ނިލަންދެ އަތޮޅު ދެކުނު ބުރީގެ ރައްޔިތުންނަށް ދަތުރު ގޮސް އުޅެވޭނެ ރަށެއްގެ ގޮތުގައި، ދ. އުއްދޫ ކަނޑައަޅުއްވައި، މިރެއިން ފެށިގެން އެ ރަށް އާންމުން ދަތުރު ދިއުމަށް ހުޅުވައިލެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެެން ވިދާޅުވީ، ނިލަންދެ އަތޮޅު ދެކުނު ބުރީގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު މީދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
ދ. އުއްދޫއަކީ މީގެ ކުރިން އަމިއްލަ ފަރާތަކުން ވިޔަފާރީގެ އުސޫލުން ބޭނުންކުރަމުން ދިޔަ ރަށެކެވެ. އެގޮތުން މިއީ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ސަރުކާރަށް އަނބުރާ ލިބިފައިވާ ރަށެކެވެ.
އެހެންކަމުން އުއްދޫ މިހާރު ހަވާލުކޮށްފައި ވަނީ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާއާ ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ރަށް ބަލަހައްޓާނީ އެ ވުޒާރާއިން ކަމަށާއި، ދ. އުއްދޫއަށް ދަތުރުގޮސް އުޅުމުގެ ކަންކަންވެސް އެ ވުޒާރާގެ ތެރެއިން ފަހިވެގެން ދާނެ ކަމަށެވެ. މިކަމާ ގުޅުން ހުރި ތަފްސީލުތައް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން، ކުރިއަށް އޮތް ދުވަސްތަކުގައި އިޢުލާންކުރައްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.