އެމެރިކާގެ ސެކިއުރިޓީ އިސްކަން އެހެންދިމާލަކަށް ދިއުމުން ނޭޓޯއަށް މަގު އޮޅިއްޖެ

Loading

February 14, 2025
profile
Facebook
Twitter
WhatsApp


ނޭޓޯގެ އެންމެ ބާރުގަދަ މެމްބަރ އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު މި ހަފުތާގައި ދެއްކެވި ވާހަކަފުޅަކުން ޔޫރަޕްގެ ސަލާމަތާ ރައްކާތެރިކކަމާ ދޭތެރޭ މިހާތަނަށް އެމެރިކާއިން ދީފައިއޮތް ޔަގީންކަން އޮޅުންބޮޅުންގަނޑެއްގެ ތެރެއަށް ހިނގައްޖެ ކަމަށް ބްރަސެލްސް އިން އެސޯޝިއޭޓެޑް ޕްރެސް އިން ރިޕޯރޓް ކޮށްފިއެވެ.


ޔޫކްރެއިނަށް ތާއީދުކުރާ ހުޅަނގުގެ ގައުމުތަކުގެ ފަންސާހަކަށް މަންދޫބުންނާ މުޚާތަބު ކުރައްވައި އެމެރިކާގެ ދިފާއީ ވަޒީރު ހެގްސެތު ވިދާޅުވެފައި ވަނީ ޔޫރަޕްގެ ސަލާމަތާ ރައްކާތެރިކަމަށް އެންމެ ފުރަތަމަ އިސްކަންދިނުން އެމެރިކާގެ ސިޔާސަތުގައި މިހާރު ހިމެނިފައި ނުވާކަމަށެވެ. އެމެރިކާއަށް ދިމާވެފައިވާ ސަލާމަތީ ގޮންޖެހުންތައް ހައްލު ކުރުމަށްޓަކައި އެމެރިކާގެ ވަށައިގެންވާ ބޯޑަރ ސަރަހައްދުތައް ބެލެހެއްޓުމަކީ އެމެރިކާއިން އެންމެ އިސްކަންދޭ ސިޔާސަތެވެ. އަދި ރަޝިޔާގެ ބާރުގެ ދަށުގައިހުރި ސަރަހައްދުތައް އަނބުރާ ޔޫކްރެއިނަށް ނުލިބޭނެ ކަމަށާއި އަދި ޔޫކްރެއިނަށް ނޭޓޯގެ މެމްބަރުކަން ނުލިބޭނެ ކަމަށާއި މުސްތަގްބަލްގައި ރަޝިޔާއިން ޔޫކްރެއިނަށް ހަމަލާ ނުދޭނެކަމުގެ ޔަގީންކަންވެސް ނުލިބޭނެ ކަމަށެވެ.
ޔޫކްރެއިންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި މީގެފަހުން ނޭޓޯއިން ޕޮލިސްމަންއެއްގެ މަސައްކަތް ނުކުރާނެ ކަމަށާއި އެމެރިކާ ސިފައިން އެފަދަ އެއްވެސް އޮޕަރޭޝަނެއްގައި ބައިވެރިވެސް ނުވާނެ ކަމަށެވެ. ޔޫރަޕްގެ ގައުމުތަކުން އެކަމަށް ބޭނުންވާނަމަ އެ ޚަރަދުތައް ބޮޅުގައި އަޅަންޖެހޭނެކަމަށްވެސް ހެގްސެތު އިންޒާރު ދެއްވިއެވެ. އަދި ޔޫރަޕްގެ ގައުމަކުން ރަޝިޔާއާއިދެކޮޅަށް ޔޫކްރެއިންގެ ހަނގުރާމައިގެ ތެރެއަށްވަދެ ނުނިކުމެވޭ ފަދަ ހާލަތެއް މެދުވެރި ވިޔަސް އެމެރިކާއިން އެހީތެރިވެ ނުދޭނެކަމަށްވެސް އިންޒާރު ދެއްވިއެވެ.
ހެގްސެތުގެ ވާހަކައަށް ރައްދު ދެއްވައި ފަރަންސޭސި ދިފާއީ ވަޒީރު ސެބާސްޓިއަން ލެކޯރނޫ ވިދާޅުވީ މިއީ ނޭޓޯއިން ހަގީގަތާ ކުރިމަތިލާން ޖެހުންކަމަށެވެ. މިހާތަނަށް ދުނިޔޭގައި އޮތް އެންމެ ބާރުގަދަ މިލިޓްރީއަކީ ނޭޓޯ އެވެ. އެކަމަކު ކުރިއަށް އޮތް ދިހަވަރަކަށް އަހަރުފަހުން އެކަން އެގޮތަށް އޮވެދާނެތޯވެސް ލެކޯރނޫ ސުވާލު ކުރެއްވިއެވެ.


ނޭޓޯއަކީ ކޮބައި ހެއްޔެވެ؟

1949 ގައި ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން ( ނޭޓޯ ) އުފަންވެގެންއައީ ފިނި ހަނގުރާމައަށްފަހު ސޯވިއެޓް ޔޫނިއަންގެ ހަމަލާތަކުން ޔޫރަޕްގެ 12 ގައުމެއްގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ގުޅިގެން މަސައްކަތް ކުރުމަށެވެ. ސޯވިއެޓް ޔުނިއަންއަކީ ނޭޓޯގެ ޑީ އެން އޭ ކަމުގައި ބުނެވިދާނެއެވެ. ޔޫރޯ-އެޓްލާންޓިކް އިން ބޭރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ނޭޓޯގެ މަސައްކަތެއް ނޫނެވެ.
މީގެ 75 އަހަރުކުރިން ވޯޝިންގްޓަން މުއާހަދާގައި ސޮއިކުރުމަށްފަހު ނޭޓޯއަށް މެމްބަރު އިތުރުވަމުން އައިސް ރަޝިޔާދެކެ ޖެހިލުންވާލެއް ބޮޑުކަމުން މިދިޔަ އަހަރު ސްވިޑްންއަށް މެމްބަރުކަން ދިނުމާއެކު މިހާރު ނޭޓޯގައި 32 ގައުމު ހިމެނެއެވެ. ނޭޓޯ މެމްބަރު ގައުމުތަކުގެ ސަލާމަތާ ރައްކާތެރިކަން ގުޅިގެން ކަށަވަރުކޮށް ދިނުން ބާރު އެ ޖަމާއަތަށް ލިބިދީފައި ވެއެވެ. ދިފާއީ ވަޒީރުގެ ވާހަކަފުޅުގައި އެމެރިކާ ނޭޓޯއިން ވަކިވެދާނެކަމަށް އިޝާރާތް ކޮށްފައި ނެތަސް އެކަމާ ދޭތެރޭ ޝައްކު އުފައްދާފައި ވެއެވެ.
ނޭޓޯގެ ޝަރުތު ފުރިހަމަވާ ޔޫރަޕްގެ ކޮންމެ ގައުމަކަށްވެސް ނޭޓޯގެ މެމްބަރަކަށް ވެވިދާނެއެވެ. ހަމައެއާއެކު ކޮންމެ މެމްބަރ ގައުމަކަށްވެސް ވީޓޯ ކުރުމުގެ އިޚްތިޔާރުވަނީ ލިބިދީފައެވެ. މި ހަފުތާގައި ބޭއްވުނު ބައްދަލުވުމުގައި ޔޫކްރެއިނަށް މެމްބަރ ކަން ދިނުމުގެ މައްސަލައިގާ އެމެރިކާގެ ދިފާއީ ވަޒީރު ހެގްސެތު ވަނީ ވީޓޯގެ ބޭނުން ކުރައްވައި ޔޫކްރެއިން ބޭރު އަރުވާލާފައެވެ.
ނޭޓޯ ކޮންޓްރޯލް ކުރަނީ ކޮންގައުމެއްގެ ނުފޫޒުން ހެއްޔެވެ؟
ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއަކީ ނޭޓޯގެ އެންމެ ބާރުގަދަ ގައުމެވެ. އަދި ތަފާތު ރޮނގުތަކުން އެހީތެރިކަން ފޯރުކޮށްދިނުމާއެކު ނޭޓޯގެ ގިނަ ގައުމުތަކެއްވެސް އޮންނަނީ އެމެރިކާގެކޮޅަށް ލަންބާފައެވެ. ނޭޓޯގެ ޚަރަދުތަކުގެ އެންމެ ބޮޑު ހިއްސާއެއްވެސް ހޭދަކުރަނީ އެމެރިކާއިންނެވެ. އެހެންވީމާ ނޭޓޯގެ ހުންގާނު އޮންނާނީ އަބަދުވެސް އެމެރިކާ އަތުގައެވެ. މިކަން ބަދަލެއްވެސް ނުކުރެވޭނެއެވެ. ހުރިހާ މެމްބަރުންވެސް މިކަން ދަންނަން ޖެހޭނެއެވެ. ދިފާއީ ވަޒީރު ހެގްސެތުގެ ވާހަކައި ވިދާޅުވެފައި ވެއެވެ.
ނޭޓޯގެ ދުވަހުން ދުވަހުން ކުރަންޖެހޭކަންތައް ތަރުތީބުން ހިންގުމަކީ ނެދަރލޭންޑްސް ކުރީގެ ބޮޑުވަޒީރު މާރކް ރުއްޓޭގެ މަސްއޫލިއްޔަތެކެވެ. ބްރަސެލްސްގައި ހުންނަ ނޭޓޯ މައިމަރުކަޒުގައި ކޮންމެ ހަފުތާއަކު އޮންނަ އެ ޖަމާއަތުގެ އެމްބެސަޑަރުންގެ މަދަނީ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓަވާނީ އެބޭފުޅާއެވެ. އެކަމަކު ބެލްޖިއަމްގެ މޮންސް ގައި ހުންނަ އެ ޖަމާއަތުގެ މިލިޓްރީ ހެޑްކުއާޓަރސްގެ އިންޗާރޖަކީ އަބަދުވެސް އެމެރިކާގެ އިސް މިލިޓްރީ ކޮމާންޑަރެކެވެ. އެ ބޭފުޅަކީ އެ ޖަމާއަތުގެ ސުޕްރީމް ކޮމާންޑަރެވެ. މިހާރު އެ މަގާމު ފުރުއްވަނީ ޖެނެރަލް ކްރިސްޓޮފަރ ކަވޯލީ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް