ކާބޯތަކެތި އިޝްތިހާރުކުރުމާ ގުޅޭ ހަރުކަށި ގަވާއިދެއް ރާއްޖޭގެ ފުޑް އެންޑް އޮތޯރިޓީ(އެމްއެފްޑީއޭ) އިން އެކުލަވާލައިފިއެވެ.
އެގޮތުން އެ އޮތޯރިޓީން ވަނީ ”ކާބޯތަކެތި އިޝްތިހާރު ކުރުމުގެ ގަވައިދު“ގެ ނަމުގައި ބޮޑެތި ޖޫރިމަނާތަކަކާއެކު ހަރުކަށި އުސޫލުތަކެއް އެކުލަވާލާފައެވެ.
އެހެންކަމުން އެ ގަވައިދުގައި ބުނެފައިވާ ގޮތުން އެއްވެސް ބާވަތެއްގެ ކާބޯއެއްޗެއް އިޝްތިހާރުކުރެވޭނީ އެމްއެފްޑީއޭއަށް ހުށަހަޅައި ފާސްކޮށްގެންނެވެ. އަދި ކާބޯތަކެތި އިޝްތިހާރުކުރުމަށް ހުއްދަ ދޭނީ ތިން އަހަރު ދުވަހުގެ މުއްދަތަކަށެވެ. މިގޮތުން ދީފައިވާ މުއްދަތު ހަމަވުމުން
އަލުން އެ ހުއްދަ އާ ކުރަން ޖެހޭނެ ކަމަށް އެމްއެފްޑީއޭއިން ބުނެފައި ވެއެވެ. ހަމައެހެންމެ ކާބޯތަކެތި އިޝްތިހާރު ކުރުމުގެ ގަވާއިދުތަކާއި ހިލާފުވާ ފުރަތަމަ ފަހަރު 10,000 ރުފިޔާއިން އަދި ދެވަނަ ފަހަރު އެއްލައްކަ ރުފިޔާއިން، ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ ތިން ލައްކަ ރުފިޔާއިން އަދި ތިން ފަހަރަށް ވުރެ ގިނަ ފަހަރު ކުށް ތަކުރާރުވާނަމަ ކޮންމެ ފަހަރަކު 500,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.
ކާބޯތަކެތި އިޝްތިހާރުކުރުމަށް ފާސްކުރި އިޝްތިހާރަށް އެއްވެސް ބަދަލެއް ގެނެސްފިނަމަ އަލުން ހުއްދައަށް އެދެން ޖެހޭނެ ކަމަށާއި ބުއްފުޅިއާއި ބުއްފުޅި ތުން ފަދަ ތަކެތި އިޝްތިހާރުކުރުން މަނާވާނެ ކަމަށާއި އިޝްތިހާރުތަކުގައި އެހެން ބާވަތްތަކާ އަޅާ ކިއުން މަނާވާނެ ކަމަށާއި އެނާޖީ ޑްރިންކަކީ ގެއްލުންހުރި އެއްޗެއްކަން އިޝްތިހާރުގައި ބުނެދޭން ޖެހޭނެ ކަމަށް އެ އޮތޯރިޓީން ބުނެފައި ވެއެވެ.
މީގެ އިތުރުން މި އިޝްތިހާރުތައް ހުންނަންވާނީ ދިވެހި ނޫނީ އިނގިރޭސިބަހުން ކަމަށް އެ އޮތޯރިޓީން ބުނެފައި ވެއެވެ.