ވަރަށް ދެރަވެއެވެ.
ޒުވާން އުމުރު ފަހަނައަޅައި ދިޔައީތީއެއް ނޫނެވެ.
އެ އުމުރުގެ ބޭނުން ހެޔޮގޮތުގައި ނުހިފުނީތީއެވެ.
ބޭކާރުގޮތުގައި ގިނަ ވަގުތުތައް ހޭދަކުރެވުނީތީއެވެ.
ހާސިލުކުރެވުނު ކާމިޔާބީއެއް ނެތީތީއެވެ.
ވަރަށް ދެރަވެއެވެ.
އެކަށީގެންވާ ތަޢުލީމެއް ހާސިލުނުކުރެވުނީތީއެވެ.
ރަނގަޅު ވަޒީފާއެއް ނުލިބުނުތަނުގައި ކުރާނެ ރަނގަޅު މަސައްކަތެއްވެސް ނުލިބުނީތީއެވެ.
ދިރިއުޅުން ދެކޮޅުޖެހޭވަރުގެ އާމްދަނީއެއް ލިބޭނެ މަގެއް ނެތީތީއެވެ.
ވަރަށް ދެރަވެއެވެ.
މައިންބަފައިންނާ ދެކޮޅަށް ކައިވެނިކުރެވުނީތީއެވެ.
އަހަރެން ތަޢުލީމީ މީހަކަށް ހެދުމަށް އެމީހުން ލޯބޯ ކޮށައިގެން ހޯދައިދިން ފުރުސަތު ބޮލާލައިޖެހުނީތީއެވެ.
ކުރާނެ ކަމެއް ނެތެވެ.
އެއީ ފިރިމީހާގެ އެދުމެވެ.
ވަރަށް ދެރަވެއެވެ.
މައިންބަފައިން އަހަރެން އެކަނިކޮށްފައި ދުނިޔެ ދޫކޮށް ދިޔަފަދައިން ފިރިމީހާ އަހަރެން ދުނިޔެއަށް ގިނަކޮށްލީތީއެވެ.
އެހެންވާނެކަން ހީއަކަށް އެނގުނުނަމަވެސް އަހަރެން އިޚްތިޔާރުކުރީހީ މައިންބަފައިންގެ އުންމީދެވެ.
އިސްކުރީހީ އެ ދެމީހުންގެ ބަހެވެ.
ވަރަށް ދެރަވެއެވެ.
ލިބުނު ކުދިންކޮޅު ރަނގަޅުގޮތުގައި ބެލޭނެ ފަދައެއް ނެތުނީތީއެވެ.
އެކުދިންނަށް ރަނގަޅު ފުރުސަތުތައް ހޯދައިނުދެވުނީތީއެވެ.
އެންމެ އުންމީދުކުރިފަދަ ތަޢުލީމެއް އެކުދިންނަށް ހޯދައިދޭން އަހަރެން ނުކުޅެދުނީތީއެވެ.
ކުރާނެކަމެއް ނެތެވެ.
ވަރަށް ދެރަވެއެވެ.
އަމިއްލަ އުފަން ރަށުގައި ގެދޮރެއް ނެތީތީއެވެ.
އެއްގޭ އަސްކަނިދަށުން އަނެއްގޭ އަސްކަނިދަށުން ކުލީގެ އަޅެއްގެ ގޮތުގައި އުޅެން މިވަނީ ޖެހިފައެވެ.
ކުރާނެކަމެއް ނެތެވެ.
އަހަރެންނަށް ހިޔާވަހިކަން ދެވޭނެ ތަނަވަސްކަމެއް އާއިލާގައިވެސް ނެތެވެ.
ކިތަންމެ ދެރަވިއަސް މިއަދު ކުރާނެކަމެއް ނެތެވެ.
މިއަދު މިއީ އަހަރެންނަށް ހުރި ގޮތެވެ.
މައިންބަފައިންގެ ބަސްނޭހުނީތީއެވެ.
ފުރުސަތުގެ ބޭނުން ނުހިފުނީތީއެވެ.
ދެން އޮތީ ކުރިއަށް އޮތްތަން ރަނގަޅުކުރުމަށް މަސައްކަތްކުރުމެވެ.
މާޒީން ޢިބުރަތް ހާސިލުކުރަމުންނެވެ.
(ނިމުނީ)