ރައީސް ޑޮނާލްޑް ޓްރަމްޕްގެ ބާރުގަދަ އެގްޒެކެޓިވް އޯޑަރތަކުން އިލޯން މަސްކްގެ ބެލުމުގެ ދަށަށް ދޫކޮށްލާފައިވާ ފެޑެރަލް އޭޖެންސީ ތަކާ ބެހޭ މައްސަލަތައް އެމެރިކާގެ ކޯޓުތަކަށް ހުށައެޅެމުންދާތީ ރިޔާސަތުން ލިބެމުންދާ އިންޒާރު ތަކުގެ ސަބަބުން ކޯޓުތަކުގެ އަމުރުތަކަށް އެމެރިކާގައި ގާނޫނީ ކޯޅުންގަނޑަކާ ކުރިމަތިލާން ޖެހިދާނެކަމަށް ބެލެވެން ފަށައިފިއެވެ.
ރައީސް ޑޮނާލްޑް ޓްރަމްޕްގެ އަމިއްލަ ޓުރުތު ސޯސަލް ޕްލެޓްފޯމާއި އަދި އެކްސް ގައި ލިއުއްވާފައިވެއވެ. “ ގައުމު ސަލާމަތްކުރަން މަސައްކަތްކުރާމީހަކު ގާނޫނުތަކާ ޚިލާފެއް ނުވާނެއެވެ. “ އަދި ވައިޓްހައުސްގެ ރަސްމީ އެކްސް އެކައުންޓުގައިވެސް “ އެމެރިކާގެ ރައީސަކު ގާނޫނާ ޚިލާފެއް ނުވާނެއެވެ. “ މިހެން ލިއުއްވާފައި ވެއެވެ.
ފެޑެރަލް ސަރުކާރުން ކުރާ ހޭދަތައް ހުއްޓުވާލުމާއި އެތައްހާސް މަސައްކަތްތެރިން ވަޒީފާއިން ވަކިކުރުމާއި ގުޅޭގޮތުން ގާނޫނު އަސާސީގެ 14 ވަނަ އެމެންޑްމެންޓް އަމިއްލައަކަށް ބަދަލުކުރުން ފަދަ ހަރަކާތްތައް ފެޑެރަލް ކޯޓު ތަކުން ވަނީ ހުއްޓުވާފައެވެ. މިކަމާގުޅިގެން ރައީސް ޓްރަމްޕް ވަނީ ނެޕޯލިއަން ބޮނަޕާރޓޭ ކުރިކަންތައްތަކަކީ ފަރަންސޭސި ވިލާތުގެ ރައްޔުތުން ބޭނުންވާގޮތްކަން ސާބިތުކުރުމަށް ބޭނުންކޮށްފައިވާ އިބާރާތެއް ތަކުރާރު ކޮށްފައެވެ. އެއީ ނެޕޯލިއަން ބުނެފައިވާކަމަށް ރޮޑް ސްޓެއިގަރ ބުނެފައިވާ އިބާރާތްކޮޅެކެވެ. “ އަހަރެން ފަރަންސޭސި ވިލާތުގެ ތާޖު އަމިއްލަކޮށް ނުލަމެވެ. އަހަރެންނަށް އެ ތާޖު ފެނުނީ ކުނި ގޮނޑުންނެވެ. އަހަރެންގެ ކަނޑީގެ ތުނޑުން އެ ތާޖު ނަގާ ސަލާމަތް ކުރީއެވެ. އެއީ ފަރަންސޭސި ރައްޔިތުން އަހަރެންގެ ބޮލުގައި އަޅުވާފައިއޮތް މަސްއޫލިއްޔަތެކެވެ. އެއީ ގާނޫނާ ޚިލާފު ވުމެއް ނޫނެވެ. “ ނަޕޯލިއަން ބުނިކަމަށް ވެއެވެ.
ޑޮނާލްޑް ޓްރަމްޕް އެމެރިކާގެ ރިޔާސަތާ ހަވާލުވިތާ މަސްދުވަސް ނުވަނީސް ރައީސްގެ ހައިސިއްޔަތުން އޭނާއަށް ލިބިވަޑައިގެންފައިވާ ސުޕްރީމް އޮތޯރިޓީއާއި އޭނާކުރައްވާކަންތައްތަކަށް ފާރަ ނުލެވޭނެ ކަމަށާއި ޗެކް އެންޑް ބެލެންސް އޭނާކުރައްވާ ކަންތަކަށް ނުހިނގާނެ ކަމަށާއި އިލޯން މަސްކް އަށް ސަރުކާރުގެ ހުރިހާ މުއައްސަސާ އަކަށް ގޮތް ކިޔޭނެކަމަށް ނިންމަވާފައިވާ ނިންމުންތަކަށް ޓްރަމްޕް އަށް ރުހިފައިތިބި މީހުން ގެންދަނީ އެއްވެސް ހަމައެއް ލަމައެއްނެތި ތާއީދު ކުރަމުންނެވެ.
އިލޯން މަސްކް އާއި ޓްރަމްޕް ސަރުކާރުގެ އިސްވެރިން ގެންދަވަނީ އެމެރިކާގެ ފަނޑިޔާރުންނަކީ ކޮރަޕްޓް އަދި އީވިލް ބައެއްކަމަށް ބުނެ ބަދުނާމު ކުރަމުންނެވެ. ދުނިޔޭގައިހުރި އެންމެ މުއްސަނދިމީހާއާއި އޭނާއަށް ތާއީދުކުރާމީހުން ކެނޑިނޭޅި ގެންދަނީ އެމެރިކާ ސަރުކާރުގެ 3 ނިޒާމަށް ފާޑުކިޔަމުން އަދި އެ ނިޒާމުގައި ރައީސަކަށް ހުންނަ ބޭފުޅެއްގެ ސުޕްރީމް އޮތޯރިޓީގެ ބާރު ކަނޑުވާލާފައިވާގޮތަށްވެސް ފާޑުކިޔަމުންނެވެ. އެބައިމީހުންގެ މި ފާޑުކިއުންތަކުގެ ސަބަބުން އެމެރިކާ އަށް ގާނޫނީ ކޯޅުމެއް އަތުވެދާނެ ކަމަށް ގާނޫނީ ތަޖްރިބާކާރުންނާއި މުހައްލިލުން ގެންދަނީ އިންޒާރު ދެމުންނެވެ. އެހެންނަމަވެސް ވައިޓްހައުސް އިން އެ ބަދުނާމުތައް އަޅުވަމުންގެންދަނީ ޝަރުޢީ ކޯޓުތަކުގެ ބޮލުގައެވެ. ވައިޓް ހައުސް އިން ދެކޭ ގޮތުގައި ރައީސްކުރައްވާ ކަންތައްތަކުގެ ތެރެއަށް ޝަރުއީ ދާއިރާ ބެހިގެންނުވާނެއެވެ. ބައެއް ގާނޫނީ ތަޖްރިބާކާރުން ދެކިވަޑައިގަންނަވާގޮތުގައި ރައީސް ޓްރަމްޕް އުޅުއްވަނީ އަމިއްލައަކަށް ކުރީ ޒަމާނުގައި ފަރަންސޭސި ވިލާތުގައި ރަސްކަން ކުރެއްވި ލުއިސް 14 އަށް ހެދިގެންނެވެ. 1655 ވަނައަހަރު އޭޕްރިލް މަހު 13 ވަނަ ދުވަހު ޕެރިސްގެ ޕާރލަމެންޓްގައި އެ ރަސްގެފާނު ވިދާޅުވިފަދައިން “ ލެޓާ ސެ މޮއާ “ މި ގައުމަކީ އަހަރެންނޭ ބުނަން ބޭނުންވާ ވިސްނުން ފުޅެއްގައެވެ. ( ފަރަންސޭސި ލަފްޒުތައް ކިޔާނެގޮތް ނުބައިކޮށްލިއެވިފައި އޮވެދާނެ ކަމަށްޓަކައި ކިއުންތެރިންގެ އަރިހުން މަޢާފް އެދެމެވެ. )
އެމެރިކާގެ ރައީސް ކަމުގައި ހުންނަވާ ބޭފުޅަކު ރިޔާސީ ދައުރުގައި އެމަނިކުފާނު އަދާކުރައްވަން ޖެހިވަޑައިގަންނަވާ މަސްއޫލިއްޔަތުގެ ހައިސިއްޔަތުން ކުރައްވާފައިވާ ނުވަތަ ނުކޮށް ދޫކޮށްލައްވާފައިވާ ކަމަކާ ދޭތެރޭ އުފެދޭ އެއްވެސް މައްސަލައަކާމެދު ޝަރުއީ އެއްވެސް ކޯޓެއްގައި ދައުވާ ނުކުރެވޭނެކަމަށް އޮންނައޮތުން ކަށަވަރުކުރުމަށް 2024 ވަނަ އަހަރު އެމެރިކާގެ ސުޕްރީމް ކޯޓުން ކުރައްވާފައިވާ ހުކުމް ޓްރަމްޕް ދެކިވަޑައިގަންނަވާގޮތުގައި އޭނާގެ ރިޔާސަތުން ބޭރުގައި ހުންނެވި ދުވަސްވަރު ހިންގަވާފައިވާ ޖިނާއީ ކުށްތަކަށްވެސް ހިނގަން ޖެހޭނެއެވެ. އަދި އޭނާގެ މައްޗަށް ދައުވާ ކުރެވިގެން ނުވާނެއެވެ.
ބައެއް ޑިމޮކްރެޓުން ސިފަކުރައްވާގޮތުގައި ރައީސް ޓްރަމްޕް އުޅުއްވަނީ ނާޒީންގެ ހިޓްލަރ ހެދިގެންނެވެ. ހިޓްލަރ ގެ ވިދާޅުވާ ބަސްފުޅުތަކަކީވެސް ގާނޫނެވެ.
ޝަރުޢީ ކޯޓުތަކުގެ ބާރު ކަނޑުވާލަން އިލޯން މަސްކް ހިންގާ ކެމްޕޭނުގައި ނައިބު ރައީސްގެފުރިހަމަ އެއްބާރުލުން ދަނީ ލިބެމުންނެވެ. ނައިބްރައީސް ވޭންސް ދެކިވަޑައިގަންނަވާ ގޮތުގައި ރައީސްގެ އެގްޒެކެޓިވް އޮތޯރިޓި އަށް ޝަރުއީ ކޯޓުތަކުން އަތްބޭނޭކަށް ނޯންނާނެއެވެ.
މިހަފުތާގައި ވައިޓްހައުސްގެ ރަސްމީ ތަރުޖަމާނު ކެރޯލިން ލީވެޓް ވެސް ވަނީ އެމެރިކާ ގާނޫނީ ކޯޅުންގަނޑެއްގެ ތެރެއަށް ހިނގައިދާނެކަމަށް މީޑިއާތަކުގައި ފަތުރަމުން ގެންދާ ޚަބަރުތަކަށް ރައްދު ދެއްވާފައެވެ. އެކަމަނާ ވިދާޅުވެފައިވަނީ އެމެރިކާ ގާނޫނީ ކޯޅުންގަނޑެއްގެ ތެރެއަށް ވައްޓާލަން އުޅެނީ ޝަރުއީ ކޯޓުތަކުން ކަމަށެވެ. އަހަރެމެން ކޯޓުގެ އަމުރުތަކަށް ތަބާ ވާނަމެވެ. އެކަމަކު ރަނގަޅުގޮތުގައި މިތިބީ އަހަރެމެންކަން ރައްޔިތުންނަށް ފަހުން އެނގޭނެއެވެ.
ޔޫ އެސްގެ އޮފީސް އޮފް ސްޕެޝަލް ކައުންސެލްގެ އިސްވެރިޔާ މަގާމުން ދުރު ނުކުރެވޭނެކަމަށް ވޯޝިންގްޓަންގެ ޓްރައިއަލް ފަނޑިޔާރު ކުރައްވާފައިވާ އަމުރު 14 ދުވަހުގެ މުއްދަތަށް ބާތިލުކޮށް ދެއްވުން އެދި މިދިޔަ އާދީއްތަ ދުވަހު ރައީސް ޓްރަމްޕްގެ ފަރާތުން ސުޕްރީމް ކޯޓަށް ވަނީ ހުށައަޅާފައެވެ.