ނ. ހޮޅުދޫގައި ފުލުހަކަށް ހަމަލާދީ، އެ ރަށުގައި ހުންނަ ޕޮލިސް ސްޓޭޝަނަށް ގެއްލުންދިން 2 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ ހޮޅުދޫގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނު އެ ރަށު، މާރަނގަ، ޒަކިއްޔާ މޫސާގެ މަރާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު އެ ރަށުގައި ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން ފުލުހަކަށް ހަމަލާދީ، އެ ރަށު ޕޮލިސް ސްޓޭޝަނަށް ގެއްލުންދިނުމުން ކަމަށެވެ.
އެގޮތުން ކޯޓު އަމުރެއްގެ ދަށުން އެ ދެ މީހުން މިއަދު ހައްޔަރުކޮށްފައިވާ ކަަމަށް ފުލުހުން ބުނެފައި ވެއެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާގެ މަރުގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އިހުމާލުވެފައިވާ ކަމަށް ބުނެ އާންމު ރައްޔިތުން އަންނަނީ ފުލުހުންގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރަމުންނެވެ.
އެހެންކަމުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުންވެސް އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.