މަންމައެއްގެ ލޯބި ބަލެއްނުވާނެއެވެ.

Loading

March 2, 2025
profile
Facebook
Twitter
WhatsApp

އެ ހިތްގައިމު މާހައުލުގައި އިށީނދެލައިގެން އިންއިރު ތަފާތު އެތައް ޝުޢޫރުތަކެއް ހިތަށް އަރައިފައިބަމުންދިޔައެވެ. އެއީ މީގެ ވިހި އަހަރު ކުރީގެ ހަނދާންތަކެކެވެ. ހިތުގައި ބިންވަޅުނެގިފައިވާ ހަނދާންތަކެކެވެ. ކިތަންމެ ވަރަކަށް ބޭނުންވިއަސް އެ ހަނދާންތަކަކީ ފޮހެވޭނެ ހަނދާންތަކެއް ނޫނެވެ. ކިތަންމެ ވަރަކަށް އެކަމާ މާޔޫސްވިއަސް ހިތުން ފޮހެލާހިތްވާ ހަނދާންތަކެއް ނޫނެވެ. އަހަރެންގެ ނަމަކީ އައިޝާއެވެ. މިއީ އަހަރެންގެ ވާހަކައެވެ.


ކުޑައިރުއްސުރެ އަހަރެން އުޅެމުން އައީ ތަނަވަސްކަމުގެ ތެރޭގައެވެ. ސްކޫލް ނިމުމުން މަންމަމެން ބޭނުންވީ އަހަރެން އިތުރަށް ކިޔަވާށެވެ. ރާއްޖޭން ބޭރުން ކިޔަވައިގެން އަހަރެން އައީ ސައިކޮލޮޖިސްޓަކަށް ވެގެންނެވެ. ސްކޫލް ދައުރުއްސުރެ އަހަރެންދެކެ ލޯބިވާކަމަށް ބުނަމުން އައި މީހަކާ ކައިވެނިކުރީމެވެ. ކައިވެންޏަށް އަހަރެއްވީތަނާހެން އަހަރެމެންނަށް އަންހެން ދަރިއަކު ލިބިއްޖެއެވެ. އަހަރެންނާއި ފިރިމީހާ އެކުއްޖާއަށް ދިން ނަމަކީ އަމްނާއެވެ. އެއީ ”ހަމަ ކުޑަކުޑަ އައިޝާ“އެކޭ މީހުން ބުނެއެވެ. އޭގެ ތިންއަހަރު ފަހުން އަހަރެމެންނަށް ފިރިހެން ދަރިއަކު ލިބިއްޖެއެވެ. އެ ކުއްޖާއަށް އަހަރެމެން ދިން ނަމަކީ އަޔޫންއެވެ. ހަމަ ބައްޕަގެ ނަމޫނާއެކެވެ.
ދުނިޔޭގެ ދިރިއުޅުމަކީ އެހާ ފުރިހަމަ އެއްޗެއް ނޫނެވެ. އަހަރެންގެ ކައިވެންޏަށް އަލްވަދާޢުކިޔަން ޖެހުނެވެ. ހަމަ އެފަދައިން އަހަރެންގެ މަންމައާއި ބައްޕަވެސް އަހަރެން މިދުނިޔެއަށް އެކަނިކޮށްފައި ވަކިވެގެން ހިނގައްޖެއެވެ. ކުރިމަތިވި ހިތްދަތިކަމުގައި އަހަރެން ނަފްސާނީބަލީގެ ފުން ވަޅުގަނޑަކަށް ވެއްޓުނެވެ. އެ ވޭނުގައި އަހަރެން އެތައް އަހަރުތަކެއް ހޭދަކުރީމެވެ. ނަފްސާނީ ބަލިތަކަކީ މުޖުތަމަޢު މާ ހޭލުންތެރި ކަމަކަށް ނުވުމާއެކު ހުރިހާ ކަމަކާ ކުރިމަތިލާންޖެހުނި އަހަރެން އެކަނިމާއެކަންޏެވެ. ކުޑަކުޑަ ދެ ދަރިން ގޮވައިގެންނެވެ.
ކޮންމެ އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެއެވެ. އެއީ ދުނިޔޭގެ އާދައެވެ. އަހަރެންގެ އަމްނާގެ އުމުރުން ސޯޅަ އަހަރު ވެއްޖެއެވެ. ހީވަނީ ހަމަ އަހަރެން ކުޑައިރުގެ ފޮޓޮއެއް ފެންނަހެންނެވެ. މިޒާޖުގައިވެސް ތަފާތެއް ނެތެވެ. އަޔޫންއަށް ތޭރަ އަހަރު ވެއްޖެއެވެ. ބޮޑުވާވަރަކަށް ބައްޕައާ ވައްތަރުވަމުން އާދެއެވެ. ދެ ދަރިންދެކެ އަހަރެން ވަރަށް ލޯބިވެއެވެ. އެކުދިންނާނުލައި އަހަރެންނަށް މިހާ ހިސާބަކަށް ނާދެވޭނެއެވެ. ދަރިންގެ ހިތްވަރުދިނުމާއެކު އަހަރެން ލާރި އެއްކޮށްގެން އަމިއްލަ ކުލިނިކެއް ހުޅުވީމެވެ. އަހަރެންގެ ކާމިޔާބީއާމެދު އެންމެ އުފާކުރީ އެކުދިންނެވެ.
ބޮކީގެ އަލި ފަނޑުވެ އަނދާފަދައިން ދިރިއުޅުމުގައި ލިބޭ އުފާވެސް ފަނޑުވެގެން ގެއްލިގެން ދެއެވެ. އަހަރެންގެ އަމްނާ ވަރަށް ބޮޑަށް ބަލިވާން ފަށައިފިއެވެ. އެ ލޯބި މޫނުމަތީގައި ހުރި އުޖާލާކަން ކެނޑި މިލަންފަށައިފިއެވެ. އެކި ފަހަރުމަތިން ޑޮކްޓަރަށް ދެއްކުމުން އެނގުނީ އަމްނާގެ ހިތުގެ މައްސަލައެއް ހުރިކަމެވެ. އަމްނާ ދުނިޔޭގައި މާ ގިނަ ދުވަހު ނުހުންނާނެކަމަށް ޑޮކްޓަރު ބުނުމާއެކު އަހަރެންގެ މުޅި ދުނިޔެ ފުނޑުފުނޑުވި ކަހަލައެވެ. އަހަރެން ހޭނެތިގެން ވެއްޓުނެވެ. ހޭއެރިއިރު ގާތުގައި އަމްނާ އިނެވެ. ވަރަށް ލޯބިކޮށް ހިނިތުންވެލައިގެން އަހަރެންގެ މޫނަށް ބަލާށެވެ.
”މަންމާ! މަރަކީ ކިތަންމެހާވެސް ކައިރި، އަދި އެހާ ދުރު އެއްޗެއް. އެއީ މީހުންގެ އަތްމަތީގަ އޮންނަ އެއްޗެއް ނޫން.“ އަމްނާ އެ ބުނި ބަސް ދުވަހަކުވެސް އަހަރެންގެ ހިތުން ފިލައިގެނެއް ނުދާނެއެވެ.
ކޮންމެ ދުވަހެއްގެ އާދައިގެމަތިން އެދުވަހުވެސް އަހަރެމެން ތިންމައިން ލޮނުޒިޔާރަތް ޕާކަށް ދިޔައިމެވެ. އެތަނުގައި މަޖާކޮށް، އެކި ކަހަލަ ވާހަކަ ދެއްކީމެވެ. ހަނދާނަށްޓަކައި އެތަކެއް ފޮޓޯތަކެއް ނެގީމެވެ. އެކި ވާހަކަތައް ހިއްސާކުރީމެވެ. ޕާކުގައި ވަގުތުކޮޅެއް ހޭދަކުރުމަށްފަހު އަހަރެމެން ދިޔައީ ސައިބޯށެވެ. އަހަރެމެން ކެއީ އަމްނާއަށް އެންމެ މީރު ”ފިޝް އެންޑް ޗިޕްސް“އެވެ.
އޭގެ ހަމަސްދުވަސް ފަހެވެ. އަމްނާ މިދުނިޔެއަށް އަލްވަދާޢުކިއެވެ. އޭނާ އަހަރެންގެ ގާތުގައި ނުރުއިމަށް ބުނެފައި އޮތަސް އެއީ އަހަރެންނަށް ވާނޭ ކަމެއް ނޫނެވެ. އަމްނާ ނެތުމުން އަހަރެންނާ އަޔޫން ވަރަށް އެކަނިވިއެވެ. އަޔޫންއަކީ މިހާރު އަހަރެން ދިރިހުރުމުގެ ހަމައެކަނި އުންމީދެވެ.
އަމްނާގެ ހަނދާނުގައި ކޮންމެ ދުވަހަކު އަހަރެމެން ދެމައިން އެ ޕާކަށް ދަމެވެ. އެންމެ ފަހުން އަމްނާއާއެކު އިށީނދެތިބި އުނދޯލީގައި އިށީނދެ އަހަރެމެން ތިބެމެވެ. ތަފާތަކީ އަހަރެމެން މިހާރު އެތަނުގައި މަޖާކޮށްނުހަދާކަމެވެ. ހަމަހިމޭން ވަގުތުކޮޅެއް އެތަނުގައި ހޭދަކުރުމަށްފަހު އަހަރެމެން ގެއަށް އަންނަނީއެވެ.
އެއްދުވަހަކު އަހަރެމެން އުނދޯލީގައި ތިއްބާ އެތަނަށް ލޯބިލޯބި ބުޅަލެއް އައެވެ. އައިސް އަހަރެންގެ އުނގަށް އަރައި އޮށޯވެ ވަރަށް ލޯބިކޮށް އޮތެވެ. އަހަރެމެން ދާންވީއިރު އެސޮރަށް އޮތީ ނިދިފައެވެ. އަހަރެންނާއި އަޔޫން ނިންމީ ބުޅާ ގެއަށް ގެންނާށެވެ. އަމްނާގެ ހަނދާނުގައި އަހަރެމެން އެ ބުޅަލަށް ކީ އަމްނާއެވެ. އަމްނާއަކީ ބުޅާދެކެ ވަރަށް ލޯބިވާ ކުއްޖެކެވެ. ކުރީގައި އަމްނާ ގެންގުޅުނު ހަމަ އެކަހަލަ ބުޅަލެއް ވަނީ މަރުވެފައެވެ. އަލަށް އިތުރުވި މެންބަރާއެކު އަހަރެމެންގެ ކުޑަކުޑަ އާއިލާ ވަރަށް ލޯބިން އުޅެމުން ދިޔައިމެވެ.
އަހަރެން މިހާރު މުސްކުޅިވެ ގައިބާރު ދެރަވެއްޖެއެވެ. ނަމަވެސް އަމްނާގެ ހަނދާން އާކޮށްލުމަށް ޕާކަށްގޮސް އެ އުނދޯލީގައި އިށީނދެނުލެވުނިއްޔާ ވަރަށް ދެރަވެއެވެ. ޕާކު މިހާރު ބާވެއްޖެއެވެ. އުނދޯލި ވީރާނާވާން ފަށައިފިއެވެ. އަހަރެންގެ ހަނދާންވެސް ބަލިވާން ފަށައިފިއެވެ. އަމްނާގެ ހަނދާންތައް ތާޒާކޮށް އަހަރެންގެ ސިކުނޑީގައި ހަރުލާފައި ހުރެއެވެ. އެ ދަރިފުޅުދެކެ އަހަރެން މިވާ ލޯތްބަކީ ބާވެ ވީރާނާވާނެ އެއްޗެއް ނޫނެވެ. އެއީ ޕާކުގައިވާ ގަސްތަކުގައި ފޮޅެމުންދާ މާތައް ފަދައިން އަބަދުމެ އާވެ އާވެ ހުންނަ އެއްޗެކެވެ. އެ އިހުސާސް މިއަދު އަހަރެންނަށް ކުރެވިއްޖެއެވެ.

(ނިމުނީ)

ނޯޓް: މިއީ އަޅުގަނޑުގެ ދޮށީ ދަރިފުޅު އަޅުގަނޑަށް ހަދިޔާކޮށްފައިވާ ވާހަކައެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް