ވެރިކަން ކުރާ ޖަމާޢަތެއްގެ ސިއްޙީ މެނިފެސްޓޯ އެއް އޮންނަން ވާނެ ކަމަށް އަޅުގަނޑު ދެކެމެވެ. އެގޮތުން އެންމެ ފުރަތަމަ އަލިއަޅުވައިލަނީ ޕަބުލިކު ހެލްތަށެވެ. ޕަބުލިކު ހެލްތުގެ ބޭނުމަކީ ހަމައެކަނި ބައެއް ވެކުސިންދިނުމާއި ނުވަތަ މަދިރި ކޮންޓުރޯލުކުރާ ވާހަކަދެއްކުން އެކަންޏެއް ނޫނެވެ. ޕަބުލިކު ހެލްތުގެ މުހިންމު އެއް ބޭނުމަކީ ރައްޔަތުންނަށް ސިއްޙަތު ދުޅަހެޔޮވާނެ މަގެއް ކޮށައިދިނުމެވެ.
ޕާޓިއެއްގެ ސިއްޙީ މެނިފެސްޓޯގައި ވެސް އެކަން ކަށަރުކޮސްދޭން ޖެހެއެވެ. ނަމަވެސް ބައެއް ގައުމުތަކުގައި ( ބައެއް ގައުމޭ މިދަންނަވަނީ ދިވެހިރާއްޖެގެ ނަން ނުކިޔަން ވެގެން) ރައްޔަތުންނާމެދު ކަންކުރާގޮތަކީ ހަށިގަނޑަށް ގެއްލުންވާފަދަ ނުވަތަ ކުލޮސްޓުރޯލާއި ފަލަވާތަކެތީގެ ޑިއުޓީ ކުޑަކޮށްފައި ހަށިގަނޑަށް ފައިދާހުރި ކާތަކެތީގެ ޑިއުޓީބޮޑުކޮށް ބެހެެެއްޓުމެވެ. މިސާލަކަށް އާދައިގެ ފުށް ކިލޯއެއް ފަސްރުފިޔާއަށް ލިބޭ ނަމަ އާޓާފުށް ކިލޯއެއް ގަންނަންލިބެނީ ވިއްސަކަށް ރުފިޔާއަށެވެ.
މިއީ ހަމައެކަނި މިސާލެކެވެ. އަނެއްކޮޅުން ދުޅަހެޔޮ ސިއްޙަތަކަށް ބޭނުންވާ ތަރުކަރީއާއި މޭވާ ދިވެހީންނަށް ގަންނަން ލިބެނީ ގާތްގަނޑަކަށް ރަނާއި ރިހީގެ އަގުގައިކަމަށް ދަންނަވަލިޔަސް ދޮގަކަށް ނުވާނެއެވެ. މިއީ އިސްލާހު ކުރަންޖެހޭ ކަމެކެވެ. އެކަމަށް ވެސް ރަނގަޅު މެނިފެސްޓޯއެއް އޮތުން މުހިންމެވެ. އެގޮތުން އަޅުގަނޑުގެ ޚިޔާލީ މެނިފެސްޓޯއަކީ:
އެކެއް: ދިވެހިރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ތެރެއިން ދުޅަހެޔޮ ސިއްޙަތަށް ބޭނުންވާ ކާބޯތަކެތީގެ ޑިއުޓީއާއި ޖޭއެސްޓީ % ސުންޕަސެންޓަށް ތިރިކުރުމެވެ. މިސާލަކަށް އޮލިވު އޮއިލް، އާޓާފުށް، މާމުއި، ކިރު، އަދި ރާއްޖެއަށް ބޭނުންވާ ވަރަށް ރާއްޖޭގައި އުފެދިފައިނުވާ ތަރުކާރީއާއި މޭވާގެ ބަވަތްތަކެވެ. އެފަދަތަކެތީގެ އަގު ކުޑަ ކުރުމަށް ޓަކައި އެތަކެތި އެތެރެކުރާ ފަރާތްތަކަށް ކުރިމަތިވެފައިވާ ތުރާތައް ފިލުވައިދިނުމާއި ސަރުކާރުން އެފަރާތްތަކަށް ދެވެންއޮތްހާ ލުޔެއް ދިނުމެވެ. އަދި އެއީ ވަގުތީ ޙައްލެއްގެގޮތުން ސަބުސިޓީސް ދީގެންކަމުގައި ވިޔަސްމެއެެވެ.
ދޭއް: ފަސޭހަކަމާއެކު އާއްމުންނަށް ކަސްތަރު ކުރެވޭ ގޮތަށް މީހުން ދިރިއުޅޭ އަވަށްތަކުގައްޔާއި ޢިމާރާތްތަކުގައި މިނީ ޖިމުތައް ގާއިމުކުރުމެވެ.
ތިނެއް: ކަސްރަތު ސިވިލްސާވިސަށް ވެއްދުމެވެ. ދުނިޔޭގެ ރަނގަޅު ގައުމުތަކުގައި ކަސްރަތު ވަޒީފާއާއި ގުޅައިލެވިފައި ވެއެވެ. ނަމަވެސް ދިވެހި ސިވިލްސާވިސަކީ ކަސްރަތަށް ވަރަށް ބީރައްޓެހި ތަނެކެވެ. މުވައްޒަފުން ލައްވާ ބުރަ މަސައްކަތް ކުރުވުންނޫނީ އެހެން ކަމެއް ނުދަންނަ މުއައްސަސާތަކެކޭވެސް ދެންނެވިދާނެއެވެ. މުޒަފުންގެ ރަސްމީ ގަޑި ނިމުމަށްފަހު އެ މީހުން ދެން ގެބިގަންނަނީ އިތުރުގަޑި ނެގުމަށެވެ. ނަތީޖާއަކަށްވާނީ ކަސްރަތާ ދުރުހެލިވާން ދަސްވުމެވެ. އެކަމުގެ ސަބަބުން އަވަހަށް ހަށިގަނޑުގެ ދުޅަހެޔޮކަން ގެެއްލިދިއުން އެކަށީގެން ވެއެވެ. އިސްކޫލުގެ ކަރުކިއުލަމަށް އޮންނަނީ ކަސްރަތު ވެއްދިފައެވެ.
އެހެންކަމުން އިސްކޫލުގެ ދުވަސްވަރު އެކަންކުރެވެއެވެ. ނަމަވެސް އިސްކޫލުގެ ދައުރު ނިމިގެން ސިވިލްސާވިސަށް ވަނުމަށްފަހު ދެން އެކަންކުރުމުގެ ފުރުސަތެއް އެވަޒީފާ އަކުން ނުލިބެއެވެ. އެހެންކަމުން ދިވެހި ޒުވާނުންގެ ދުޅަހެޔޮކަން ކަށަވަރު ކޮށްދިނުމަށް ޓަކައި ސިވިލްސާވިސްގެ އޮފީސްތަކުގައި ދެ ޖިންސަށް އަމާޒުކޮށްގެން ތަފާތު ކުޅިވަރުގެ މުބާރާތްތަށް ވަޒިފާގެތެރެއަށް ވެއްދުން މުހިންމެވެ. އަދި ސިއްޙަތަށް އަމާޒުކޮށްގެން މުވައްޒަފުންނަށް ކުރިއެރުން ދިނުން ވެސް މުހިންމެވެ.
މިސާލަކަށް ބަރުދަން ގިނަ މީހަކު އަމިއްލަ މަސައްކަތުން ބަރުދަން ލުއިކޮށްފި ނަމަ ވަޒީފާގެ ކުރިއެރުމަށް ޕޮއިންޓު ދިނުންފަދަ އިސްލާޙްތަކެވެ. ނުވަތަ ސިގިރެޓި ބޯ މީހަކު އެ ކަމުން ދުރުވެއްޖެ ނަމަ ވަޒީފާގެ ކުރިއެރުމަށް ޕޮއިންޓު ދިނުންފަދަ ކަންތައް ކޮށްގެން ސިވިލްސާވެންޓުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމެވެ.
ތިނެއް: ދިވެހިރާއްޖޭގެ ބައެއް ހިސާބުގައި މީހުން ދިރިއުޅެނީ ވަރަށް އުނދަގޫ އަދި ދަތި ތަންތަނުގައިއެވެ. އެކަމުގެ ސަބަބުން ނަފުސާނީ ގޮތުންނާއި ޖިސްމާނީގޮތުން ބަލިކަށިވުން ގާތެވެ. ދިރިއުޅޭ ތަން ތޯހިރުވެ ލުއިފަސޭހަ ވުމަކީ ދުޅަހެޔޮކަމަށް މަގުފަހިކޮށްދޭނެ ކަމެކެވެ. އެހެންކަމުން ބޯހިޔާވެހިކަމުގެ ގޮތުން ކުރެވޭ އިމުރާނީ މަސައްކަތައި ޢިމާރާތްތަކުގައި ހުންނަންޖެހޭ އަސާސީ ޝަރުޠުތަކެއް ގާނޫނަކުން ލާޒިމުކުރުން މުހިންމުކަމަށް ފެނެއެވެ.
އޭގެތެރޭގައި މިސާލަކަށް ޢިމާރަތާއި ކޮޓަރިތަކުގެ ބޮޑުމިން އެކަށީގެންވާ މިންގަޑަށް ހުރުމާއި ކޮންމެ އިމާރަތެއްގައި ޖިމެއް ހުރުމާއި، މިނީ މާޓެއް ހުރުމާއި، ނަމާދުގެއެއް ހުރުމާއީ އެ ޢިމާރަތެއްގައި ތިބޭނެ މީހުންގެ ނިސްބަތަކުން ތަފާތު ޙަރަކާތްތަކަށް އެއްވެވޭނެ ހޯލެއް ހުރުމާއި އެ ޢިމާރަތެއްގައި ހުރި ކޮންމެ އެޕާޓުމެންޓަކަށް އެ ޢިމާރަތެއްގެ ދަށުގައި ނުވަތަ އެއްފަރާތުގައި ކާރު ގަރާޖެއް ހުރުމާއި އިމާރަތުގައި ދިރިއުޅޭ މީހުންގެ ސިކުރިޓީއަށް ބުރޫނުއަރާފަދަ ތަނެއްގައި ޕަބުލިކު ކެފޭ، ކޮފީޝޮޕް ފަދަ ޚިދުމަތް ހިންގޭނެ ޖާގަ ހުރުންފަދަ ކަންކަމެވެ.
މިފަދަ މެނިފެސްޓޯއަކަށް އަމަލުކޮށްފި ނަމަ ޕަބުލިކު ހެލްތުގެ ރޮގުން ދުނިޔޭގެ އެއް ވަނަ ގައުމަށް ދިވެހިރާއްޖެ ހެދިދާނެކަމަށް ފެނެއެވެ.
ދެންއޮތީ ސިއްޙީ ޚިދުމަތުގެ ވާހަކައެވެ. އެ ރޮގުން ވެސް ދުނިޔޭގެ ނަމޫނާ ގައުމަކަށް ދިވެހިރާއްޖެ ހެދިދާނެއެވެ. އެ ކަންކުރުމަށް ބޭނުންވަނީ އިޚުލާސްތެރި ވެރިކަމަކާއި ޕުރޮފިޝަނަލް މެނިފެސްޓޯތަަކާއި އެދު ގައުމަށް ތެދުވެރި އަމާނާތްތެރި ބައެކެވެ.
އެ ފަދަ މެނިފެސްޓޯއެއްގެ އަސާސު ބިނާވެފައި އޮންނަން ޖެހޭނީ ސިއްޙީ ދާއިރާ ރަނގަޅު ކުރުމަށް ޓަކައި އެ ދާއިރާގެ ބިންގާ ކަމުގައިވާ އެކަމުގެ ފަންނުވެރީން ބިނާކުރުމަށް އިސްކަން ދިނުމުގެ މައްޗަށެވެ. މިހާރު ދިވެހިރާއްޖޭގައި އޮތް ސިޔާސަތަކީ ވަރަށް އާދައިގެ ބަލިތަކަށް ބޭސްކުރަން ވެސް ރާއްޖެތެރޭގެ މީހުން ގިނަގިނައިން މާލެއަށް ނުވަތަ މާލެއިން އިންޑިޔާއަށް ދާންޖެހެގޮތަށް ފަރުމާކޮށްފައި އޮތް ސިޔާސަތެކެވެ. އަދި މާލެއަށް ޚަރަދުކުރަމުން ގޮސް އަތް ހުސްވުމުން އަވަށްޓެރި ގައުމުތަކަށް ގޮސްގެންނޫނީ ގިނަބަލިތަކަށް އެކަށީގެންވާ ފަރުވާ ނުލިބޭގޮތަށް ފަރުމާކޮށްފައި އޮތް ސިޔާސަތެކެވެ. ރާއްޖެތެރޭގެ މީހުން މާލެ ގޮސް އަދި އާއްމުކޮށް ދިވެހިން އަވަށްޓެރި ގައުމުތަކަށް ގޮސް ސިއްޙީ ފަރުވާ ހޯދުމަކީ ފަސޭހަކަމެއްނޫނެވެ.
ނުހަނު ބޮޑު ޚަރަދަކާއި އިތުރު ތަކުލީފު ތަކެކެވެ. އޭގެއިތުރުން ބޭރުގެ ޑޮކްޓަރުން ރާއްޖޭގައި ގިނަވުމަކީ ސިއްޙީ ނިޒާމުގެ ތެރެއިން ދިވެހިރާއްޖެއަށް ބައެއް އަވަށްޓެރި ގައުމުތަކުގެ ނުފޫޒުވަނުމަށް މަގުފަހިވުމާއި ރައްޔަތުން ދައްކާ ޓެކުސްގެ ފައިސާގެ ބޮޑުބައެއް ބޭރު ގައުމަށްތަކަށް ލިބެވޭގޮތަށް ފަރުމާކޮށްފައި އޮތް ސިޔާސަތެކެވެ. އެހެންކަމުން ސިއްޙީދާއިރާ ތަރައްގީކޮށް ހިންގާނެ ދިވެހިންތަކެއް އުފެދުމަށް އިސްކަން ދޭންޖެހެއެވެ. އެގޮތުން މިވަގުތައް ކުރުމަށް ބޭނުންވާ ކަންތައްތަކަކީ:
އެކެއް: ސިއްހީ ދާއިރާއިން ފުރަތަމަ ޑިގުރީ ޙާސިލުކުރުމަށް ބޭނުންވާ ދަރިވަރުންނަށް ޓަކައި އަންލިމިޓެޑު ބަޖެޓެއް ހުޅުވައިލުމެވެ.
ދޭއް: ސިއްޙީ ދާއިރާއިން އިސްޕެޝަލައިޒުގެ ފުރުސަތު އެމެރިކާ، ކެނެޑާ، ޔޫ.ކޭ ފަދަ ކުރިއަރާފައިވާ ގައުމުތަކުން ދަރިވަރުން ހޯދާ ޖާގަތަކަށް ސަރުކާރުން ސްޕޮންސާކޮށް ދިނުމެވެ.
މި ދެ ކަންކޮށްފި ނަމަ ދުވަސްކޮޅެއް ނުވަނީސް ސިއްޙީ ޚިދުމަތް ހޯދުމަށް ބައެއް އަވަށްޓެރި ގައުމުތަކަށް އަޅުވެތިވެފައިވާން ޖެހިފައިމިވާ ޖެހުން ނިމުމަކަށް ގެނެވިދާނެއެވެ. އަދި ސިއްޙީ ރޮގުން ދިވެހިރާއްޖެއަކީ ވެސް ދުނިޔޭގެ ރަނގަޅު ގައުމެއްކަމުގައި ހެދިދާނެއެވެ.
ނަމަވެސް މިފަދަ އުނދަނގޫ ކަމެއް އިސްލާޙު ކުރެވޭނީ ހެޔޮ ލަފާދާރު ޖަމާޢަތެއް ވުޖޫދުވެ އިޚުލާސްތެރި ބައެއްގެ އަތްމައްޗަށް ވެރިކަން ރައްޔަތުން އަރުވައިގެންނެވެ. އަދި ރައްރަތުންގެ މަޖިލިސްގެ ބާރު މިނިވަން މުސްތަގިއްލު ޢިލްމީ ގާބިލު ބައެއްގެ އަތްމައްޗަށް އަރައިގެންނެވެ. ރައްޔަތުންގެ ގެއަށް ރައްޔަތުންނަށް ވަކާލާތުކޮށް ދިނުމަށް ކުރިމަތިލެވޭނެ ތަޢުލީމީ މިންގަނޑެއް ކަނޑައެޅިފައި އޮވެގެނެވެ. އެފަދަ މަގާމަކަށް ކުރިމަތި ލެވޭނެ މީހަކީ އެމީހެއްގެ ޢުމުރުގައިވެސް ވައްކަމާއި ފޭރުމާއި މަސްތުވާތަކެތީގެ ރެކޯޑެއްނެތް މީހެއްކަމުގައި ގާނޫނަކުން ލާޒިމް ކޮށްދީފާއި އޮތުމުންނެވެ.
ސިންގަޕޯރ ސިންގަޕޯރަކަށްވެ އެވާހަކަތައް ގިނަގިނައިން މުޅިދުނިޔޭގައި އެދެކެވެނީ މިފަދަ މެނިފެސްޓޯއެއްގެ މައްޗަށް އެމީހުންގެ ސިޔާސަތު ބައްޓަންކޮށް އެފަދަ ސިޔާސަތްތަކަށް ޢަމަލުކުރަމުން ގެންދާތީއެވެ.
2 Responses
ޒަމާނުއްސުރެން ދުުންފަތުގެ ވަބާ ގެ ވާހަކަ ދައްކާ އެކަން މަނާ ވޭތޯ އުޅުނަސް އެކަމާ އެބަ ދެކޮޅުވޭ އެކަމުގެ ނުރައްކާ އެނގި ގަބޫލު ކުރާ މީހާ ވެސް ސިޔާސީ ހަސަދަ ވެރިކަމުގަ.
ވާގޮތަކީ ގޭ ކަންމަތީ ގައި ތިބެގެން ހަކުރުވިއްކާ ބޯ އިރު ދޮލޮލަށް ނުފެންނަ ކަމަށް ހަދައިގެން ތިބެފާ ވޭޕް މަނާ ކުރިކަމެވެ. ވަކިބަޔަކު ހިނދުކޮޅު އައިމާ ގޯސްވެފާ އަނެއްބައި ތަކެތި ބޯއިގެން ހިދުކޮޅުގައި ތިބެން އޯ ކޭ ވާތީ، އެއީ މައްސަލަޔަކީ. ފަހަމްތަ؟