އިޒްރޭލާއި ހަމާސް އާ ދެމެދު 15 މަސް ދުވަސް ވަންދެން ހިނގި ނުރައްކާތެރި ހަމަނުޖެހުންތަކަށް ފަހު ޣައްޒާ އާއި ހުޅަނގު އައްސޭރި އާރާސްތު ކުރުމަށް 50 ބިލިއަނަށް ވުރެ ގިނަ ޑޮލަރު ބޭނުންވާނެ ކަމަށް އދ އާއި ޔޫރަޕިއަން ޔޫނިއަން އަދި ވޯލްޑް ބޭންކް ގުޅިގެން ހެދި އާ އެސެސްމަންޓުން ދައްކައިފި އެވެ. އެސެސްމަންޓް ރިޕޯޓުގައި އަންދާޒާކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ދިހަވަރަކަށް އަހަރު ތެރޭގައި 53.2 ބިލިއަން ޑޮލަރު ބޭނުންވާއިރު، ފުރަތަމަ ތިން އަހަރުގެ ތެރޭގައި 20 ބިލިއަން ޑޮލަރު ބޭނުންވެ އެވެ.
މި ހަމަނުޖެހުންތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ޣައްޒާ އާއި ލުބްނާނުގެ އެކި ހިސާބުތަކުގައި 50،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އުމްރާނީ ބޮޑެތި ގެއްލުންތަކުގެ ސަބަބުން އެތައް ހާސް ބަޔަކު ގެދޮރު ގެއްލި، ހަލުވިކަމާއެކު އާރާސްތުކުރުމަށް ގޮވާލާ އަޑުތައް ވަނީ ގަދަވެފައެވެ. އިބްތިދާއީ ރިކަވަރީގެ ދަށުން ޣައްޒާގެ ކުނިތައް ނައްތާލުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، އިޒްރޭލު ސިފައިން ވަނީ ލުބުނާނުގެ ދެކުނުން ބައިބައިކޮށް ފޭބުމުގެ މަސައްކަތް ފަށާފައެވެ.
ޣައްޒާގެ ރިކޮންސްޓްރަކްޝަން ޕްލޭންގައި މިސްރު އިސްކޮށް ހަރަކާތްތެރިވަނީ
މި މައްސަލައާ ގުޅިގެން މިސްރުން ގެންދަނީ ޣައްޒާ ހަމައަކަށް އެޅުވުމަށާއި، ގެދޮރު ގެއްލިފައިވާ ފަލަސްތީނު މީހުން އެމީހުންގެ އަމިއްލަ ވަޒަނުގައި ދެމިތިބުމަށް ޓަކައި ފުޅާ ދާއިރާއެއްގައި އަލުން ބިނާކުރުމުގެ ހަރަކާތެއް ހިންގަމުންނެވެ. އެގޮތުން އުމްރާނީ ވަސީލަތްތައް އިއާދަކުރާއިރު ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ”ރައްކާތެރި ސަރަހައްދުތައް“ އުފެއްދުން ހިމެނެ އެވެ. ގާހިރާއިން ޔޫރަޕްގެ ގައުމުތަކާއި ސައުދީ އަރަބިއްޔާ އާއި ގަތަރު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާ އެކު ފައިސާ ހޯދުމުގެ މަޝްވަރާތައް ކުރަމުން އަންނަ އިރު، ބައިނަލްއަގުވާމީ ރީކޮންސްޓްރަކްޝަން ކޮންފަރެންސެއް ބޭއްވުމަށް ވިސްނަމުން ދަނީ ކޮންޓްރިބިއުޝަންތަކަށް މަގުފަހިކުރުމަށެވެ.
މިސްރުގެ މި ހުށަހެޅުއްވުމުގެ މައިގަނޑު އެއް ކަމަކީ ޣައްޒާއަށް ފަލަސްޠީނުގެ ޤައުމީ ވެރިކަމުގެ އިދާރާއެއް އުފައްދައި، ހަމާސް ބާކީކުރުމެވެ. މިއީ ބޭރުގެ ހަނގުރާމަވެރިންގެ ކޮންޓްރޯލް ނެތި ފަލަސްތީނުގެ މަންދޫބުން އެ ސަރަހައްދު ހިންގަމުންދާ ސަރަހައްދެއްކަން ކަށަވަރުކޮށް، ދިގު މުއްދަތުގެ ހަމަޖެހުން ތައާރަފް ކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ބެލެވެ އެވެ.
އަސީރުން ދޫކޮށްލުމުގެ އެއްބަސްވުމުގެ ސަބަބުން އިންސާނީ ހައްގުތަކަށް ކުރާ މަސައްކަތްތަކަށް މަގު ތަނަވަސްވެއްޖެ
އަލުން އާރަސްތުކުރުމުގެ މަޝްވަރާތައް ކުރިއަށް ދާއިރު، ހަމާސް ޖަމާއަތުން ވަނީ ޣައްޒާއަށް ކޮންސްޓްރަކްޝަން ސާމާނު އެތެރެވުމުގެ ބަދަލުގައި އިސްރާއީލުގެ ހަ މީހުންނާއި އިތުރު ހަތަރު މީހެއްގެ ހަށިގަނޑު ދޫކޮށްލުމަށް އެއްބަސްވެފަ އެވެ. މި އެއްބަސްވުމުގެ ސަބަބުން އިންސާނީ ކާރިސާއަށް ލުޔެއް ލިބި، އާރާސްތުކުރުމުގެ މަސައްކަތްތައް ހަލުވިކުރުމުގެ މަޤްޞަދުގައި މިހާރު ކުރިއަށްދާ މަޝްވަރާތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެކަމުގެ އިޝާރާތެއް ދެއެވެ.
ޣައްޒާ އާރާސްތުކުރުމަށް ބައިނަލްއަޤްވާމީ ސަމާލުކަން މިހާރު އަމާޒުވެފައިވާއިރު، މި މަސައްކަތްތަކުގެ ކާމިޔާބީ ބިނާވެގެންދާނީ، ބައިނަލްއަޤްވާމީ އެހީދޭ ފަރާތްތަކުގެ އެއްބާރުލުމާއި، ބޮޑެތި ރިހެބިލިޓޭޝަން ޕްރޮޖެކްޓްތައް ހަރުދަނާގޮތެއްގައި ތަންފީޒުކުރުމުގެ މައްޗަށެވެ. ނަމަވެސް ވެރިކަމާއި ސަލާމަތާއި ރައްކާތެރިކަމުގެ ވަށައިގެން އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުން މި ސަރަހައްދުގެ ދިގު މުއްދަތުގެ ހަމަޖެހުމަށް ގޮންޖެހުންތަކެއް ދަނީ ކުރިމަތިވަމުންނެވެ.