މިދިޔަ ބުރާސްފަތި ދުވަހު މެޑިޓެރޭނިއަން ކަނޑުގައި ބަސިކްޓާސް އެމް ކިޔާ ކާރގޯ ބޯޓަކާއި އެމެރިކާގެ އެއާރކްރާފްޓް ކެރިއަރ ޔޫ އެސް އެސް ހެންރީ ޓްރޫމަން އެކްސިޑެންޓް ވެއްޖެކަމަށް އެމެރިކާގެ ކަނޑު ސިފައިންނަށް ހަވާލާދީ އެސޯޝިއޭޓެޑް ޕްރެސް އިން ޚަބަރު ދީފިއެވެ. މި ހާދިސާއާއި ބެހޭގޮތުން ޔޫ އެސް 6 ވަނަ ފްލީޓްގެ ކޮމާންޑަރ ތަރުޖަމާނު ޓިމޯތީ ގޯރމަން ދީފައިވާ ބަޔާނުގައި ބުނެފައިވަނީ އެ ވަގުތު އެއާރކްރާފްޓް ކެރިއަރ ދަތުރުކުރަމުން ދިޔައީ މިސްރުގެ ޕޯރޓް ސަޢީދު ކައިރިން ކަމަށާއި އެ އުޅަނދާއި ބުރަފައްޗަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށެވެ. އަދި އެ ހާދިސާގައި އެ އުޅަނދުގެ އެއްވެސް މީހަކަށް އަނިޔާ ނުވާކަމަށެވެ.
އެހެންނަމަވެސް އެމެރިކާގެ ކަނޑުސިފައިން ވަނީ ބަސިކްޓާސް އެމް ގެ އެކްސިޑެންޓްގައި ޔޫ އެސް އެސް ޓްރޫމަން އަށް ލިބުނު ގެއްލުންތައް ދައްކުވައިދޭ ފޮޓޯތަކެއް އާންމު ކޮށްފައެވެ. އެކްސިޑެންޓް ހިނގިވަގުތު އުޅަނދުފަހަރު ދުވެލީގެ ބާރުމިން ފޮޓޯތަކުން އަންދާޒާކުރެވޭނެއެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި ޔޫ އެސް އެސް ހެންރީ ޓްރޫމަންގެ ސްޓާރބޯރޑް ފަރާތުން ފަހަތުކޮޅުގައި އެތައްތަނެއް އިރައިގެން ގޮސްފައިވާތީ ފެނެއެވެ. އިތުރު ގެއްލުމެއް ލިބިފައިވާކަން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ކޮމާންޑަރ ތަރުޖަމާނުގެ ބަޔާނުގައި އެކްސިޑެންޓް ވީ އުޅަނދު ބަސިކްޓާސް އެމް އާއި ބެހޭ ގޮތުން އެއްވެސް އެއްޗެކޭ ބުނެފައެއް ނުވެއެވެ. އަދި އެ އުޅަނދަށް ގެއްލުމެއް ލިބުނުކަން ނުވަތަ ނޫންކަންވެސް ބަޔާންކޮށްފައެއް ނުވެއެވެ.
މިއެކްސިޑެންޓްގައި ބަސިކްޓާސް އެމްގެ ސްޓާރބޯރޑް ފަރާތުން ދިރުނބާކޮޅަށް ލިބިފައިވާ ގެއްލުންތައް ދައްކުވައިދޭ ފޮޓޯތްކެއްވެސް ވަނީ އިއްޔެ މީޑިއާއަށް އާންމު ވެފައެވެ.
ބަސިކްޓާސް އެމް އަކީ ޕެނަމާދިދައިގާ ދުއްވާ ބަލްކް ކެރިއަރެއް ކަމަށް ޝިޕިން މަޖައްލާތަކުގައި ބުނެފައިވެއެވެ.
އެމެރިކާގެ އެއާރކްރާފްޓް ކެރިއަރ ތައް އެތައް ހާސް ސިފައިންނާއި ގިނަ އަދަދެއްގެ އެއާރކްރާފްޓް އާއުކު ދުނިޔޭގެ އެތަންމިތަނުގައި ހަރަކާތްތެރިވަމުން ގެންދެއެވެ. މިދިޔަ ޑިސެމްބަރ މަހުގެ ތެރޭގައި އެމެރިކާގެ މިސައިލް ގައިޑެޑް ކުރޫޒަރ އަކުން އޮޅިގެން ދިން ހަމަލާއެއްގައި އޭރު ރެޑް ސީ ތްރެއިންދަތުރުކުރަމުން ދިޔަ ޔޫ އެސް އެސް ހެންރީ ޓުރޫމަން އިން ނައްތާލައިގެން އުދުހެމުންދިޔަ އެފް އޭ-18 ގެ މަތިންދާ ބޯޓެއް ވަނީ ވައްޓާލާފައެވެ.