ބޭނުންވާ ތަކެތި:
ބައިކިލޯ ކުކުޅު (ކަށި ނެތް)
1 ޖޯޑު ފްރޯޒަން ބްރޮކޮލީ މިކްސް
6 ލޮނުމެދު
2 ސައިސަމުސާ މުގުރި އަސޭމިރުސް
1 ޖޯޑު ކިރު
3 ފޮތި ޗީޒް
ކުޑަ ގިތެޔޮމިރުސްކޮޅެއް ކުދިކޮށް ކޮށާފައި (ކުޅިކޮށް ކާން ބޭނުންނަމަ)
2 މޭޒުމަތީސަމުސާ ބަޓަރު
ތައްޔާރުކުރާނެ ގޮތް:
ކުކުޅުކޮޅު ކުދިކޮށް ކޮށާލާށެވެ. ގާނާފައި ހުރި 1 ލޮނުމެދު، 1 ސައިސަމުސާ އަސޭމިރުސް، އަދި ލޮނުކޮޅެއް ކުކުޅުގައި ހާކާލުމަށްފަހު 15 ވަރަކަށް މިނިޓުވަންދެން ބަހައްޓާށެވެ. އެއަށްފަހު ބަޓަރުކޮޅެއްގައި ރޯފިލުވާލާށެވެ.
ތަރުކާރީކޮޅު (ބްރޮކޮލީ މިކްސް) ތައްޓަކަށް އަޅާފައި ހޫނުފެންފޮދެއް އަޅައި ގަނޑު ފިލުވާލާށެވެ. ބާކީހުރި ލޮނުމެދު ގާނާލުމަށްފަހު 1 މޭޒުމަތީސަމުސާ ބަޓަރުގައި މީރުކޮށްލާށެވެ. ކުޑަކޮށް މިލައިލުމުން ކިރު، 1 ސައިސަމުސާ އަސޭމިރުސް (އަދި ބޭނުންނަމަ ގިތެޔޮމިރުސް) އަޅައިގެން މަޑުގިނީގައި ކައްކާލާށެވެ. ކެކެން ފެށުމުން ތަރުކާރީކޮޅު އަޅާލާށެވެ. މިނިޓެއްވަރު ކެކުމުން، ތައްޔާރުކުރި ކުކުޅުކޮޅު އަޅާލައި ރަނގަޅަށް އެއްކޮށްލުމަށްފަހު ޗީޒްފޮތިތައް އަޅާލައި އެއްކޮށްލާށެވެ. ޗީޒްކޮޅު ވިރުމުން ބާލާށެވެ.
ނޯޓް: މިއީ ބަތް ނުވަތަ ޕާސްތާއާއެކު ކާލަން ވަރަށް މީރު ކުކުޅެކެވެ.