ނ.ވެލިދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނުގައި ދެ މީހަކު ހައްޔަރުކޮށް އެ ދެ މީހުންނަށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަން ހިންްގާފައި ވަނީ މި މަހުގެ 20 ވަނަ ދުވަހު ކަމަށެވެ. އަދި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ނ. ވެލިދޫ / ހުދުއަސުރުމާގެ، ޢަބްދުއްލަޠީފް މޫސާ (47އ) އާއި، ނ. ވެލިދޫ / ނެދުންގެ، މުޙައްމަދު މާޢިދު (28އ) އެވެ.
މި އޮޕަރޭޝަނުގައި މި ދެ މީހުން ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 440.7 ގުރާމެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަބްދުއްލަޠީފް މޫސާ 32 ދުވަހަށް އަދި މުޙައްމަދު މާޢިދު ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ވެލިދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.