ގުޅީފަޅުން ގޯތި ލިބޭ މީހުންނަށް، ކަޑަޖަހައި، އިންވަކިކޮށް، ގޯތި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެތިން މަސްދުވަސް ތެރޭގައި ކުރިއަށްގެންދަވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ދ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މީދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް މިހާރު ބަދަލުގެނެވިފައިވާ ކަމަށާއި، ގޯތި ލިބޭ މީހުންނަށް، ކަޑަޖަހައި، އިންވަކިކޮށް، ގޯތި ހަވާލުކުރުމުގެ މަސައްކަތްވެސް ކުރިއަށް އޮތް ދެތިން މަސްދުވަސް ތެރޭގައި ކުރިއަށްގެންދަވާނޭ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. މިކަމުން އިސްތިސްނާ ވާނީ، ބުރިޖު އަޅާ ސަރަޙައްދުން ގޯތި ލިބޭ މީހުން އެކަނި ކަމުގައި އެ ރައީސް ވިދާޅުވިއެވެ.
ގިރާވަރު ފަޅުގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ، ކުރީ ސަރުކާރުން ހަދާފައިވާ އެއްބަސްވުން އުވާލައި، މި ސަރުކާރުން ބިންހިއްކުމުގެ މަސައްކަތާ ހަވާލުވާނޭކަމަށް ވިދާޅުވެފައެވެ. އެ މަސައްކަތް ނިމުނުހާ އަވަހަކަށް އެ ސަރަޙައްދުން ގޯތި ލިބުނު ފަރާތްތަކަށްވެސް އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދު ފުއްދަވައިދެއްވާނޭކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން އުތުރު ތިލަފަޅަށް އިޝާރާތްކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ، ގޯތީގެ މައްސަލަ ޙައްލުކުރެއްވުމަށްޓަކައި، އެ ފަޅުން 125 ހެކްޓަރު ހިއްކުމުގެ މަސައްކަތް މި އަހަރު ފައްޓަވައި، މި އަންނަ އަހަރުގެ ތެރޭގައި އެ މަސައްކަތް ނިންމަވާނޭ ކަމަށެވެ. އަދި ހުޅުމާލޭ ފަޅުން ހިއްކާ ސަރަޙައްދުގެ މަސައްކަތްވެސް މި އަހަރުގެ ޖުލައި މަހާ ހަމައަށްދާއިރު ނިމޭނޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.