މަސްގަނޑަށް ބޭނުންވާ ތަކެތި:
1 ދަޅު މަސް
2 މޭޒުމަތީސަމުސާ ޓޮމާޓޯ ޕޭސްޓް
ބައި ސައިސަމުސާ ލޮނު
މެދު ސައިޒުގެ 1 ފިޔާ
2 ލޮނުމެދު
2 ހިކަނދިފަތް
1 ސައިސަމުސާ މުގުރި މިރުސް
1 ބައި ސައިސަމުސާ މުގުރި އަސޭމިރުސް
ފުށްގަނޑަށް ބޭނުންވާ ތަކެތި:
1 ޖޯޑު ފުށް
1 ސައިސަމުސާ ބޭކިންގ ޕައުޑަރު
1 ބިސް
1 މޭޒުމަތީ ސަމުސާ ބަޓަރު
ކުޑަ ލޮނުކޮޅެއް
ތައްޔާރުކުރާނެ ގޮތް:
ބަޓަރު ދިޔާކޮށްލާށެވެ. ފުށްގަނޑަށް ބޭނުންވާ ހުރިހާ ތަކެތި އެއްކުރުމަށްފަހު މަދުމަދުން ފެން ޖަހަމުން ފުށްގަނޑު އެއްކޮށްލައި މޮޑެލާށެވެ. ރަނގަޅަށް އޮމާންވަންދެން މޮޑެވުމުން މަތިޖަހާފައި ބާއްވާށެވެ.
ފިޔައާއި ލޮނުމެދު ކުދިކޮށް ކޮށާލާށެވެ. އެއަށްފަހު މަސްދަޅުގެ ތެޔޮފޮދުގައި ފިޔައާއި ލޮނުމެދާއި ހިކަނދިފަތް މީރުކޮށްލާށެވެ. ފިޔާތަކަށް ބިއްލޫރިކުލަ އަރަންފެށެމުން ޓޮމާޓޯ ޕޭސްޓާއި މުގުރިމިރުހާއި، އަސޭމިރުސް އަޅައި އެއްކޮށްލާށެވެ. އެއަށްފަހު ލޮނު އަޅައި އެއްކޮށްލާފައި އުނދުންމަތިން ބާލާށެވެ.
ފުށްގަނޑު ދެބައިކޮށްލާފައި ރޮއްޓެއްހެން ދަމާލާށެވެ. ރޮށި ހުންނަންވާނީ 4 މިލިމީޓަރެއްހާ ބޯމިނުގައެވެ. އެއަށްފަހު ތަވައެއްގައި ވަރަށް ތުނިތުނިކޮށް ބަޓަރު ހާކާލުމަށްފަހު އެއް ރޮށި ފަތުރާލާށެވެ. ފަތުރާލާނީ ވަށައިގެން 1 އިންޗިވަރު ތަވާގެ ފުލުން މައްޗަށް ހުންނަގޮތަށެވެ. ތައްޔާރުކުރި މަސްގަނޑު އޭގެ މަތީގައި ފަތުރާލާށެވެ. ދެން އަނެއް ރޮށި އޭގެ މަތީގައި ބާއްވާށެވެ. އަދި ވަށައިގެން އުލަކުން ފިއްތާލައި ބައްދާލާށެވެ. އުލުން ނުވަތަ ވަޅިއަކުން ޕައިގެ މަތީގައި ލޯވަޅުތަކެއް އަޅާލާށެވެ. މަތީގައި ވަރަށް ކުޑަކުޑަކޮށް ބަޓަރުކޮޅެއް ހާކާލާފައި ވަރަށް މަޑު ގިނީގައި، މަތިޖައިގެން 2 މިނިޓުވަންދެން ފިހެލާށެވެ. ފުށުންޖަހާލައި އަނެއްފުށްވެސް ހަމަ އެގޮތަށް ފިހެލާށެވެ. ރަނގަޅަށް ރޯނުފިލާނަމަ، ރޯފިލަންދެން މިގޮތަށް ތަކުރާރުކޮށްލާށެވެ.