ރަމަޟާން މަހަށް އިސްތިޤުބާލުކުރުމޭ ބުނެވިއްޖެ ނަމަ ސަލަފުގެ ބޭކަލުންގެ އަރިހުގައި މާނައަކީ ރަމަޟާން މަސް އައުމުން ފާފަތަކުން ތައުބާވެގަތުމެވެ. އާދަމުގެ ދަރީންނަކީ ފާފަތައް ކުރެވޭ ބަޔަކު ކަމުގައި ވިޔަސް އެއުރެންނީ ވަރަށް ގިނަފަހަރަށް ފާފަތަކުން ދުރުހެލިވެގަންނަ ބަޔެއްވެސްމެއެވެ. އެ ފަދަ ހެޔޮ ނަސީބެއް ލިބޭ ކޮންމެ މުސްލިމެއްގެ ހިތުގައި އުފެދޭނެ ސުވާލަކީ ތައުބާއަކީ ކޮންއެއްޗެއްތޯއާއި އެ މީހަކު ފާފަތަކުން ދުރުހެލިވެގަތުމަށް ޓަކައި ކުރަން ޖެހޭނެ ކަމަކީ ކޮބާ ބާވައެވެ؟ އެހެންކަމުން މި ލިޔުމުގައި ތައުބާއަކީ ކޮންއެއްޗެއްކަން އެނގޭނެ މިންވަރަކަށް މައުލޫމާތު ހިމެނުމާއެކު ތައުބާވުމަށް ޓަކައި ކުރަންޖެހޭ ކަންތައްތައް ބަޔާންކޮށްދީފައިވާނެއެވެ.
ތައުބާގެ މާނަ:
ތައުބާގެ ލަފުޒީ މާނައިގެ ތެރޭގައި ކުރެވުނު ކަމެއްގެ މައްޗަށް ދެރަވުން ހިމެނެއެވެ. އަދި ކުރެވުނު ފާފައެއް އަލުން ނުކުރުމަށް އަޒުމުކަނޑައެޅުމުގެ މާނަ ވެސް ހިމެނެއެވެ. އަދި ފާފައިން އެނބުރި ރުޖޫޢަވެގަތުމުގެ މާނަ ވެސް ހިމެނެއެވެ.
ތައުބާގެ މާނައަކީ ކަމަކުން އެނބުރި ރުޖޫޢަވެގަތުމުމުގެ އެއް މާނަ ކަމުގައި ވިޔަސް އެއީ ހަމައެކަނި ފާފައިން ރުޖޫޢަވުމަށް ބޭނުންކުރެވޭ ލަފުޒެއްނޫނެވެ. އަދި ކިއެއްތަ! އެއީ ހުރިހައި ތަކެއްޗަކުން ރުޖޫޢަވުމަށް ވެސް ބޭނުންކުރެވޭ ލަފުޒެކެވެ.
ފަހުގެ އިލްމުވެރިން ތައުބާގެ މާނަ ތަފާތު އިބާރަތުން ކުރައްވާފައިވެއެވެ. އޭގެތެރޭގައި محمد رواس قلعة جي އާއި بشار عواد معروف އާއި أبوبكر جابر الجزائري ހިމެނިވަޑައިގަނައެވެ. އެ ބޭކަލުންގެ މާނަކުރެއްވުމުގައި ތަފާތު އިބާރާތްތައް ބޭނުންކުރެއްވެވި ކަމުގައި ވިޔަސް އޭގެ މަފުހޫމު ގޮސް ހުއްޓެނީ ކޮށްކޮށްހުރި ފާފާއެއް ނުކޮށް ހުއްޓައިލުމާއި ކުރެވުނު ފާފައިގެ މައްޗަށް ދެރަވުމާއި އަދި ކުރިޔަށްއޮތްތާގައި އެ ފަދަ ފާފައެއް ނުކުރުމަށް އަޒުމު ކުރުމުގެ މައްޗަށެވެ.
ތައުބާވުމަކީ ވާޖިބެއްކަން އެނގޭ ދަލީލުތައް:
މާތް ﷲ ވަޙީކުރެއްވިއެވެ. وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَ الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ [] މާނައީ: އޭ މުއުމިނުންނޭވެ! ތިޔަބައިމީހުން އެންމެން اللهއަށް توبةވާށެވެ! (އެއީ)ތިޔަބައިމީހުން ދިންނަވައި نصيبލިބުމަށް ޓަކައެވެ.
މާތް ﷲ ވަޙީކުރެއްވިއެވެ. يَا أَيُّهَا الَّذِينَ آمَنُوا تُوبُوا إِلَى اللَّهِ تَوْبَةً نَصُوحًا [] މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތެދުވެރި إخلأص ތެރި توبة އަކުން ތިޔަބައިމީހުން الله އަށް توبة ވާށެވެ!
عَنْ أبي هُرَيْرَةَ رضي الله عنه قال : سمِعتُ رسول الله صَلّى اللهُ عَلَيْهِ وسَلَّم يَقُولُ : « واللَّه إِنِّي لأَسْتَغْفرُ الله ، وَأَتُوبُ إِليْه ، في اليَوْمِ ، أَكثر مِنْ سَبْعِين مرَّةً » رواه البخاري . މާނައީ: މާތް الله ރުއްސުންލެއްވި أبو هُرَيْرَة ގެ ކިބައިން ރިވާވެގެންވެއެވެ. رسول الله صَلّى اللهُ عَلَيْهِ وسَلَّم ، حديثކުރައްވަނިކޮށް ތިމަން އަޑުއެހީމެވެ. އެ ކަލޭގެފާނު حديثކުރެއްވިއެވެ. މާތް الله ގަންދީ ބުނަމެވެ. ހަމަކަށަވަރުން ތިމަންރަސޫލާ ކޮންމެ ދުވަހަކު ހަތްދިހަ ފަހަރަށްވުރެ ގިނައިން الله އަށް إستغفار ދަންނަވައި އަދި އެ އިލާހަށް توبة ވަމެވެ.
عن الأَغَرِّ بْن يَسار المُزنِيِّ رضي الله عنه قال : قال رسول الله صَلّى اللهُ عَلَيْهِ وسَلَّم : « يا أَيُّها النَّاس تُوبُوا إِلى اللَّهِ واسْتغْفرُوهُ فإِني أَتوبُ في اليَوْمِ مائة مَرَّة » رواه مسلم . މާނައީ: މާތްالله ރުއްސުންލެއްވި الأَغَرِّ بْن يَسار المُزنِيِّގެ ކިބައިން ރިވާވެގެންވެއެވެ. رسول الله صَلّى اللهُ عَلَيْهِ وسَلَّم حديثކުރެއްވިއެވެ. އޭ މީސްތަކުންނޭވެ! ތިޔަބައިމީހުން މާތްالله އަށް توبة ވާށެވެ. އަދި އެ ކަލާނގެއަށް إستغفار ދަންނަވާށެވެ. އަދި ފަހެ ހަމަކަށަވަރުން ތިމަންރަސޫލާ ކޮންމެ ދުވަހަކު ސަތޭކަ ފަހަރު توبةވަމެވެ.
ތައުބާވުމުގެ ފައިދާ:
رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ހަދީސުކުރެއްވިއެވެ. ( التَّائِبُ مِنْ الذَّنْبِ كَمَنْ لَا ذَنْبَ لَهُ )[] މާނައީ: ފާފައިން ތައުބާވާ މީހާ ފާފައެއް ނުކުރާ މީހެއް ފަދަ އެވެ.
الإمام ابن تيمية ވިދާޅުވިއެވެ. ފާފައިން ތައުބާވާމީހާ ފާފައެއް ނުކުރާ މީހެއް ފަދަ އެވެ. އަދި ފާފަ ފުހެވިއްޖެ ނަމަ އެ ކަމުގެ އަދަބު ފުހެވޭނެތެވެ.
އަދި ވެސް ވިދާޅުވިއެވެ. ފާފައިން ތައުބާވާ މީހާ ފާފައެއް ނުކުރާ މީހެއް ފަދަ އެވެ. އެ ހިނދު އެ މީހަކު ވާހުށީ ﷲއަށް ތަޤުވާވެރިވާ މީހުންގެ ތެރޭގައެވެ. އެހެންކަމުން ﷲ އެ މީހަކަށް ސަލާމަތްވާނެ މަގެއް ދައްކަވާނެތެވެ. ފަހެ ހަމަކަށަވަރުން އަހަރުމެންގެ ނަބިއްޔާ مُحَمَّدً صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަކީ ފަހުގެ ނަބިޔާއެވެ. އެ ކަލޭގެފާނު ގެންނެވި ޝަރީޢަތުގައި ތައުބާވާ ކޮންމެ މީހަކަށް ސަލާމަތްވާނެ މަގެއްވެއެވެ. އެއީ ކުރީގެ ޝަރީޢަތްތަކާ ޚިލާފަށެވެ. ކުރީގެ ޝަރީއަތްތަކުގައި ކުރި ކޮންމެ ކުށަކަށް އަދަބެއް ލާޒިމުކުރެވެއެވެ.[]
الإمام ابن القيم ވިދާޅުވިއެވެ. ފާފައިން ތައުބާވާ މީހާ ފާފައެއް ނުކުރާ މީހެއް ފަދައިން ﷲ ލެއްވެވިއެވެ. ފަހެ އެ އިލާހާ ބައްދަލުވާ ހިނދު ތެދުވެރި إخلأصތެރި ތައުބާއަކުން ތައުބާވެއްޖެ މީހަކަށް ތަބުބާވެވުނު އެ ކުށަކަށް އަޒާބެއް ނުވެއެވެ. ދަންނަބޭކަލުންގެ ސައްހަކަންބޮޑު ޤައުލަކީ އެ ފާފައެއް އިމާމުމީހާއާ ހަމަޔަށް ދިއުމުގެ ކުރީގައި ތެދުވެރި إخلأصތެރި ތައުބާއަކުން ތައުބާވެއްޖެ މީހެއްގެ ކިބައިން ހައްދު ކެނޑިގެންދާނެ ކަމަށެވެ. ފަހެ އިމާމުމީހާއާ ހަމަޔަށް ހިނގައްޖެ ނަމަ ތައުބާއަކުން ހައްދު ކެނޑިގެނެއް ނުދާނެއެވެ. އެއީ ތައުބާވުމުގެ ނަމުން ބަހަނާ ދައްކައިގެން ﷲގެ ހައްދުތައް ގާއިމުނުކުރުމަށް ހުރަހަކަށް ހަދައިފާނެތީއެވެ.
![]()
