ސޫދާނުގެ އަސްކަރީ މަތިންދާ ބޯޓެއް ވެއްޓި މަރުވި މީހުންގެ އަދަދު 40 މައްޗަށް އަރައިފިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި ބޯޓު ވެއްޓިފައި ވަނީ ސޫދާނުގެ ވެރި ރަށް ޚާރްޠޫމް ސްޓޭޓްގެ ދެވަނައަށް އެންމެ ބޮޑު ސިޓީ އޮމްދުރްމާން އަށެވެ. މި ބޯޓު ވެއްޓިފައި ވަނީ ވާދީ ސެއިޑްނާ އެއާ ބޭސް ކައިރިން އޮމްދުރުމަންގައި ހުންނަ ސިފައިންގެ އެންމެ ބޮޑު އެއް އަސްކަރީ ހަބް ކައިރިއަށެވެ. އަދި ބައެއް މަސްދަރުތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި މި ބޯޓު ވެއްޓުމުގެ ފަހަތުގައި ދިމާވެފައި ވަނީ ޓެކްނިކަލް މައްސަލައެކެވެ. މި ހާދިސާގައި މަރުވި މީހުންގެ އަދަދު 46 އަރާފައިވާއިރު މި އަދަދު އަދިވެސް އިތުރުވާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ރިޕޯޓުކޮށްފައިވެއެވެ.
އޮމްދުރުމާންގެ އަލް ނައޯ ހޮސްޕިޓަލުގެ މެޑިކަލް މަސްދަރަކުން ނަން ނުޖެހުމަށް ޝަރުތުކޮށް އޭއެފްޕީއަށް ބުނީ ބޯޓު ވެއްޓުމާ ގުޅިގެން މަރުވި މީހުންނާއި ބިންމަތީގައި ތިއްބާ ޒަޚަމްވި ބައެއް މީހުން އެ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ.
މަންޒަރުދުށް މީހުންނާއި ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި ބޯޓު ވެއްޓުނު އަވަށުގެ ބައެއް ގެތަކަށްވެސް ގެއްލުންތަކެއް ލިބިފައިވެއެވެ. އަދި
ބޯޓު ވެއްޓުމުން ބާރު ގޮވުމެއް ގޮވި ކަމަށާއި އެކަމުގެ ސަބަބުން ވަށައިގެންވާ ބައެއް އަވަށްތަކުން ކަރަންޓް ކެނޑިފައިވާ ކަމަށް
އުތުރު އޮމްދުރުމަންގެ ރައްޔިތުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.