ތައުބާގެ ރުކުންތައް:
ތައުބާވެވޭ ފާފައިގައި އެހެން މީހެއްގެ ހައްގެއްނުވާ ނަމަ ތައުބާގެ ރުކުންތައް ތިނެކެވެ.
ފުރަތަމައީ: ކޮށްކޮށް ހުރި ފާފަ ނުކޮށް ހުއްޓައިލުމެވެ.
ދެވަނައީ: ކުރީގައި ކުރެވުނު ފާފާއިގެ މައްޗަށް ދެރަވުމެވެ.
ތިންވަނައީ: ކުރިޔަށް އޮތްތަނުގައި އެ ފަދަ ފާފައެއް ނުކުރުމަށް އަޒުމު ކަނޑައެޅުމެވެ.
ތައުބާވާ ފާފައިގައި އެހެން މީހެއްގެ ހައްގެއްވާ ނަމަ ތައުބާގެ ރުކުންތައް ހަތަރެކެވެ.
ފުރަތަމައީ: ކޮށްކޮށް ހުރި ފާފަ ނުކޮށް ހުއްޓައިލުމެވެ.
ދެވަނައީ: ކުރީގައި ކުރެވުނު ފާފާއިގެ މައްޗަށް ދެރަވުމެވެ.
ތިންވަނައީ: ކުރިޔަށް އޮތްތަނުގައި އެ ފަދަ ފާފައެއް ނުކުރުމަށް އަޒުމު ކަނޑައެޅުމެވެ.
ހަތަރުވަނައީ: ކުރެވުނު ފާފައިން މީހެއްގެ ހައްގަކަށް އެރިފައިވާ ނަމަ އެ ހައްގެއް އަނބުރާ ރައްދުކުރުމެވެ. ނުވަތަ އެ މީހެއްގެ ހިތް ހަލާލު ހޯދުމެވެ.
ތައުބާގެ ޝަރުޠުތައް:
رياض الصالحين ގައި الإمام النووي ލިޔުއްވެވިއެވެ. ”ދަންނަބޭކަލުން ވިދާޅުވެއެވެ. އެންމެހާ ފާފަތަކުން ވަގުތުން توبة ވުމަކީ ވާޖިބުވެގެންވާ ކަމެކެވެ. ފަހެ އެ ފާފައަކީ އަޅާއާއި اللهُ سُبْحَانَهُ وَتَعَالى އާއި ދެމެދުވާ حقއަކަށްވެފައި އޭގައި އެއްވެސް އާދަމުގެ ދަރިއެއްގެ حق އެއް ނުވާ ނަމަ ފަހެ އޭގެ شرطތައް ތިނެކެވެ. ފުރަތަމައީ އެ ފާފައެއް ނުކޮށް ހުއްޓައިލުމެވެ. ދެވަނައީ ކުރެވުނު އެ ކުށެއްގެ މައްޗަށް ދެރަވެ ހިތާމަކުރުމެވެ. އަދި ތިންވަނައީ އެކަން އަލުން ނުކުރުމަށް عزمކަނޑައެޅުމެވެ. ފަހެ މި ތިން ކަމުންކުރެ ކަމެއް އުނިވެއްޖެ މީހާގެ توبةވުން صحއެއް ނުވާނެއެވެ. އަދި އެ ފާފައެއްގައި އާދަމުގެ ދަރިއެއްގެ حقއެއް އެކުލެވިފައިވާ ނަމަ އޭގެ شرطތައް ހަތެރެކެވެ. އެއީ އިސްވެދިޔަ ތިން ކަމާއި އަދި އެ حقއެއް ފުރިހަމަ ކުޅައުމެވެ. ފަހެ އެ حقގައި މުދަލެއް ނުވަތަ މުދަލުގެ މާނާގައި ހިމެނޭ އެއްޗެއް ވާ ނަމަ އެ އެއްޗެއް އަނބުރާ އެ މީހަކަށް ރައްދުކުޅައުމެވެ. އަދި قذف ކުރުން ފަދަ ހައްދު ކަނޑައެޅިފައިވާ ކަމެއް ނަމަ އެ ހައްދެއް ތަންފީޒުކުރުމެވެ. ނުވަތަ އެ މީހެއްގެ ކިބައިން އެ حقއެއް ކެނޑުވުމެވެ. އަދި އޭނާއަށް غيبބުނެވިފައިވާ ނަމަ އެކަމަށް معافއަށް އެދުމެވެ. އެންމެހާ ފާފަތަކުން ތައުބާވުމަކީ ވާޖިބެކެވެ. ފަހެ ކުރެވިފައިވާ ފާފަތަކުގެ ތެރެއިން ބައެއް ފާފައިން ތައުބާވެއްޖެ ނަމަ އެ ގޮތް صح ވެގެންވެއެވެ. އަދި ބާކީހުރި ފާފަތަކަށް ތައުބާވުން އެ މީހެއްގެ ޒިއްމާގައި އޮންނާނެއެވެ. ތައުބާ ވުމަކީ واجب ވެގެންވާ ކަމެއްކަން قرانއާއި سنةއާއި اجماع ން ثابت ވެފައިވެއެވެ.“