https://sandhaanu.today/53163/ އާއި ގުޅޭ ….
ޖުޑިޝަރީގެ މުސްތަޤިއްލުކަމަށް ދިމާވި ދާޚިލީ ގޮންޖެހުންތައް :
އެކެއް: 2010 އޮގަސްޓުގައި ސުޕްރީމް ކޯޓުގައި ވެރިކަމުގެ ބާރުން، ގަދަކަމުން ތަޅު އެޅުވުން.
ދޭއް: 16 ޖަނަވަރީ 2012 ދުވަހު ރޭގަނޑު ދަންވަރު ދިވެހި ޢަސްކަރިއްޔާ ޤާޟީއަކު ޙިޞޯރުކުރުން.
ޤާނޫނު އަސާސީގެ 158 ވަނަ މާއްދާގެ ސަބަބުން ޖުޑިޝަރީ އަށްކުރިމަތިވެފައިވާ ގޮންޖެހުންތައް:
މި މާއްދާގެ މައްޗަށް ކުރީގައި ވަނީ އަލި އަޅުވާލެވިފައެވެ. ކުރީގައިވެސް ދެންނެވި ފަދައިން ޖޭ.އެސް.ސީ އަކީ ފަނޑިޔާރުންގެ އެންމެހާ ކަންތައތަކާއި ސީދާ ޙަވާލުވެފައިވާ ފަރާތްކަމަށް ވީހިނދު އެ ކޮމިޝަންގައި އެއްވެސް ސިޔާސީ ބަޔަކު ހިމެނުމަކީ އެކަމުގެ ނޭދެވޭ އަސަރު އެތަނަށް ކުރާނެކަމެއް ކަމަށް ޤަބޫލު ކުރެވެއެވެ. އަދި އެފަދަ އަސަރުތަކުގެ ސަބަބުން ޖުޑިޝަރީގެ މުސްތަޤިއްލު ކަމަށް ހުރަސް އެޅި ވަރަށް ގިނަ ފަހަރަށް ފަނޑިޔާރުންވެސް އެކަމުގެ ޝިކާރައަކަށް ވެދެއެވެ.
ޖޭ.އެސް.ސީ މިހާރު މިއޮތްގޮތަށް އޮވެއްޖެނަމަ ޖުޑިޝަރީގެ މުސްތަޤިއްލުކަން ދެމެނުހެއްޓޭނެ ކަމުގެ ބިރުވަނީ މިހާރު ހީވެފައެވެ. ބޭރުފުށަށް ފެންނަ ގޮތަށާއި އަދި ނުފެންނަ ގޮތަށް ވެރިކަމުގެ ފަރާތުން ބޭނުންވާ ސިޔާސީ ރޯލު ކުޅެވޭނެކަމުގެ މަލަމަތި މިހާރު މިވަނީ ޖުޑިޝަރީން ފެންނަން ފަށާފައެވެ. އަދި ބޭނުން ވަގުތަކު ބޭނުން ގޮތަކަށް ޖުޑިޝަރީ އާ ކުޅެލުމުގެ ފުރުޞަތު، ޖޭ.އެސް.ސީ އެގޮތަށް އެކުލެވިފައި އޮވެއްޖެ ނަމަ މަގުފަހިވެގެންދާނެ ކަމާމެދު އޮޅުމެއްނެތެވެ. ފަނޑިޔާރުން ޢައްޔަން ކުރުމުގައި ނުފޫޒު ހިންގިދާނެއެވެ. ފަނޑިޔާރުން ބަދަލު ކުރުމުގައި ނުފޫޒު ހިންގިދަނެއެވެ. ފަނޑިޔާރުންގެ މައްޗަށް ތައުދީބީ ފިޔަވަޅު އަޅުމުގައި ނުފޫޒު ހިންގިދާނެއެވެ. ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމުގެ ނަމުގައި ނުފޫޒު ހިންގިދާނެއެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ބައެއް ފަނޑިޔާރުން ވަޒިފާއިން އަމިއްލައިން ވަކިވެ ޖާން ސަލާމަތްކޮށްގަތީ އެ ފަދަ ނުފޫޒުތަކުގެ ސަބަބުންނެވެ.
ވާސިލުވި ނަތީޖާއަކީ : ދިވެހިރާއްޖޭގެ ޖުޑިޝަރީ ވަނީ ވެރިކަމުގެ ބާރާއި ނުފޫޒުގެ ދަށުގައިކަން އިސްވެ ދެންނެވުނު ދަލީލުތަކުން އެނގުމެވެ. އަދި ދިވެހިރާއްޖޭގެ ޖުޑިޝަރީގައި ފަނޑިޔާރުންނަށް މުސްތަޤިއްލުކަން ލިބިފައި ނުވާކަމެވެ. ވީމާ ސިޔާސީ ނުފޫޒުން ޖުޑިޝަރީ ސަލާމަތްކޮށް، ފަނޑިޔާރުންނަށް މުސްތަޤިއްލުކަން ހޯދާދިނުމަށް ބެނުންވާ ބައެއް ކަންތަކަށް އަލިއަޅުވައިލާނަމެވެ.
ޤައުމެއްގެ ތަރައްގީ ބިނާވެފައިވާނީ އެ ޤައުމެއްގެ ސިޔާސީ ހަމަޖެހުން އޮތް މިންވަރެއްގެ މައްޗަށެވެ. އަދި ސިޔާސީ ހަމަޖެހުން ބިނާވެފައިވަނީ އެ ޤައުމެއްގެ ޖުޑިޝަރީ މުސްތަގިއްލުވެފައި އޮތް މިންވަރެއްގެ މައްޗަށެވެ. އެހެންކަމުން ޖުޑިޝަރީގެ އިސްތިގުލާލުގެ ލަނޑުދަނޑި ހާސިލުކުރުމަށް ޓަކައި ޤާނޫނު އަސާސީ ބިނާކުރައްވާފައިވާ އަންނަނިވި ދެ ކަންތައް ހާސިލު ކުރުމަށް އިސްކަންދޭންޖެހެއެވެ.
ފުރަތަމަ ކަމަކީ : ޖުޑިޝަރީއަކީ ޤައުމުގެ ތިން ބާރުގެ ތެރެއިން ވަކި ބާރެއްގެ ގޮތުގައި އޮތުމެވެ. އަދި އެހެން ބާރެއްގެ ވަޡީފާއެއްގެ ގޮތުގައި ނެތުމެވެ.
ދެވަނަ ކަމަކީ: ފަނޑިޔާރުންގެ މަސައްކަތަށް އެއްވެސް ފަރާތެއްގެ ތަދައްޚުލެއް ނެތުމެވެ.
ދިވެހިރާއްޖެއަށް މިފަހުގެ ތާރީޚުގައި ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޝަރުޢީ ދާއިރާގެ މުސްތަގިއްލުކަމާމެދު މީސްތަކުންގެ މެދުގައި އުފެދޭ ސުވާލުތަކާއި ކުރެވޭ ޝަކުވާތަކެވެ.
ޖުޑިޝަރީގެ މުސްތަގިއްލުކަމުގެ ތާރީޚު ފެށިފައިވަނީ ކީރިތި ޤުރްއާނުގެ ވަޙީ ބާވައިލެއްވުމަށް ފެށުމާއެކުކަމުގައި ވީހިނދު ކީރިތި ޤުރްއާނުގެ ވަރަށް ގިނަ އާޔަތްތަކާއި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ ވަރަށް ގިނަ ހަދީސުތަކުން އެކަމުގެ ހެކި ލިބިފައިވާތީވެ އިސްލާމީ އެ ތަރިކަ ރައްކާތެރިކޮށް ދެހެއްޓުމަށް ޓަކައި އަސާސީ ބަދަލުތަކެއް ގެންނަންޖެހެއެވެ. އޭގެ ބޭނުމަކީ ވެރިކަމުގެ ބާރާއި ނުފޫޒުގެ ދަށުން ދިވެހިރާއްޖޭގެ ޖުޑިޝަރީ ސަލާމަތްކޮށް، ދިވެހިރާއްޖޭގެ ޖުޑިޝަރީގައި ފަނޑިޔާރުންނަށް ޝަޚްޞީ ގޮތުންނާއި އަދި މައުޟޫޢީ ގޮތުން މުސްތަޤިއްލުކަން ލިބިދިނުމަށް ޓަކައެވެ. އެ އަސާސީ ބަދަލުތަކަކީ:
އެކެއް: ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ތަޢުލީމީ ޙާލަތު ރަނގަޅުކުރުން. އެގޮތުން ފަޑިޔާރެއްގެ އަސާސީ ޝަރުޠަކީ ދިވެހިރާއްޖޭގެ އެމް.ކިއު.އޭ. ގަބޫލުކުރާ ޔުނިވަރުސިޓީއަކުން ޝަރްޢީދާއިރާއިން ޕީ.އެޗް.ޑީ. އޮތުން.
ފަނޑިޔާރުންގެ މުސްތަޤިއްލުކަން ބިނާވާ އެއްކަމަކީ އެބައިމީހުންނަށް ލިބިފައިވާ ތަޢުލީމާއި ތަރުބިޔައްތުގެ މައްޗަށް ކަމަށްވެފައި ޝަރްޢީ އަދި ޤާނޫނީ ޢިލްމު ލިބިގެން ނޫނީ މުސްތަޤިއްލުކަމާއެކު މީސްތަކުގެން މެދުގައި ފައިޞަލާ ނުކުރެވޭނެކަމަށް ވާތީވެ މަތީ މަރުޙަލާގެ ތަޢުލީމަށް ރާއްޖެއިން ބޭރަށް ދާން ޝައުޤުވެރިވާ ފަނޑިޔާރުންނަށް އެފަދަ ކަންކަމަށް ބޭނުންވާ މާލީ އެހިތެރިކަމާއި އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޡާމެއް ޖުޑިޝަރީގައި ޤާއިމް ކުރުން މުހިންމެވެ.
ދޭއް: ޤާނޫނު އަސާސީގެ 158 ވަނަ މާއްދާ އިޞްލާޙު ކުރުން. އެގޮތުން ޖޭ.އެސް އަކީ ހަމައެކަނި ފަނޑިޔާރުންގެ މައްޗަށް އެކުލެވިފައިވާ ކޮމިޝަނަކަށް ހެދުން.
ތިނެއް: ޤާނޫނު އަސާސީގެ 147-148 ދެ މާއްދާ އަށް އިޞްލާޙު ގެނައުން. އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޢައްޔަން ކުރާނީ ރައީސުލްޖުމުހޫރިއްޔާކަމުގައި އޮތް މާއްދާ އިސްލާހުކޮށް އެކަންކުރާނީ ފަނޑިޔާރުންގެ ޢާއްމު ވޯޓަކުން ކަމަށް އޮތުން. ނުވަތަ ޖޭ.އެސް.ސީ ގައި ފަނޑިޔާރުން ތިބެގެން އެމީހުންގެ މެދުގައި ނެގޭ ވޯޓަކުން ކަމަށް ހަމަޖެއްސުން އަދި އުއްތަމަ ފަނޑިޔާރު ކޮންމެ ފަސް އަހަރަކުން ބަދަލުވާ ގޮތަށް އޮތުން.
އޭގެ އިތުރުން ގެންނަންޖެހޭ ބައެއް އިސްލާހީ ބަދަލުތައް:
1: ދިވެހިރާއްޖޭގެ ފަނޑިޔާރުގެތަކާއި އެތަންތަނުގެ ޢުމުރާނީ ޙާލަތު ރަނގަޅުކުރުން (ރާއްޖެ ތެރެއަށް ސްޕީރިއާ ކޯޓްތައް ތައާރަފުކުރުން)
ރާއްޖޭގެ ޢުމުރާނީ ތަރައްޤީގެ ދުވެއްޔާ އަޅާ ބަލާއިރު ޖުޑިޝަރީގެ ޢިމްރާނީ ތަރައްޤީ އަށް އެކަށީގެންވާ ކުރިއެރުމެއް ލިބިފައި ނުވާތީވެ ފަނޑިޔާރުގެތަކާއި އެތަންތަނުގެ ޢުމްރާނީ ޙާލަތު ރަނގަޅުކުރުމުގެ އިތުރުން ކޮންމެ އަތޮޅެއްގެ ވެރިކަންކުރާރަށުގައި ޖިނާއީކޯޓުގެ ގޮތްޕެއްޤާއިމުކުރުން.
2: ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ސިކިއުރިޓީ ޙާލަތު ރަނގަޅުކުރުން: (ފަނޑިޔާރުންގެ ސިކިއުރިޓީ ދޭނެ، ވަކި ބޮޑީއެއް ޤާއިމްކުރުން)
ފުލުހުންނާއި ސިފައިން ލައްވާ ފަނޑިޔާރުންގެ ސިކިއުރިޓީ ބެލެހެއްޓުވުމަކީ ފަނޑިޔާރުންގެ މުސްތަޤިއްލުކަމަށް އެޅޭ ހުރަހަކަށްވާތީވެ ފަނޑިޔާރުންގެ މުއައްސަސާގައި ފަނޑިޔާރުންގެ ސިކިއުރިޓީ ދޭނެ، ވަކި ބޮޑީއެއް ޤާއިމްކުރުން.
3: ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ މުސާރައިގެ އޮނިގަނޑު ރަނގަޅުކުރުން:
ފަނޑިޔާރުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައުމުގައި ހުރިހާ ފަނޑިޔާރުންގެ އަސާސީ މުސާރަ ހަމަހަމަކުރުމާއި ތަފާތު މަރުޙަލާތަކުގެ ކޯޓުގެ އެލަވަންސް ތަފާތު ކުރުމާއި ޚިދުމަތުގެ މުއްދަތުގެ އެލަވަންސް ތަފާތު ކުރުމާއި ހުށަހެޅޭ މައްސަލަތަކާއި ނުވަތަ އާބާދީގެ އެލަވަންސް ތަފާތު ކުރުމާއި މަތީ ތަޢުލީމުގެ އެލަވަންސް ތަފާތު ކުރުންފަދަ ރަނގަޅު ހެޔޮ ބަދަލުތަކެއްގެނައުން.
4: ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު 10 އަކަށްވުރެ މަދު ނުކުރުން އަދި އުއްތަމަ ފަނޑިޔާރުގެ ރައުޔު ދަސްތޫރީ މައްސަލަތަކުގެ ޙުކުމްތަކުގައި ޝާމިލް ނުކުރުން.
5- މަތީ މަރުޙަލާ ކޯޓުތަކުން ނިމޭ މައްސަލަތައް ރިވިއު ކުރާނެ ކޮމިޓީއެއް އެކުލެވުން އަދި އެ ނިންމުންތަކުގެ ޞައްޙަކަން ކަށަވަރު ކުރުން.
6- ޖުޑިޝަރީ އެކަޑަމީން ދަރިވަރުން ޤަބޫލު ކުރުމުގައި އަސާސީ ޝަރުޠަކީ ސިޔާސީ ޕާޓީއެއްގައި ނުވާފަރާތެއް ކަމުގައި ކަނޑައެޅުން.
7- ފަނޑިޔާރުކަމަށް ޢައްޔަންކުރެވޭ މީހުންނަކީ ކުރީގައި ޤާނޫނީ ވަކީލުކަމުގެ ވަޡީފާ ނުވަތަ ދައުލަތުގެ ތަފާތު މަޤާމްތައް ފުރުއްވާ މީހުން ކަމުގައި ނުވުން.އެގޮތުން ކިޔަވާގެން އަލަށް ކުރިމަތިލައްވާ ފަރާތަކަށް އިސްކަންދިނުން.
8- ތައުދީބީ ފިޔަވަޅެއްގެ ގޮތުންނޫނީ ފަނޑިޔާރުން އެއްތަނުން އަނެއް ތަނަށް ބަދަލު ނުކުރެވޭނެކަމުގެ ގެރެންޓީ، ޤާނޫނުން ކަށަވަރުކޮށް ދިނުން.
9- ޖުޑިޝަރީގައި ފަނޑިޔާރުންގެ ސިކިއުރިޓީ އަށް ވަކި ބޮޑީއެއް ޤާއިމް ކުރުން. ފުލުހުންގެ މުއައްސަސާ މެދުވެރިކޮށް ފަނޑިޔާރުންގެ ސިކިއުރިޓީ ބެލެހެއްޓުވުން ވަގުތުން ހުއްޓާލުން.
10- ފަނޑިޔާރުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައުން: އެގޮތުން އަންނަނިވި ކަންތަކަށް ސަމާލުކަން ދިނުން :
ހ- ހުރިހާ ފަނޑިޔާރުންގެ އަސާސީ މުސާރަ ހަމަހަމަކުރުން.
ށ- ތަފާތު މަރުޙަލާތަކުގެ ކޯޓުގެ އެލަވަންސް ތަފާތު ކުރުން.
ނ- ޚިދުމަތުގެ މުއްދަތު އެލަވަންސް ތަފާތު ކުރުން.
ރ- ހުށަހެޅޭ މައްސަލަތަކާއި ނުވަތަ އާބާދީގެ އެލަވަންސް ތަފާތު ކުރުން
ބ- މަތީ ތަޢުލީމުގެ އެލަވަންސް ތަފާތު ކުރުން.
11- ފަނޑިޔާރުންގެ އެންމެހާ މާލީ ޢިނާޔަތްތައް ސީދާ ޖުޑިޝަރީން ފޯރުކޮށްދިނުން. އެހެން އެއްވެސް މުއައްސަސާއަކުން ފަނޑިޔާރުންނަށް މާލީ ޢިނާޔަތެއް ނުދެވޭގޮތަށް ޤާނޫނަކުން ކަނޑައެޅުން.
12- ކޮންމެ އަހަރަކު އެއްފަހަރު ފަނޑިޔާރުންގެ މަހާސިންތާއެއް ބޭއްވުން.
ހ- ދުރާލާ މަހާސިންތާ އޮންނާނެކަން އިޢުލާން ކުރުން.
ށ- މައުޟޫޢު ކަނޑައަޅާ އެކަމަށް ކުރިމަތިލުމަށް ޢާއްމުކޮށް އިޢްލާން ކުރުން.
ނ- ހުރިހާ ފަނޑިޔާރުންނަށް ޚިޔާލު ހުށަހެޅުމަށް ފުރުޞަތު އެރުވުން.
ރ- ޤާނޫނީ ވަކީލުންނާއި ޤާނޫނީ ދާއިރާގެ ފަރާތްތައް ޚިޔާލު ހުށަހެޅުމަށް ފުރުޞަތު ދިނުން.
ބ- ބައިނަލްއަޤްވާމީ އެކަޑަމިކް ކޮންފަރެންސްތަކާއި އެއްގޮތަކަށް ކުރިޔަށް ގެންދިޔުން.
وصلى الله على نبينا محمد وآله وصحبه وسلم
One Response
އާދެހެވެ! ޖުޑިޝަރީ އަބަދުވެސް އޮތީ ވަރަށް ދެރަވަރުކޮށެވެ. ވާނީވެސް ދެންވެސް ވާނީ ހަމަ އެހެންކަމުގައި ދެކެމެވެ. އެހެނީ އަބަދުވެސް ދައުލަތް ހިންގަދޭ ސަރުކާރަކާރުގެ އިސްމީހާއަކި ނުވަތަ އިސްވެރީންނަކީ ހެއްދިވިހާ ނުބައިކަމެއްކޮށް އަދި ދަރަނިވެސް ވެރީންނެވެ. ދީނީލޯބި ބޭރުފުސުން ވެރިކަން ހޯދުމަށް ރައްޔަތުންގެ އަރިހަށް ސަލާމްޖަހަން ދާއިރު ވަރަސް ދައްކާބައެކެވެ. މަރުމަތީން ހަދާނެއް ނުވެއެވެ. އާޚިރަރުގައި ޖަވާބުދާރީ ވާންޖެހޭނެ ކަމަކަށް ނިދެކެވެ. މިހާރު ހަދާވަޑާމަކީ މީހުންގެ ޙައްގު ފޭރިފާ، އަދި ހަބޭހަށް ވައްކަން ކޮށްފާވެސް މައްކާ މަދީނާއަށް ޢުމްރާއަކަށް ޖައްސާލުމެވެ. ދެން ޢުމްރާކޮށްލީމާ ފާފަތަށް ފުހެވުނީޔޯލައެވެ! މިފަދައިން ގަބޫލުކުރާ ސޮސައިޓީއެއްގެ ޙާލާމެދު ވިސްނާމީހަކު ބޯހަލާކުވެދާނެއެވެ. ދެންތިބީ މައުޅޭގޮތަށް ނޫޅެންޏާއި ނަރަކައަށް ދާނެކަމަށް ބުނެދޭ ގުރޫޕްއެކެވެ. އެމީހުން ވޯޓްލާންވެސް ނުނިކުމެއެވެ.
ތިލިޔުން ބަރާބަރެވެ. ނަމަވެސް ބަދަލެއް އައުން ؟؟؟ ދެންބަލަމާ!