މާދަމާއަކީ މި އަަހަރުގެ ރަމަޟާން މަހުގެ މުލަރޯދަ ދުވަސް ކަމުގައި ދެންމެ އިއުލާންކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ދެންމެ ވަނީ މާދަމާއަކީ 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމަށް ކަނޑައަޅާފައެވެ.
އެ މިނިސްޓްރީން އެގޮތަށް ކަނޑައަޅާފައި ވަނީ އިސްލާމީ މަރުކަޒުގައި ހަނދު ސާބިތުކުރުމަށްޓަކައި މިރޭ ބޭއްވި ޖަލްސާގައެވެ.
މި ޖަލްސާގައި ހަނދު ސާބިތުވިކަން އިޢުލާންކުރައްވާ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ސޮއިކުރެއްވި ހަނދާބެހޭ ބަޔާން އިއްވަމުން ވިދާޅުވީ ޙިޖްރީ ސަނަތުން 1446 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 29 ވީ ހުކުރު ދުވަހުގެ އިރު އޮއްސުމުގެ ފަހުން، ބައެއް އިސްލާމީ ޤައުމުތަކަށް 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެނުނުކަން ޝަރްޢީ ހަމަތަކުން ސާބިތުވާތީ ރަމަޟާން މަހާއި ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމަށް ދިވެހިރާއްޖޭގައި ޢަމަލު ކުރުމަށް ހަމަޖެހިފައިވާ އުސޫލުގައި ވާ ގޮތުގެ މަތީން މާރިޗު މަހުގެ 1 ވާ ހޮނިހިރު ދުވަހަކީ 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.