ތައުބާ:ސަތޭކަ މީހުން ގަތުލުކޮށްފައި ހުރި މީހެއްގެ ތައުބާ ގަބޫލުކުރެއްވުނު ވާހަކަ!

Loading

Facebook
Twitter
WhatsApp
https://sandhaanu.today/53302/އާއި ގުޅޭ..

މާތްالله ރުއްސުންލެއްވި أبو سعِيد سَعْد بْنِ مالك بْنِ سِنان الْخُدْرِيގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން رسول الله صَلّى اللهُ عَلَيْهِ وسَلَّم حديث ކުރެއްވިއެވެ. ތިޔަބައިމީހުންގެ ކުރީގައި އުޅުނު މީހުންގެ ތެރޭގައި ނުވަދިހަނުވަ މީހުން قتل ކުޅަ މީހަކު އުޅުނެވެ.  ފަހެ އެ މީހާ ބިންމަތީގައިވާ އެންމެ މޮޅު علم ވެރިޔަކު ހޯދަން އުޅުނެވެ.

އެހިނދު އޭނާއަށް راهب އަކަށް إشارة ކުރެވުނެވެ. ފަހެ އެ މީހާ އެ راهبގެ ގާތަށް ގޮސް ސުވާލުކުރިއެވެ. ”ހަމަކަށަވަރުން ތިމަންނަވަނީ ނުވަދިހަނުވަ މީހުން قتل ކޮށްފައެވެ. ވީމާ ތިމަންނައަށް توبة އެއް ވޭ ހެއްޔެވެ؟“ راهب ޖަވާބުދިނެވެ. “ ނުވެއެވެ.“  ފަހެ އެ މީހާ އެ راهب ވެސް قتل ކޮށްފިއެވެ. އެގޮތުން ސަތޭކަ މީހުން ހަމަކުރިއެވެ. ދެން އެއަށްފަހު ބިންމަތީގައިވާ އެންމެ މޮޅު علمވެރިޔަކު ހޯދަން އުޅުނެވެ. އެހިނދު ދަންނަ ބޭކަލަކަށް إشارة ކުރެވުނެވެ. ދެން އެ علم ވެރިޔާގެ ގާތަށް ގޮސް އެ މީހާއާއި ސުވާލުކުރިއެވެ. ހަމަކަށަވަރުން ތިމަންނަވަނީ ސަތޭކަ މީހުން قتلކޮށްފައެވެ. ވީމާ ތިމަންނައަށް ތައުބާއެއް ވޭ ހެއްޔެވެ؟ علمވެރިޔާ ޖަވާބު ދެއްވިއެވެ. އާނއެކެވެ. އިންސާނާއާއި އެ އިންސާނާގެ ވެރިރަސްކަލާނގެއާ ދެމެދު توبة ވުމަށް ހުރަސް އެޅޭނީ ކާކަށް ހެއްޔެވެ؟ ތިބާ މިވެނި ރަށަކަށް ދާށެވެ. އެ ރަށުގައި އުޅޭ މީހުންނަކީ اللهއަށް އަޅުކަންކުރާ މީހުންނެވެ. އެ ރަށަށް ގޮސް އެ މީހުންނާއެކު اللهއަށް އަޅުކަންކުރާށެވެ.  އަދި ތިބާ ކުރީގައި އުޅުނު ރަށަށް އެނބުރި ނުދާށެވެ. ސަބަބަކީ އެއީ ނުބައި މީހުންގެ ރަށެކެވެ.  ދެން އެ މީހާ މި ދެންނެވި علم ވެރިޔާ ވިދާޅުވި ރަށަށް ދާން ދަތުރުކުރަން ފެށިއެވެ. އަދި ދަތުރު ދެ ބައި ވީތަނާ މަރުވެއްޖެއެވެ. އެ ހިނދު އެ މީހާގެ ފުރާނަ ގެންދާނެ ބަޔަކާމެދު رحمةގެ މަލާއިކަތުންނާއި عذابގެ މަލާއިކަތުންގެ މެދުގައި خيالތަފާތުވެ ވާހަކަ ގިނަވާން ފެށުނެވެ. ފަހެ رحمة ގެ މަލާއިކަތުން ވިދާޅުވިއެވެ. އޭނާ ދަތުރުކޮށްފައި އައީ ހިތުން ރުހުމުން اللهއަށް ޓަކައި توبةވެގެންނެވެ. عذابގެ މަލާއިކަތުން ވިދާޅުވިއެވެ. އޭނާ ދުވަހަކު ވެސް ހެޔޮ عملއެއް ނުކުރެއެވެ. އެހިނދު މަލާއިކަތްބޭކަލަކު އާދަމުގެ ދަރިއެއްގެ ސޫރައިގައި އެ ތަނަށް ވަޑައިގަތެވެ. އެހިނދު އާދަމުގެ ދަރިއެއްގެ ސޫރައިގައި ހުންނެވި ملائكة އާ ގެކިބައިން މި ދެ ބައި މީހުންގެ މެދުގައި އިންސާފުކޮށްދެއްވުމަށް އެ ބޭކަލުން އެދިވަޑައިގަތެވެ. އެހިނދު އިންސާފު ކުރެއްވުމަށް ހަމަޖެހުނު ملائكةއާ ވިދާޅުވިއެވެ. އެ މީހާ ދަތުރުކުރަން ފެށްޓި ރަށާއި ދަތުރުކޮށް ނިންމަން قصد ކުރި ރަށާ ދޭތެރޭ މިން އަޅާށެވެ. އަދި އެ މީހާއާއި އެންމެ ކައިރީގައި އޮތްރަށަކަށް އެ މީހާގެ ނިންމުން ގެންދާށެވެ. (އެ ބަހީ ހެޔޮމީހުންގެ ރަށާއި ކައިރި ނަމަ ހެޔޮ މީހެއްގެ ގޮތުގައެވެ. ނުބައި މީހުންގެ ރަށާއި ކައިރި ނަމަ ނުބައި މީހެއްގެ ގޮތުގައެވެ.) ދެން މިންއެޅިއިރު އެ މީހާއާއި އެންމެ ކައިރީގައިވީ ހެޔޮމީހުންގެ ރަށެވެ. އެހެންކަމުން އެ މީހާގެ ފުރާނަ ހިއްޕެވީ رحمةގެ މަލާއިކަތުންނެވެ.

 އަދި އެހެން ރިވާޔަތެއްގައިވެއެވެ. އެ މީހާ ރަނގަޅު މީހުންގެ ރަށާއި ކައިވަތަކަށް ހުރީ ކައިރިވެފައެވެ.  އެހެން ކަމުން އެ މީހުންފަދަ ރަނގަޅު މީހެއް ކަމުގައި ލެއްވީއެވެ.

އަދި بخاريގެ ރިވާޔަތެއްގައިވެއެވެ. اللهُ سُبْحَانَهُ وَتَعَالى ނުބައި މީހުންގެ ރަށަށް وحيކުރެއްވިއެވެ. ދުރުވާށެވެ. އަދި ހެޔޮމީހުންގެ ރަށަށް وحيކުރެއްވިއެވެ. ކައިރިވާށެވެ. ދެން އެއަށްފަހު ملائكةބޭކަލަކުވަޑައިގެން ވިދާޅުވިއެވެ. އޭނާއާއި އެ ބިމާއި ދެމެދު މިންއަޅާށެވެ. ފަހެ މިންއެޅިއިރު ހެޔޮ މީހުންގެ ރަށާއި ހުރީ ކައިވަތަކަށް ކައިރިވެފައެވެ. އެހެންކަމުން އޭނާގެ ފާފަ ފުއްސަވައި ދެއްވިއެވެ.

އަދި އެހެން ރިވާޔަތެއްގައިވެއެވެ. އޭނާ މަރުވާން ފެށުމުން ހެޔޮމީހުންގެ ރަށާއި ދިމާއަށް ކުރިމަތި ލައިގެން އޮވެއްޖެއެވެ. އެހެންވެ ހެޔޮ މީހެއްކަމުގައި ލެއްވީއެވެ.

ނުނިމޭ…

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް