތަންތަން ކަނޑައަޅާނީ އެ ތަނެއްގައި ޕާޓީ މެންބަރުން ތިބި ނިސްބަތުންކަމަށް ވެސް އެޕާޓީން ހާމަކުރެއެވެ.

އިންތިޚާބު ބާއްވާނެ ދުވަސް ފަސްކުރި ކަން އަދާލަތު ޕާޓީން އިއުލާން ކުރި ނަމަވެސް ލަސްކުރި ސަބަބު އެ ޕާޓީން ހާމަކޮށްފައި ނުވެއެވެ.

އަދާލަތުން ވަނީ އެޕާޓީގެ އިންތިޚާބަށް މިހާތަނަށް ހުޅުވާލައިފައިވާ ދާއިރާތަކާއި ގޮފިތައް އިއުލާން ކޮށްފައެވެ. އެގޮތުން މިހާތަނަށް 23 ދާއިރާއެއް އިއުލާން ކޮށްފައިވާއިރު 83 ގޮފި ހިމެނޭކަމަށް އެޕާޓީން ހާމަކުރެއެވެ.

ދާއިރާތަކުގެ ރައީސުންގެ މަގާމުތަކަށް އިންތިޚާބު ކުރުމަށް ކަނޑައެޅިފައިވަނީ އެ ދާއިރާއެއްގައި 100 މެންބަރުން ހަމަވުމުން ކަމުގައި އެ ޕާޓީން މަޝްވަރާ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

އަދާލަތު ޕާޓީން ބުނީ އިންތިޚާބީ ދާއިރާއެއްގައި ޕާޓީގެ 100 މެންބަރުން ހަމަވާނަމަ ޕާޓީގެ މެންބަރުންގެ ތެރެއިން މި މަގާމަށް ޝަރުތު ހަމަވާ ކޮންމެ މެމްބަރަކަށް އެ ދާއިރާއެއްގެ ރައީސްކަމަށް ކުރިމަތިލެވޭނެކަމަށެވެ.

އެޕާޓީން ހާމަކުރިގޮތުގައި ކޮންމެ ރަށެއްގައި ޕާޓީގެ 30 މެންބަރުން ހަމަވެއްޖެނަމަ އެ ރަށެއްގައި ޕާޓީގެ ގޮތްޕެއް ހުޅުވޭއިރު ކޮންމެ ރަށެއްގައި ވެސް ރަޖިސްޓްރީ ކުރެވޭނީ އެއް ގޮއްޕެވެ. ނަމަވެސް އެއް ރަށެއްގައި އިންތިޚާބީ ދާއިރާ އެކަކަށް ވުރެ ގިނަ ދާއިރާ ހިމެނޭނަމަ 30 މެންބަރުން ހިމެނޭ ކޮންމެ ދާއިރާ އަކަށް ވަކި ގޮތްޕެއް ރަޖިސްޓްރީ ކުރެވޭނެކަމަށް ވެސް އަދާލަތުން ހާމަކުރެއެވެ.

މިއިންތިޚާބާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ސާފު ކޮށްލަން ބޭނުންވާ ފަރާތްތަކުން އަދާލަތު ޕާޓީގެ 3342671 އަށް ގުޅުއްވުމަށް ނުވަތަ [email protected] އަށް މެއިލް އަކުން ހުށަހެޅުމަށް އެ ޕާޓީން އެދެއެވެ.

 

1 ހިޔާލު

  1. ކުރީގެ ހުށައެޅުންތަކަށް ވީ ކިހެނެއްބާ ! އެ ހުށައެޅުންތައް ހުށައެޅިބޭފުޅުން އަނެއްކާވެސް ހުށައަޅަންޖެހޭނެބާ…!

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ