އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދާދި ފަހުން އެމެރިކާއަށް ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއް ކުރައްވާފައިވާއިރު، ހާސިލް ކުރެއްވުނު ކަންތައްތަކާމެދު ބައެއް ފަރާތްތަކުން ވަނީ ސުވާލުއުފައްދާފައެވެ.
ފުރަތަމަ މޯދީ އާއި ބައްދަލް ކުރެއްވުމުގެ ކުރިންވެސް ބުރާސްފަތި ދުވަހު ޓްރަމްޕް ވަނީ ގައުމުތަކަށް އަޅުއްވާ ”ރެސިޕްރޮކަލް“ ޓެރިފް އެއް އިއުލާން ކުރައްވާފައެވެ.މާނަޔަކީ އެމެރިކާޔަށް ޓެރިފް އަޅާ ގައުމުތަކަށް، ހަމަ އެމިންވަރަށް ޓެރިފް އަޅާނެކަން އިއުލާން ކުރެއްވުމެވެ.ޓްރަމްޕް ވިދާޅުވީ އިންޑިޔާއަކީ އެހެން ގިނަ ގައުމުތަކަށްވުރެގިނަ ޓެރިފް އިއުލާން ކޮށްފައިވާ ގައުމެއް ކަމުގައެވެ.
އޯވަލް އޮފީހުގައި ނޫސްވެރިންނާ ބައްދަލް ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ދުޝްމަނުންގެ ފުށުން ކުރިމަތިވާ ގޮންޖެހުންތަކަށްވުރެ، ރައްޓެހިންގެ ފުށުން މާގިނަ ގޮންޖެހުންތައް ކުރިމަތިވާ ކަމުގައެވެ.އަދި އިންޑިޔާއަކީ ޓެރިފް ނެގުމުގައި އަރާހުރި ގައުމެއް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް މިމޭރުމުން ވާހަކަފުޅުދެއްކެވި ނަމަވެސް ޓްރަމްޕް އާއި މޯދީ ގެ ގުޅުމަކީ ވަރަށް ގާތް ގުޅުމެއްކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ. އެގާތްކަން އެންމެ ފަހުގެ ބައްދަލް ކުރެއްވުމުން ވަނީ ފެނިގެންގޮސްފައެވެ.ދެބޭފުޅުން އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ތައުރީފް ކުރައްވާފައިވީނަމަވެސް އުނދަގޫ މައުލޫތައް ”އެވޮއިޑް“ ކުރެއްވިކަން ފާހަގަ ކުރެވިފައި ވެއެވެ.
އެމެރިކާ ޔޫއެސް ގެ ގުޅުން އިތުރަށް ކުރިޔަށް ގެންދެވޭނެ ދާއިރާތައް ކަންޑައަޅާ އެކަމާބެހޭ ފްރޭމްވަރކް އެއް ތައްޔާރު ކުރައްވާނެކަމަށް ދެބޭފުޅުން ވިދާޅުވެފައިވެއެވެ.މިގޮތުން އިއުލާން ކުރެވުނު ޕްލޭން ތައް އިމްޕޯޓް ޓެކްސް ތަކަށް ވުރެ ފުޅާ ވެގެން ދާނެއެވެ.މިގޮތުން އިންޓަނޭޝަނަލް ސެކިއުރިޓީ،ހަކަތައިގެ ވިޔަފާރި އަދި ޖައްވަށް ދަތުރު ކުރުމުގެ ދާއިރާގައި އެއްބާރުލުން ހިމެނެއެވެ.
ޓްރަމްޕް ދެވަނަފަހަރަށް ވެރިކަމަށް ވަޑައިގެންނެވުމާއިއެކު ގެންދަވަނީ އެކި ގައުމުތަކާއި ދެކޮޅަށް ޓެރިފް އިއުލާން ކުރައްވަމުންނެވެ.އެހެން ކަމުން މޯދީވެސް ވަޑައިގެންނެވީ އިންޑިޔާއާއި ދެކޮޅަށް އަޅުއްވަފާނެ ފިޔަވަޅުތައް މަޑުޖައްސާލެވިދާނެ ފަދަ ހުށަހެޅުއްވުން ތަކާއެކުއެވެ.ދެބޭފުޅުން އެއްބަސްވެ ވަޑައިގެންނެވި މައިގަނޑު ކަންތަކުގެ ތެރޭގައި ވިޔަފާރި އިތުރު ކުރުމާއި،ޖައްވަށް ދަތުރު ކުރުމާއި އާޓިފިޝަލް އިންޓެލިޖަންސް އާއި ހަކަތައިގެ ދާއިރާގައި ޕާޓްނާޝިޕް ތައް ޤާއިމް ކުރުން ހިމެނެއެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން 2024ގެ ނިޔަލަށް ދެގައުމުދެމެދު ކުރެވޭ މުޅިވިޔަފާރީގެ ޖުމްލަ 129.2 ބިލިއަން ޑޮލަރަށް އަރައެވެ.އަދި އިންޑިޔާއިން އެމެރިކާއަށް 87.4 ބިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓް ކުރެއެވެ. ވިޔަފާރީގެ ފަރަގު ކުޑަކުރުމަށް އަޅަން ނިންމި ފިޔަވަޅުތަކުގެ ތެރޭގައި އިންޑިޔާއަށް ތެލާއިގޭސް ސަޕްލައިކުރާ އެންމެ އިސް ގައުމަށް އެމެރިކާ ހެދުމަށް މަސައްކަތް ކުރުން ހިމެނެއެވެ. މީގެ އިތުރުން ޓްރަމްޕް އިއުލާން ކުރެއްވި މިލިޓަރީ ސޭލްސްގެ ދަށުން އެފް-35 ގެ ޖެޓްބޯޓުތައް މިއަހަރު އެމެރިކާއިން އިންޑިޔާއަށް ވިއްކުން ހިމެނެއެވެ.