އިންޑިއާއިން ސީދާ އައްޑޫއާއި ހުވަދުއަށް ކާގޯދަތުރުތައް ބާއްވާނެ: ރައީސް

Loading

Facebook
Twitter
WhatsApp

އިންޑިއާގެ ޓްޓިކޮރިން ބަދަރުން ހުވަދު އަތޮޅާއި އައްޑޫސިޓީއަށް ކާގޯގެ ޚިދުމަތް ދިނުމުގެ މަސައްކަތް ދެ ހަފްތާ ތެރޭފަށާނެ ކަމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

ހޯރަފުށީ އެއަރޕޯޓް ހުޅުވުމަށް އިއްޔެ އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިންޑިއާއިން ސީދާ ކުޅުދުއްފުށްޓަށް މުދާ ގެންދާ އުސޫލުން ހަމަ އެގޮތަށް ހުވަދުއޮތޮޅާއި އައްޑޫ ސިޓީއާ ދެމެދު ކާގޯގެ ޚިދުމަތް ފަށަން އުޅޭ ކަމަށެވެ.

“ ހަމަ އެގޮތަށް އައްޑުއަށާއި ހުވަދުއަތޮޅަށް ސީދާ ޓްޓިކުރިނުން ބޯޓްފަހަރު އާދެވޭ ގޮތަށް އެސްޓީއޯގެ ޝިޕިންކުންފުނިން ކުރިއަށްއޮތް ދެ ހަފްތާތެރޭގައި އެ މަސައްކަތް ފަށައިގަންނާނެ“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބޭރުގައުމުތަކުން ސީދާ އެކި އަތޮޅުތަކަށް މުދާ ގެނެވޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ ލާމަރުކަޒީ ސިޔާސަތުގެ ވަރަށް މުހިންމު ބައެއްކަމަށެވެ.

ސަރުކާރުން ހާމަކުރާގޮތުގައި އިންޑިއާ އިން ސީދާ ދެކުނުރަށްތަކަށް ކުރުމަށް ހަމަޖެހިފައިވާ މި ދަތުރުތައް ރާވާފައިވަނީ އައްޑޫސިޓީ އާއި ހުވަދުއަތޮޅު ދެކުނުބުނީ ތިނަދޫއާ ދެމެދުގައެވެ. މި ދަތުރުތައް ޝެޑިއުލް ކޮށްފައިވަނީ ކޮންމެ 20 ދުވަހަކުން ބޯޓުން ދަތުރު ތައްކޮށްނިންމާގޮތަށެވެ.

އެއީ އިންޑީއާގެ ޓުޓިކޮރިން ބަނދަރުން އައްޑޫސިޓީ އަށް އަދި އައްޑޫސިޓީން ތިނަދޫއަށް ގޮސްފަ އެރަށުން އެބުރި އިންޑިއާއަށް ދާގޮތަށެވެ. މިބޯޓުގައި އަވަހަށް ހަލާކުވާފަދަ ކާބޯތަކެތި އުފުލުމަށް ފިނިކުރި ކޮންޓެއިނަރުތައް ބޭނުންކުރުމަށް ހަމަޖެހިފައިވާނެ ކަމަށް ސަރުކާރުން ހާމަކުރެއެވެ.

މިޚިދުމަތް ދެނީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްކަމަށްވާ ރާއްޖޭގެ ގައުމީ ޝިޕިންކުންފުނީގެ ކާގޯ ބޯޓުންނެވެ.

އައްޑޫއާއި ތިނަދޫއަށް ގެންދާ ބާވަތްތަކަށް ނަގާ ފައިސާ މާލޭ ޕޯޓަށް މުދާ ގެނައުމަށް ނަގާ ފައިސާ އަށްވުރެ މަދުވާނެ ކަމަށް ސަރުކާރުން ހާމަކުރެއެވެ.

މި ޚިދުމަތް ފަށާއިރު މުދާތައް ބާލާ ބަނދަރުން އަވައްޓެރި ރައްތަކަށް މުދާ ގެންދިއުމުގެ ޚިދުމަތް ދިނުމުގެ ފުރުސަތު އަމިއްލަ ފަރާތްތަަށް ވަނީ ހުޅުވާލާފައެވެ.

ކުޅުދުއްފުށްޓާއި އިންޑިއާ އާއި ދެމެދުގައި ފެށި ކާގޯގޯ ފެރީގެ ޚިދުމަތްދެނީ އިންޑީއާއިން ފުރައިގެން ކުޅުދުއްފުށީގައި ބަނދަރުކުރުމަށްފަހު މާލޭ އަށް ބަނދަރަށް މުދާ ގެންނަގޮތަށެވެ. މި ދަތުރުތައް ފެށީ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ.

 

Loading

One Response

  1. ރައީސްގެ ވިސްނުންފުޅުހުރިގޮތް ރަނގަޅެވެ. އެކަމަކު އެފަދަދަތުރުތައް ކުރަންވާނީ މުދާލިބޭމިންވަރެއްގެ މައްޗަށް ބަލައިގެން ޚަރަދު ފޫބެއްދޭ ގޮތަކަށެވެ. އަދި އެ އަތޮޅުތަކުގައި މުދާބޭލޭނެ އިންތިޒާމު ހަމަޖެހިފައިހުރިގޮތެއް ބެލުމަކީވެސް މުހިންމުކަމެކެވެ. އެހެންނޫނީ ގިނަފަހަރުތަކެކޭއެއްގޮތަށް ތިޔަދަތުރުތައްވެސް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވުން އުނދަގޫވާނެއެވެ. މިސާލަކަށް ކޮޅުނބުން ވިއަސަކަށް ކޮންޓޭނަރ ބަރުކޮށްގެން ސޫތުކުޅިއަށް ގޮސް ފަސްސަތޭކަ ވަރަކަށް ޓަނުގެ މުދާބަރުކޮށްގެން މާލެ އައިސް ކޮންޓެނަރ ހުސްކޮށްފާ ދެކުނުގެ އަތޮޅުތަކަށް ގޮސް މުދާހުސްކުރުމުގެ ދަތުރުތަކަކީ ފެށުމުގެ ކުރިންވެސް ކާމިޔާބު ނުކުރެވޭނެ ދަތރުރުތަކެއްކަން ވިސްނަވަންޖެހޭނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް