އަސްލަކީ ފަނޑިޔާރުންގެ މިނިވަންކަން ކަމުގައިވިޔަސް ހަގީގަތް މުރާޖާކުރުން މުހިންމު

Loading

Facebook
Twitter
WhatsApp

ކުރީގެ ބައެއް ސަރުކާރުތަކުގެ ޢަމަލީ އެއް ސިޔާސަތަކީ ހަމައެއް ލަމައެއް ނެތި ފަނޑިޔަރުކަމުން ބައެއް ބޭކަލުން އެކަހެރިކޮށް ބައެއް ބޭކަލުން އެތަނަށް ވެއްދުމެވެ. އެގޮތުން ޖޭ.އެސް.ސީ.ގެ ”ދީލަތި ރަޙުމަތުން“ މުށްބާރުކަމެއްނެތި ސިޔާސީ އެކުޓިވިސްޓުންނަށް ހޭދަކުރުމުގެ މަގުން ދުވަހަކުވެސް ފަނޑިޔާރުކަމުގެ ބާބު ވެސް ހުޅުވާ ބަލާލައިފައިނުވާ ބައެއް ބޭކަލުންނަށް މަތީ މަރުޙަލާގެ ކޯޓުތަކުގެ ފަނޑިޔާރުކަން ދެއްވާފައިވެއެވެ.

އަޖާއިބު ކުރަނިވި އެއްކަމަކީ ބައެއް ބޭކަލުން ޖޭ.އެސް.ސީ.ގެ މެންބަރުންގެ ގޮތުގައި ތިބެފައި ރޭގަނޑު ނިދާފައި ހެނދުނު އަލިވިއިރު ތިބީ މަތީ މަރުޙަލާގެ ކޯޓުތަކުގެ ފަނޑިޔާރުންގެ ގޮތުގައިއެވެ. އަނެއްކޮޅުން ޖޭ.އެސް.ސީ.ގެ ރަޙުމެއްނެތް އަނިޔާގެ ދަށަށް ބައެއް ފަނޑިޔާރުން ވެއްދުނެވެ. ޖޭ.އެސް.ސީ. ގެ ލަނޑުދަނޑިއަކީ އިންސާފު ކަށަވަރުކޮށްދޭ، އިތުބާރުހިފޭ، ޖަވާބުދާރީވާ، ވިސްނުން ފަހި، ފަނޑިޔާރުގެއެއް ކަމުގައި ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 157 ވަނަ މާއްދާގައި ބުނެފައިވިއަސް ފެނިގެންދިޔައީ ރަޙުމެއްނެތް ގޮތުގައި ދިރިތިއްބާ ފަނޑިޔާރުން ގަބުރަށް ލަމުންދިޔަ މަންޒަރެކެވެ. 

ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް މިޑިޔާ ގައި އެމީހުންގެ ރުހުމުގައި ނޫނި ހާމަކުރުން ބެލެވޭނީ ރަހުމު ކުޑަ، އިންސާނީ ކަރާމާތް ގެއްލޭފަދަ އަމަލަކަށެވެ. އަދި މިފަދަ އަމަލު ތަކަކީ ޤާނޫނު އަސާސީ ގެ 54 ވަނަ މާއްދާ އިން މަނާކުރާ ކަމެކެވެ. ނަމަވެސް ފަނޑިޔާރުންގެ ސުލީކީ މައްސަލަތަކުގެ ނަމުގައި މިޑިޔާގައި އެ މީހުންގެ ނަން ހަޑިކުރަމުން ޖޭ.އެސް.ސީ.ން ދިޔައީ އެއްވެސް ރަޙުމެއްނެތް ގޮތުގައި ދިރިތިއްބާ ފަނޑިޔާރުން ގަބުރަށް ލަމުންގެންދާފަދަ ސިފައަކަށެވެ. 

ފަނޑިޔާރު ނިންމަވާ މައްސަލައަކާއިމެދު ހިތްހަމަ ނުޖެހޭނަމަ ދެން އޮތް މަރްޙަލާއަކީ އިސްތިޢްނާފުކުރުން ކަމަށް ވިޔަސް  އިސްތިޢްނާފަށް ހުށަހެޅުމުގެ ބަދަލުގައި  ޖޭ.އެސް.ސީ.އަށް ފަނޑިޔާރުންގެ ސުލޫކީ މައްސަ ހުށަހެޅުމުން ބަލައިގަނެ ފަނޑިޔާރު ބޭޒާރު ކުރުމާއި، ބަދުނާމު ކުރުމާއީ، ފަޟީޙަތްކުރުމުގެ ގޮތުން ނޫސްބަޔާން ތައް ނެރުމަކީ ވެސް ކުރީގެ ސަރުކާރުތަކުގެ ސިޔާސަތާ އެއްގޮތަށް ޖޭ.އެސް.ސީން ކުރަމުން ދިޔަ ޢަދުލާ ޚިލާފު ޢަމަލެކެވެ.  

އަނެއްކޮޅުން ޖޭ.އެސް.ސީ. އެކުލެވިފައިއޮތީ ފަނޑިޔާރުންނަށް ރަހުމުކުޑަ، ނޭއްގާނި ގޮތަކަށެވެ. ފަޑިޔާރުންނަކީ އެއްވެސް ބަޔެއްގެ ނުފޫޒެއް ނެތްބަޔަކަށް ވާންޖެހޭނެ ކަމަށް ގަނޫނު ބުނިއިރު ހަމަ އެ ގާނޫން  ޖޭ.އެސް.ސީ އެކުލެވިފައި އޮތީ ނޭއްދާރު ސިޔާސީ ބާރެއްގެ މައްޗަށެވެ. އެފަދަ ސިޔާސީ ނުފޫޒު ގަދަ ބަޔަކު ޖަވާބުދާރީ ކުރުވާ ބަޔަކަށް ފަނޑިޔާރުގެ ވުމުން ފަޑިޔާރުންގެ ޙާލަތު ސިފަކުރެވިގެން ދިޔައީ ޝިކާރުކުރުމުގެ ނަން މަޝްހޫރު ވަލު ޖަނަވާރު ތަކެއްގެ މެދުގައި ޅަ ނިއަމިސޫއްޕެއް އޮތީހެންނެވެ. 

ޚަބަރު ލިބުނު ގޮތުގައި ޝިކާރީއަށް އަތުނުޖެހި ސޫފި ދުވާހެން ދުވަމުންގޮސް ބައެއް ފަނޑިޔާރުން ވަޒިފާއިން އަމިއްލައިން ވަކިވެ ޖާން ސަލާމަތްކޮށް ގަތެވެ. އަދި އަތްދަށުވި ބައެއް ފަނޑިޔާރުން ގަދަކަމުން ވަކިކޮށްފިއެވެ. މިސަބުތައް މިގޮތަށް ހުރުމުން ޖޭ.އެސް.ސީ އަކީ ސިޔާސީ ފަރާތްތައް ނުހިމެނޭ ގޮތަށް އޮންނަ ތަނަކަށް ވުން މުހިއްމުކަމުގައި ރާއްޖޭގެ ގިނަބަޔަކު އިއްތިފާޤުވެއެވެ. 

 ވޭތުވެދިޔަ ބައެއް ސަރުކާރުތަކުން އަމަލުކޮށްފައި ވަނީ އިސްވެދިޔަ މަގުން ކަމަށް ވާތީވެ އަސްލަކީ ފަނޑިޔާރުންގެ މިނިވަން ކަންކަމުގައި ވިޔަސް އެ ބޭކަލުންގެ ޙަގީގަތް މުރާޖާކުރުން މުހިންމެވެ. ޚާއްސަކޮށް ކުރީގެ ބައެއް ސަރުކާރުތަކުގެ މަސްލަޙަތާއި އެއްގޮތަކަށް ސިޔާސީ ފުރޭމުން އައްޔަން ކުރެވިފައިވާ ފަނޑިޔާރުން މި ސަރުކާރުގެ ލެޖެސްލެޓިވު އެޖެންޑާގެ ދަށުން މުރާޖައާ ކުރަންޖެހޭކަމަށް ދެކެމެވެ. ނަމަވެސް ސުވާލަކީ މިސަރުކާރަކީ ކުރީގެ ސަރުކާރުތަކަށްވުރެން ވަކި މާރަނގަޅު ސަރުކާރެއް ހެއްޔެވެ؟!    

މާޒީއާއެކުވެގެން ދިޔަ ވެރިކަންތައް ކުރެވިފައިވަނީ ޖުމުލަކޮށް ތިން ވައްތަރަކަށެވެ. ފުރަތަމައީ، ހަމައެކަނި ވެރިކަމުގެ ދަހިވެތިކަމުގައި ކުރެވުނު ވެރިކަމެކެވެ. ދެވަނައީ، ޢުމުރާނީ ގިނަ މަޝްރޫޢުތަކެއް ދައްކައިގެން ރައްޔަތުން ރުއްސެވުމަށް ކުރެވުނު ވެރިކަމެކެވެ. ތިންވަނައީ، ގައުމު އިފުލާސް ކޮށްލުމަށް ގަސްތުކޮށްގެން ކުރެވުނު ވެރިކަމެކެވެ. ހަތަރުވަނައީ، ހާޟިރީގެ ދުވަސްތައް ގުނަމުންދާ ސަރުކާރެވެ. ބާކީ ދުވަސްތަކެއް އޮތަތީވެ އެއީ ކޮންވައްތަރެއްގެ ސަރުކާރެއްކަން ދަންނަވަން މިވަގުތަށް އަދި ދައްޗެވެ.

 ކޮންމެއަކަސް އެގޭ މިންވަރަކީ ކުރީގެ ބައެއް ވެރިކަމުގައި ފަނޑިޔާރުގެއާއި ކުޅެފައިވާކަމީ ދިވެހި ހުރިހާ ރައްޔަތުން ހެކިވާ ކަމެކެވެ. އެ ކުޅުމުގެ ތެރޭގައި ފަނޑިޔާރު ގެއަށް ވެއްދިފައިތިބި ބައެއް ފަނޑިޔާރުންގެ ޙަގީގަތް އަލުން ދިރާސާއެއްކޮށް އަދުލުވެރިކަމުގެ ސިފަ އެމީހުންގެ މައްޗަށް ކަނޑައެޅޭތޯ ބެލުމަކީ ސަރުކާރުގެ ގާނޫނީ އެޖެންޑާގައި ކޮންމެހެން ވެސް ހިމަނަންޖެހޭ ކަމެކެވެ. މިހެން ދަންނަވަން ޖެހެނީ އެގޮތަށް ޢަމަލު ނުކޮށްފި ނަމަ ކަމުގެ ބިރުވެރިކަން މުޖުތަމައަށް އޮތް މިންވަރު ބޮޑުކަމުންނެވެ. 

ފަނޑިޔާރެއްގެ ކިބައިގައި ހުންނަންޖެހޭ ތެދުވެރިކަމުގެ ސިފައަށް ބަލާއިރު މި ވަގުތު ތިބި ފަނޑިޔާރުންގެ ތެރޭގައި ސަރުކާރުގެ މުޢައްސަސާއެއްގެ ތަޙުގީގުން ކަރޮޕުޝަނުގެ ތުޙުމަތު ކުރެވޭ މީހެއް ހުރިތޯބަލައި މުރާޖަޢާ ކުރަަންޖެހެއެވެ. އަދި ފަނޑިޔާރެއްގެ ކިބައިގައި ހުންނަންޖެހޭ އަބުރުވެރިކަމުގެ ސިފައަށް ބަލާއިރު ސިޔާސީ ޙަރަކާތެއްގައި ބައިވެރިވެ މަގުމަތީގައި ކުރިމަތިލުމުގެ ޙަރަކާތަކަށް ގޮސްފައިހުރި މީހެއްތޯ ބަލަން ވެސް ޖެހެއެވެ. 

ކުރީގެ ބައެއް ސަރުކާރުން ބައެއް ފަރާތްތަކަށް ޤާޟީކަން ދީފައިވަނީ އިޖުރާއަތްތަކާ ޚިލާފަށް ކަމަށް ސޯސަލް މީޑިޔާގައި އަޑު އުފުލިފައިވާތީ އެކަމުގެ ޙަގީގަތާއި އެ ފަދަ ފަނޑިޔާރެއްްގެ ބެކުގުރައުންޑު ވަރަށް ރަނގަޅަށް ރައްޔަތުންނަށް އޮޅުން ފިލުވައި ދިނުމަކީ ވެސް ޝަރުޢީ ދާއިރާ މިނިވަން ކުރުމަށް ޓަކައި ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެކެވެ.

ފަނޑިޔާރުކަމަށް ޢައްޔަންކުރެވޭ މީހުންނަކީ ކުރީގައި ޤާނޫނީ ވަކީލުކަމުގެ ވަޡީފާ ނުވަތަ ދައުލަތުގެ ތަފާތު މަޤާމުތައް ފުރާފައިވާ މީހުން ކަމުގައި ނުވުމަކީ އެދެވިގެންވާ ގޮތެވެ. އެހެނީ ބައެއް ގާނޫނީ ވަކީލުންނަކީ ހުނަރުގެ ގޮތުން ޙައްގު ބާޠިލަށް އަދި ބާޠިލު ޙައްގަށް (ތެދު ދޮގަށް އަދި ދޮގު ތެދަށް) ބަދަލުކޮށް ލުމުގެ ހުނަރުވެރި ބަޔެވެ. އަދި އެ ދައިރާގައި ގިނަ ދުވަހު މަސްކަތްކުރުމުގެ ސަބަބުން ބައެެއް ވަކީލުންގެ ހަށިގަނޑުގައި އެކަމުގެ ދެވި ހިފާފައިހުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެއާ ޚިލާފަށް ފަނޑިޔާރުންނަކީ ޙައްގުނޫން އެއްޗެއް ނޫނީ ނޭގޭ ބަޔަކަށް ވާންޖެހެއެވެ. އެ ލަނޑުދަނޑި ޙާސިލުކުރުމަށް ޓަކައި ޝަރީޢަތާއި ގާނޫނު ކިޔަވާގެން އަލަށް ކުރިމަތިލައްވާ ފަރާތަކަށް އިސްކަންދިނުމަކީ ފަނޑިޔާރުން މިނިވަންކުރުމަށް ޓަކައި ހިފަންޖެހޭ އެއް މަންހަޖެވެ. 

ކޮންމެއަކަސް ވޭތުވެދިޔަ ސަރުކާރުގެ ބޮޑު މަންޒަކަށްވީ ބައެއް ސިޔާސީ ނުފޫޒުން ކޯޓުގައި ތަޅުއަޅުވައި ފަޑިޔާރުގެ ޙިސާރުކުރުމެވެ. އަދި ބައެއް ސިޔަސީ ނުފޫޒުން ކޯޓުގެ ޓިނު ނަގާ ފުރާޅުން ފުންމައިގެން ބައެއް ފަނޑިޔާރުން ޝިކާރުކޮށް ގަތުމެވެ. އަދި ޖޭ.އެސް.ސީ ގެ ރަޙުމެއްނެތް އަނިޔާގެ ތާރީޚު ވަރަށް ވެސް ދިގެވެ. ފަނޑިޔާރުންނަށް ދާއިމަށް ދެރަ ދެވޭނެ ހުރިހާ މަސައްކަތެއް ވަނީ ފަރުމާކޮށްފައެވެ. އެގޮތުން ޖޭ.އެސް.ސީ އަށް  ސިޔާސީ ބާރުއަތުލައި އަދި ކުރީގެ ސަރުކާރުތަކުން ފަނޑިޔާރުންނަށް އަމާޒުކޮށްގެން ޤާނޫނުތަކާއި އުޞޫލުތައް ހަދައި ފަނޑިޔާރުންނަށް ލިބިދީފައިވާ ބައެއް ޙައްޤުތަކެއް ޖަރަހަށް އުނިކޮށްލާފައި ވެއެވެ. އެގޮތުން ސުލޫކީ މައްސަލައެއްގައި ވަކިކޮށްފި ނަމަ ޚިދުމަތްކުރި މުއްދަތަށް ބަލައި ފައިސާގެ އެއްވެސް އިނާޔަތެއް ފަނޑިޔާރުންނަށް ނުލިބޭގޮތަށް ވަނީ ހަދައިފައެވެ. ނަމަވެސް ސިވިލްސަރވިސްގެ މުވައްޒަފަކު ވަކިވިޔަސް ވަކިކުރި ނަމަވެސް ޚިދުމަތުގެ މުއްދަތަށް ބަލައި ފައިސާގެ އިނާޔަތެއް ލިބިދެއެވެ. މިއީ އިދާރީ ފިޔަވަޅު އެޅުމުގައި އިދާރީ ގޮތުން ދައުލަތުގެ މުވައްޒަފުން ތަފާތުކުރުމެކެވެ. 

ފަނޑިޔާރު ކަމުގައި ހުންނަވާއިރު ޕެންޝަން ސްކީމަށް މުސާރައިން ބޮޑު ޢަދަދެއް ކަނޑުމަށްފަހު ވަކިކުރާއިރު ކެނޑި ފައިސާއިން އެއްވެސް މިންވަރެއް ނުލިބޭގޮތަށް އޮތުމަކީ ޔަގީނުންވެސް ވެވޭ އަނިޔާއެކެވެ. އަދި ޖޭ.އެސް.ސީ އަށް  ބިރުން ނުވަތަ ވޭތުވެދިޔަ ބައެއް ސަރުކާރުތަކުގެ ނުފޫޒަށް ބިރުން ބައެއް ފަނޑިޔާރުން އެއްޗެއްނުލިބި އަމިއްލައިން ވަކިވެވެގެން ހިނގައްޖެއެވެ. އަދި ބައެއް ފަނޑިޔާރުން ވަކިކޮށްފިއެވެ.

 ކޮންމެއަކަސް ބޭނުންވަނީ އެ މީހުންނަށް ވެސް އިންސާފުލިބުމެވެ. އެއީ އެ މީހުން ކުށެއް ކުރިކަން ސާބިތުވެއްޖެ ނަމަ އެ ކަމަށް އަދަބު ދިނުމެވެ. އެއީ ވަޒީފާއިން ވަކިކުރުން ކަމުގައި ވިޔަސް މެއެވެ. ނަމަވެސް އެމީހުން ކޮށްފަައިވާ ބުރަ މަސައްކަތަށް ޙައްގުވި މާލީ ޢިނާޔަތު ސިވިލްސަރވިސްގެ މުވައްޒަފުންނެކޭ އެއްފަދައިން ހަމަހަމަކަމާއިއެކު އެ މީހުންނަށް ވެސް ދިނުމެވެ.   

އިލްތިމާސް

އެކެއް: ކުރީގެ ސަރުކާރުތަކުގެ މަސްލަޙަތާއި އެއްގޮތަކަށް ސިޔާސީ އެކުޓިވިސްޓުންގެ ދޮރުން ވައްދާފައިވާ ފަނޑިޔާރުން މި ސަރުކާރުގެ ލެޖެސްލެޓިވު އެޖެންޑާގެ ދަށުން މުރާޖަޢާ ކުރުމަށް ގޮވާލަމެވެ.

ދޭއް: ސިޔާސީ ނުފޫޒުގެ ސަބަބުން ވަޒިފާއިން އަމިއްލައިން ވަކިވެފައިވާ ފަނޑިޔާރުންނާއި އަދި ގަދަކަމުން ވަކިކޮށްފައިވާ ފަނޑިޔާރުންގެ މައްސަލަ އަލުން ބައްލަވައި ދެއްވުމަށް ގޮވާލަމެވެ.

ތިނެއް: ސިވިލްސާވިސްގެ މުވައްޒަފުންނާއިމެދު އަމަލުކުރާ އުސޫލުތަކާ ޚިލާފަށް ފަނޑިޔާރުންނާއިމެދު ޢަމަލުކުރުމަށް ގާނޫނާއި ގަވާއިދުތަކަށް ކުރީގެ ސަރުކަރުތަކުން ވައްދާފައިހުރި ފަނޑިޔާރުންގެ ޙައްގުތަކަށް އުނިކަންއަންނަ  މައްދާތައް އިސްލާޙު ކުރުމަށް ގޮވާލަމެވެ. 

ނިންމާލުމުން ސަރުކާރަށާއި ފަނޑިޔާރުންނާގުޅޭ ހުރިހާ ބަލަދުވެރިފަރާތް ތަކަށް އަޅުގަޑު މިގޮވާލަނީ ޤާނޫނީ އިމުން ބޭރުނުވެތިބެގެން، ޝަރްޢީ ދާއިރާގެ ކަރާމަތް ނުގެއްލޭ ގޮތަށް ފަނޑިޔާރުންގެ ކަންތައްކުރިޔަތް ގެންދިއުމަށެވެ. އެހެނީ ޢަދުލުއިންސާފަކީ މުޖުތަމައެއްގެ ހަމަޖެހުން ކަމުގައިވާތީއެވެ.        

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް