ތެޔޮ ޓޭންކަރުތަކަކަށް ގޮތް ނޭނގޭ ހަމަލާތަކެއް

Loading

February 24, 2025
profile
Facebook
Twitter
WhatsApp

ރަޝިޔާ ކަނޑުގެ ސަރަހައްދަށް ދަތުރުކުރި 4 ތެޔޮ ޓޭންކަރެއް މި އަހަރު ތެރޭގައި ގޮވައިފިއެވެ. ނުވަތަ ގޮއްވާލައިފި ކަމަށް ބުލޫމްބާރގް އިން ޚަބަރު ދީފިއެވެ. މި ތެޔޮ ޓޭންކަރުތައް ގޮއްވާލުމުގެ ޒިންމާ މިހާތަނަށް އެއްވެސް ބަޔަކު އުފުލާފައެއް ނުވެއެވެ. އޭގެ ތެރެއިން 3 ތެޔޮ ޓޭންކަރ ގޮއްވާލާފައިވަނީ މެޑިޓެރޭނިއަން ކަނޑުތެރޭގައެވެ. އަނެއް ޓޭންކަރ ބޯލްޓިކް ކަނޑުތެރޭގައެވެ. ބޯޓު ފަހަރުގެ މައުލޫމާތު އެއްކޮށް ބަލަހައްޓަމުން ގެންދާ ފަރާތްތަކުން ބުނެފައިވަނީ އެ ކާރިސާތަކުގެ ޒިންމާ ޔޫކްރެއިން ބޮލުގައި އަޅުވަން އަދި މާއަވަސް ކަމަށެވެ. އެހެންނަމަވެސް ގުރީކާއި އިޓަލީގެ އޮފިޝަލުން މިހާރު ވަނީ އެ ކާރިސާތަކުގެ ތަހްގީގު ފަށާފައެވެ. މިހާތަނަށް ޔޫކްރެއިނުން ބުނެފައިވަނީ ޓޭންކަރތައް ގޮއްވާލުމާއި އެގައުމާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.


މިއަހަރު ތެރޭގައި މި ނޫނަސް ރަޝިޔާގެ ބޯޓުފަހަރަށް ކަނޑުމަތީގެ ތަފާތު ހާދިސާތަކާއި ވަނީ ކުރިމަތިލާން ޖެހިފައެވެ.
ޝިޕިންގ ދާއިރާގެ މާހިރުންނާއި އަދި މަޝްހޫރު ވޯ-ރިސްކް އިންޝުއަރ ކުންފުނި، ވެސަލް ޕްރޮޓެކްޓްގެ އެންމެ އިސް ވެރިޔާ މުންރޯ އެންޑަރސަން ދެކޭގޮތުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައި ނެތް ނަމަވެސް މިއީ ބަޔަކު ރާވައިގެން ގަސްދުގައި ހިންގާފައި ހަރަކާތްތަކެއްކަމުގައި ގަބޫލުކުރެވެއެވެ. އެކަމަކު ބޮޑު ސުވާލަކީ އެއީ ކޮން ބައެއް ހެއްޔެވެ ؟
މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުގެ އަލީގައި މި ހަމަލާތަކަކީ ރަޝިޔާގެ ތެޔޮ އުފުލަން ބިރުދެއްކުމުގެ ހަރަކާތްތަކެއް ކަން ކަށަވަރު ކުރެވެއެވެ. ކަޒަކިސްތާނުގެ ތެޔޮ ސަޕްލައިކުރަން ބޭނުންކުރާ ޕައިޕްލައިން ގޮއްވާލުމުގެ ޒިންމާ ޔޫކްރެއިނުން އުފުލާފައިވުމުން މިއީ ރަޝިޔާގެ ތެޔޮ އެކްސްޕޯރޓްކުރުން ހުއްޓުވަން ކޮންމެވެސް ގައުމަކުން ކުރަމުންގެންދާ ކަމެއް ކަމުގައި ބެލެވެނީއެވެ. އެހެންނަމަވެސް ބައެއް ފަރާތްތަކުންދެކޭގޮތް ތަފާތުވެފައިވާކަންވެސް ފާހަގަކުރެވެއެވެ.
މިދިޔަ ވީކެންޑްގައި އިޓަލީގެ ސަވޯނާ ބަނދަރުގައި އޮއްވާ 800 ފޫޓުގެ ދިގު ޓޭންކަރ ސީ ޖްވެލް ވަނީ ގޮއްވާލާފައެވެ. އެއީ ޓެރަރިސްޓް އަމަލެއްކަމުގައި ބަލައި އިޓަލީގެ ޕްރޮސެކިއުޓަރުން ވަނީ ވަގުތުން ތަހްގީގުކުރަން ފަށާފައެވެ. އެއީ ގުރީކްގެ ތެނާމާރިސް ކުންފުނީގެ ޓޭންކަރެކެވެ. މީގެ މަހެއްހާދުވަސްކުރިން ތެނާމާރިސްގެ ސީ ޗާރމް ކިޔާ ޓޭންކަރެއް ތުރުކީގެ ސޭހާނަށް ދަތުރުކުރަނިކޮށް ވަނީ ގޮއްވާލާފައިވާކަމަށް ލޯއިޑްސް ރެޖިސްޓަރ އިން ބުނެފައި ވެއެވެ. މި 2 ޓޭންކަރ ވެސް ރަޝިޔާގެ ބަނދަރަށް ދަތުރުކޮށްފައިވާ ނަމަވެސް އެއިން އެއްވެސް ޓޭންކަރަކުން ރަޝިޔާގެ ތެޔޮ އުފުލާފައިވާކަން އެނގޭކަށް ނެތެވެ. އެ 2 ޓޭންކަރވެސް ރަޝިޔާގެ ނޮވޯރޮސިސްކް ބަނދަރު ކައިރީގައި އޮންނަ ކަޒަކިސްތާނުގެ ބަނދަރަކުން ސާފު ނުކުރާ ތެޔޮ ވަރަށްފަހުން ބަރުކޮށްފައިވާކަން ބުލޫމްބާރަގަށް މައުލޫމާތު ލިބިފައިވެއެވެ. އަނެއް 2 ޓޭނަކަރ ގެތެރެއިން ކޯލާ އެވެ ކިއުނު ޓޭންކަރ ގޮއްވާލާފައިވަނީ ރަޝިޔާގެ ތެޔޮ ޓަރމިނަލް ގައެވެ. އަނެއް ޓޭންކަރ ގްރޭސް ފެއްރުމް ގޮއްވާލާފައިވަނީ ލީބިޔާގެ ސަރަހައްދުގައި ކަމަށް ލޯއިޑްސް ލިސްޓުން އެނގިފައި ވެއެވެ. އިނގިރޭސި ވިލާތުގެ ސެކިއުރިޓީ ކޮމްޕެނީ އާންބުރޭ އިން ބުނެފައިވަނީ ކޯލާ ގޮއްވާލުމަކީ ބަޔަކުމީހުން ކުރި ކަމެއްކަން އެނގޭ ހެކި ހުރިކަމަށާއި އަދި ޓޭންކަރގެ އެތައް ތަނެއް ހަލާކުވެފައިވާ ކަމަށެވެ.
ގްރޭސް ފެއްރަމް ލީބިޔާގެ ސަރަހައްދުގެ ތެރޭގައި ހާލުގައި ޖެހިފައި އޮންނަތާ ކިތަންމެ ދުވަހެއް ވެއްޖެއެވެ.
ހަމަލާތައް އަމާޒުކުރަމުން ގެންދަނީ ހަމައެކަނި ތެޔޯ ޓޭންކަރ އަކަށްވެސް ނޫނެވެ. މިދިޔަ އަހަރު ރަޝިޔާ މިލިޓްރީ ލޮޖިސްޓިކްގެ އެންމެ ބިޔަ ބޯޓުގެ އިންޖީނު ރޫމަށް ދިން ހަމަލާއެއްގައި ބޯޓުވަނީ މެޑިޓެރޭނިއަން ކަނޑަށް ފައްތާލާފައެވެ.
ދުނިޔޭގެ އެންމެ ބޮޑު ޝިޕިންގ ގުރޫޕް ބިމްކޯގެ ޗީފް ސެކިއުރިޓީ އޮފިސަރ ޖެކަބް ޕީ ލާރސަން ބުނެފައިވަނީ މި ހަމަލާތަކުގެ ސަބަބުން ސަޕްލައި ލައިނަށް މެދުވެރިވެދާނެ ގޮންޖެހުންތައް ދެނެގަނެ އެކަންތައް ހައްލުކުރަން އަޅަންޖެހޭ ފިޔަވަޅުތަކާދޭތެރޭ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރެވެމުންދާ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް