ރަނގަޅު ބިންގަލެއްގެ މައްޗަށް ކުރެވޭ ސުލްހައިގެ އެއްބަސްވުމެއްގެ މައްޗަށް ހަނގުރާމަ ނިންމާލުމަށްޓަކައި ޔޫކްރެއިންގެ ބައެއް ސަރަހައްދު ރަޝިޔާއަށް ދޫކޮށްލައްވަން ތައްޔާރަށް ހުންނެވި ކަމުގައި ރައީސް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.
ދަ ގާރޑިއަންއަށް ދެއްވި އިންޓަރވިއުއެއްގައި ރައީސް ޒެލެންސްކީ ވިދާޅުވީ ޔޫކްރެއިނުން ހިފާފައިވާ ރަޝިޔާގެ ކާރސްކް ޖަޒީރާގެ ސަރަހައްދު، ރަޝިޔާއިން ހިފައިވާ ޔޫކްރެއިންގެ ސަރަހައްދަކަށް އެކްސްޗޭންޖް ކުރެވިދާނެ ކަމަށެވެ. އެހެންނަމަވެސް ކީވުން ބޭނުންވާނީ ރަޝިޔާއިން ހިފާފައިވާ ކޮން ސަރަހައްދެއްކަން ވިދާޅެއް ނުވެއެވެ. ރައީސް ޒެލެންސްކީ ވިދާޅުވީ ހުރިހާ ސަރަހައްދެއްވެސް އަހަރެމެންނަށް މުހިންމު ކަމަށާއި އެކަމަކު ވާހަކަ ދައްކައިގެން ގޮތެއް ނިންމާނީ ކަމަށެވެ.
ޔޫކްރެއިން އިރުމަތިން %20 ސަރަހައްދު މިހާރު އޮތީ ރަޝިޔާގެ ބާރުގެ ދަށުގައެވެ. އޭގެ އިތުރުން ކްރީމިއާވެސް އޮތީ ރަޝިޔާގެ ބާރުގެ ދަށުގައެވެ. ހަނގުރާމަ ހުއްޓުމަށް އެއްބަސްވެވޭނެ ހަމައެކަނި ޝަރުތަކީ ޔޫކްރެއިންގެ 4 ސަރަހައްދެއް އެއީ ރަޝިޔާގެ ތަންތަން ކަމުގައި ކީވުން އެއްބަސްވުމާއި އަދި ނޭޓޯގެ މެމްބަރަކަށް ވުމުގެ ވިސްނުން ދޫކޮށްލުމެވެ. ރަޝިޔާއިން ބުނާ 4 ސަރަހައްދުގެ ތެރޭގައި އަދި މިހާރު ރަޝިޔާގެ ބާރުގެ ދަށުގައި ނެތް ބައެއް ތަންތަންވެސް ހިމެނެއެވެ.
ރަޝިޔާއާއި ޔޫކްރެއިން ސުލްހައިގެ ވާހަކަތަކަށް އެއްމޭޒަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ކުރައްވަމުންގެންދަވާ މަސައްކަތުގައި އެ ގައުމުގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވަމުންގެންދަވާ ބޭފުޅުން މި ހަފުތާގެ ތެރޭގައި ޔޫރަޕަށް ވަޑައިގަންނަވާނެއެވެ. އޭގެ ތެރޭގައި މި އަންނަ ހުކުރުދުވަހުން ފެށިގެން އާދީއްތަ ދުވަހާހަމަޔަށް މިޔުނިކްގައި ކުރިއަށްދާ ސެކިއުރިޓީ ކޮންފަރެންސަށް ވަޑައިގަންނަވާ ނައިބުރައީސް ވޭންސް ވެސް ހިމެނި ވަޑައި ގަންނަވައެވެ. ނައިބުރައީސް ވޭންސް ޔޫކްރެއިންގެ ރައީސް ޒެލެންސްކީއާއި ބައްދަލު ކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން ރައީސް ޓްރަމްޕް ޔޫކްރެއިން އާއި ރަޝިޔާގެ ހަނގުރާމަ ހުއްޓުވުމުގެ މަސައްކަތް ހަވާލު ކުރައްވާފައިވާ ޚާއްސަ މުޝީރު ކީތު ކެލޯގް އާއި ޚާރިޖީ ވަޒީރު މާރކޯ ރުބިއޯ ބެސް މިއުނިކަށް ވަޑައިގަންނަވާނެއެވެ. ދިފާއީ ވަޒީރު މިހާރުވެސް އުޅުއްވަނީ އެމެރިކާގެ މިލިޓްރީ ވަސީލަތްތައް ހުރިނެތް ފެންވަރު ބެއްލެވުމުގެ ދަތުރުފުޅެއްގައި ޔޫރަޕް ގައެވެ.
ކަންތައް މިހިސާބަށް ގޮސްފައިވަނިކޮށް ނައިބު ރައީސް ވޭންސް އާއި ޔޫކްރެއިންގެ ރައީސް ޒެލެންސްކީގެ ބައްދަލު ކުރެއްވުން ކުޑަތަންވެފައި ވަނިކޮށް ކުއްލިއަށް އިވިގެން މިދިޔައީ ހަނގުރާމަ ހުއްޓުވުމާއި އެއްވެސް ގުޅުމެއްނެތް ތަފާތު އެހެން ކަމެއް ރައީސް ޑޮނާލްޑް ޓްރަމްޕް ފެންމަތި ކުރުވި ޚަބަރެވެ.
ފޮކްސް ނިއުސްގެ ބްރެޓް ބެއާރ އާއި އެކު ވާހަކަދައްކަމުން ރައީސް ޑްރަމްޕް ވިދާޅުވި ކަމަށް ވެއެވެ. ”އެމީހުންނަށް އެއްބަސް ވުމަކަށް އާދެވުމާއި އަދި ނާދެވުން އެއީ އަދި މުޅިން އެހެން ކަމެކެވެ. އަހަރެމެންނަށް 500 މިލިއަން ޑޮލަރ އަގުހުރި ޚާއްސަ މައުދަން އެކުލެވޭ ވެލި ޔޫކްރެއިނުން ލިބެންޖެހޭނެއެވެ. އަހަރެމެން ކުރިޚަރަދު ލިބެންޖެހޭނެކަމަށް ޔޫކްރެއިންގައި އޮންނާނީ ބުނެފައެވެ. އަހަރެމެންނަކީ މޮޔައިންނެއް ނޫނެވެ.“ ޔޫކްރެއިނަކީ ތަރައްގީ ވެފައިވާ ގައުމުތައް ހަކަތައިގެ ވަސީލަތުން އިތުރަށް ކުރިއަށް ދިއުމަށް ބޭނުންވާ ޚާއްސަ މައުދަންތަކެއް އެކުލެވޭ ވެލި ވަރަށް ގިނަ މިންވަރަކަށް ލިބެން ހުރި ގައުމެކެވެ.
ރައީސް ޕޫޓިން މިއަށްވުރެން އަޑުއަހާހިތް ވާނެ ވާހަކައެއް ހަމަގައިމުވެސް ނޯންނާނެއެވެ. އެއްކޮޅުން ސުލްހައިގެ މަޝްވަރާތަކުގެ ވާހަކައެވެ. އަނެއްކޮޅުން ޔޫކްރެއިން އަމާންދިނުމުގެ ވާހަކައެވެ. އަދި އެމެރިކާއިން އެއްވެސް އެހީއެއް ހިލޭ ނުލިބޭނެ ވާހަކައެވެ.