އެމެރިކާގެ އާބާދީ މިހާރު ފެތުރިފައި އޮތް ގޮތުން ކުއްލިއަކަށް މެދުވެރިވާ ނިއުކްލިއަރ ކާރިސާއެއްގައި އެ ގައުމުގެ އާބާދީގެ %75 މަދު ސިކުންތު ކޮޅެއްގެ ތެރޭގައި އަނދާއަޅިއަށް ވެގެން ހިނގައިދާނެ ކަމުގެ ބިރު އުފެދިފައިވާކަމަށް ތަޖްރިބާކާރުންނާ ހަވާލާދީ ހިންދުސްތާން ޓައިމްސް އިން ރިޕޯރޓްކޮށްފިއެވެ.
ޓެކްސަސް އޭ އެންޑް އެމް ޔުނިވަރސިޓީގެ އެސޯޝިއޭޓެޑް ޕްރޮފެސަރ އޮފް އިންޓަރނޭޝަނަލް އެފެއާރސް ޑޮކްޓަރ ޖޯން ޝަސްލަރ ޑެއިލީ މެއިލްއަށް ހިއްސާކޮށްފައިވާ ރައުޔަކީވެސް މިއީ ކަމަށް ބުނެފައިވެއެވެ.
އެމެރިކާގެ ފެޑެރަލް އިމަރޖެންސީ މެނޭޖްމެންޓް އޭޖެންސީ ( ފީމާ ) އިން ހާމަކޮށްފައިވާ މައުލޫމާތު ތަކުގެ މައްޗަށް ބިނާކޮށް ޑިޒައިން ޕްރޮޖެކްޓް ހެލްސިޔޯންގެ ތަޖްރިބާކާރުން ތައްޔާރުކޮށްފައިވާ ޗާޓުގައި އެމެރިކާގެ ރައްޔިތުން އެ ގައުމުގެ ތެރެއަށް ބެހިފައިވާގޮތުން ނިއުކްލިއަރ ކާރިސާއެއްގައި މެދުވެރިވެދާނެ ނުރައްކާތެރިކަމަށް އަލިއަޅުވާލާފައި ވެއެވެ. އެ ޗާޓުގައި ރައްޔިތުންގެ އާބާދީ ބެހިފައިވާ ގޮތުގެ މައްޗަށް ދިރާސާކޮށް ނިއުކްލިއަރ ކާރިސާއެއްގެ ނުރައްކާތެރިކަން އެންމެ ބޮޑުވެދާނެ ސަރަހައްދުތަކާއި އާބާދީ އާއި ދުރުމިނަށް ދާންދެން މައުލޫމާތު ހިމަނާފައި ވެއެވެ.

އެމެރިކާގައި އާބާދީ އެންމެބޮޑަށް ތޮއްޖެހިފާ ސަރަހައްދު ތަކުގެ ތެރެއިން އީސްޓްކޯސްޓާއި ކެލިފޯރނިޔާއާއި މިޑްވެސްޓާއި ވެސްޓްކޯސްޓާއި ދެކުނުގެ ސަރަހައްދުތަކަކީ ނިއުކްލިއަރ ކާރިސާއެއްގައި އެންމެ ބޮޑެތި ގެއްލުން ލިބިގެންދާނެ ތަންތަނެވެ. ނިއުކްލިއަރ ކާރިސާއެއް މެދުވެރިވެއްޖެނަމަ އެ ސަރަހައްދުތަކުގެ ރައްޔިތުން ރޭޑިއޯ އެކްޓިވް ވިހަ އިން ސަލާމަތް ވުމަށްޓަކައި މަދުވެގެން 3 ހަފުތާވަންދެން އެއްވެސްކަމަކު ބޭރަށް ނުނިކުމެވޭނެއެވެ. ފުރާނަ ސަލާމަތްކުރުމަށްޓަކައި ކުޑަކުޑަ ހިނދުކޮޅެއްވެސް ލިބިދާނެ ކަމަށް އުންމީދު ކުރެވެނީ ހުޅަނގު ޓެކްސަސް އާއި މިޝިގަންއާއި ނެވާޑާގެ ބައެއް ސަރަހައްދުތަކާއި އަދި ވިސްކޯސިން ގައެވެ. ނިއުކްލިއަރ ކާރިސާއާއި ގުޅިގެން މި ސަރަހައްދުތަކަށްވެސް އަންނާނެ ނިއުކްލިއަރ ފިނިމޫސުމާއި އަދި ވިހަ ރޭޑިއޭޝަންގެ ސަބަބުން އިންސާނުން ދިރިއުޅުމަށް ނުކުޅެދޭ ސަރަހައްދަކަށް ބަދަލުވެގެން ދާނެއެވެ.
ފަހަކަށްއައިސް ނިއުކްލިއަރ ނުރައްކާތެރި ކާރިސާތައް މެދުވެރިވެދާނެ ކަމާ ދޭތެރޭ ކަންބޮޑުވުން ފާޅުކޮށް ތަޖްރިބާކާރުން ގެންދަނީ އިންޒާރު ދެމުންނެވެ.
ޑިޒައިން ޕްރޮޖެކްޓް ހެލްސިޔޯންގެ ތަޖްރިބާކާރުން ތައްޔާރުކޮށްފައިވާ ޗާޓަށް ބަލާލުމުން އެމެރިކާގައި އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް ގާއިމް ކޮށްފައިވާ ސަތޭކައަށްވުރެން ގިނަ މިލިޓްރީ މަރުކަޒުތައް ފެންނާނެއެވެ. ބައިނަލް އަގްވާމީ ދުނިޔޭގައި ގައުމުތައް ބާރުވެރިވެ ގަތުމަށް ކުރާ މިލިޓްރީ ހޭދައާއި ދިމާކުރުންތައް އާންމު ވެފައިވާ ދުވަސްވަރެއްގައި މެދުވެރިވެދާނެ ދެކޮޅުވެރި ހަމަލާއަކުން ރައްކާތެރިވެ ތިބުމަށްވެސް ތަޖްރިބާކާރުން ގެންދަނީ އިންޒާރު ދެމުންނެވެ. ރަޝިޔާ ނުވަތަ ޗައިނާއިން ފޮނުވާ ނިއުކްލިއަރ ހަމަލާއެއް އެމެރިކާއަށް ވާސިލުވުމަށްޓަކައި ބޭނުންވާނީ ހަމައެކަނި ތިރީހަކަށް މިނިޓްކަން ދަންނަން ޖެހޭނެއެވެ. އެމެރިކާ ސަރަހައްދާ ކައިރިން ސަބްމެރިން އަކުން ފޮނުވާ މިސައިލަކުން އެމެރިކާ ފަނާކޮށްލުމަށް ނަގާނީ ފަނަރަވަރަކަށް މިނިޓެވެ.
އެމެރިކާގައި 5044 ނިއުކްލިއަރ ވޯރހެޑް ހުރި އިރު ރަޝިޔާގައި 5580 އަދި ޗައިނާގައި ހަސަތޭކައެއްހާ ނިއުކްލިއަރ ވޯރހެޑް ހުރިކަން އެނގެން ޖެހޭނެއެވެ. އެމެރިކާއާއި ރަޝިޔާއިން ނިއުކްލިއަރ މުއާހަދާއިން ވަކިވުމާ ގުޅިގެން މުޅިން އާވައްތަރު ތަކުގެ ނިއުކްލިއަރ އީޖާދުތައްކުރެވި ތަފާތު ވައްތަރު ތަކުގެ ގިނަ ނިއުކްލިއަރ ހަތިޔާރު އުފެއްދުމާއި އަޖުމާބެލުމާއި އަދި ނިއުކްލިއަރ ހަތިޔާރު ބޭނުންކުރަންޖެހިދާނެ ހާލަތުތައްވެސް ބަދަލުކުރުމާއެކު ނިއުކްލިއަރ ދެކޮޅުވެރިކަމެއް ފެށިދާނެ ކަމުގެ ބިރުވެރިކަން ވަނީ އިތުރު ވެފައިކަމަށް ޕްރިންސްޓަން ރިސާރޗާރސް ގެ ބްލޮގް ގައި ޝާއިއުކޮށްފައި ވެއެވެ.
ދުނިޔޭގެ މަސްރަހްގައި ހިންގަމުންދާ ދެކޮޅުވެރިކަމުގެތެރޭގައި އަބަދުވެސް ފެންނަމުންދަނީ އެމެރިކާ ސަރުކާރުން ކޮންމެވެސް އެއްފަރާތަކަށް ބުރަވެފައިވާތަނެވެ. މިއީ އެމެރިކާގެ ރައްޔިތުންގެ ހިތް ނުތަނަވަސް ވުމާއި ކަންބޮޑުވުން ސިއްރުކޮށްގެން ތިބެވިދާނެ ހާލަތެއް ކަމަށް ގަބޫލެއް ނުކުރެވެއެވެ.