ކޮންޓްރޯލެއްނެތި ސްޕާމް ޑޮނޭޓް ކުރުމުގެ ނުރައްކާތެރިކަން ހާމަކޮށް ދިނުމުގެ ގޮތުން އިގިރޭސިވިލާތުގެ ފަނޑިޔާރަކު ވަރަށް ޚާއްސަ މިސާލެއް ދައްކާލައިފިއެވެ. ފަޑިޔާރު ބުނާގޮތުން އޮންލައިންކޮށް އިޝްތިހާރު ކޮށްގެން ސްޕާމް ޑޮނޭޓް ކުރާ މި މީހާއަށް ދުނިޔޭގެ އެކި ގައުމުތަކަށް ނިސްބަތްވާ އަންހެނުން 180 އަށްވުރެގިނަ ދަރިން ވިހާފައިވާ ކަމަށް އޭނާ ދައުވާ ކުރެއެވެ. އަންހެނުން ނިސްބަތްވާ ގައުމުތަކުގެތެރޭގައި ޗައިނާ،އެމެރިކާ،އާޖެންޓީނާ،އޮސްޓްރޭލިޔާ ފަދަ ގައުމުތައް ހިމެނެއެވެ.
އުމުރުން ފަންސާހުގެ އަހަރުތައް ގުނަމުންދާ ރޮބާޓް ޗާލްސް އަލްބަން ނަމަކަށްކިޔާ މިމީހާ އަކީ އިގިރޭސި ވިލާތުގައި ދިރިއުޅޭ އެމެރިކާގެ ރައްޔިތެއް ކަމަށްވެއެވެ. އޭނާ ބުނެފައިވާގޮތުގައި އޭނާ މިކަން ކުރަނީ އެއްވެސް އަގަކަށް ނޫނެވެ.އަދި އޭނާގެ ހަމައެކަނި ބޭނުމަކީ ދަރިން ނުލިބިފައިތިބޭ އަންހެނުންނަށް އެހީތެރިވުން ކަމަށް ބުނެފައިވެއެވެ.އަދި ދަރިން ލިބުމަށްފަހު އޭނާއާއި ގުޅުމެއް ބާއްވާނެތޯ ނުވަތަ ނޫންތޯ ދޫކޮށްލަނީ އެއަންހެނަކަށް ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް 2023 ވަނަ އަހަރު އޭނާވަނީ އިގިރޭސިވިލާތުގެ ”ސޭމް ސެކްސް“ ކައިވެންޏަކަށް ދިން ސްޕާމުން އުފަންކުރުވި ދަރިފުޅު ގެ ނަން އޭނާގެ ނަމަށް ބަދަލުކުރުމަށް ކޯޓަށް ގޮސްފައެވެ. ޝަރީއަތުގެ ތެރެއިން ހާމަވެފައިވާގޮތުގައި އޭނާމިކަން ކުރަން އުޅުނީ އިގިރޭސި ވިލާތުގައި އޭނާގެ ފެމިލީއެއް އެބައޮތްކަން ދެއްކުމަށް އިމިގްރޭޝަން ބޭނުމަށެވެ.ނަމަވެސް ކޯޓުން ނިންމީ ދަރިފުޅުގެނަން އޭނާގެ ނަމަށް ބަދަލުކުރުމަކުން ކުއްޖާއަށް ލިބޭނެ ފައިދާއެއް ނެތްކަމަށެވެ.
މިކޯޓްކޭސްގެ ސަބަބުން ދަރިފުޅުގެ ދެމަންމަގެ ނަފްސާނީ ހާލަތަށް ވަރަށް ބޮޑަށް އަސަރު ކުރަން ދިމާވި ކަމަށް ވެއެވެ. ކުއްޖާ ވިހޭ މަންމަ ޑިޕްރެޝަން އަށް ގޮސް މަރުވެދާފަދަ ހާލަތަކަށް ގޮސް އެންމެ ފަހުން އެދެމީހުންގެ ކައިވެނިވެސް ވަނީ ރޫޅިފައެވެ.
އަލްބަންގެ މިސާލުން މިސާލުދައްކަމުން އިގިރޭސި ފަޑިޔާރު ވަނީ އެގޮތަށް ކޮންޓްރޯލެއްނެތި ސްޕާމް ޑޮނޭޓް ކުރުން ކުރިމަތިވާނެ ނުރައްކާތެރިކަން ދުނިޔެއަށް ހާމަކޮށް ދިނުމަށް މަސައްކަތް ކޮށްފައެވެ. މިގޮތަށް ދަރިން ހޯދުމުން ގޮތްނޭގޭ ޖެނެޓިކް ބަލިތައްވެސް ފެތުރިދާނެކަމަށާއި މީގެ އިތުރުން ނަފްސާނީގޮތުންވެސް އެއާއިލާތަކަށް ކުރިމަތިވެދާނެ ”ބިރުވެރިކަމަކަށް“ ވެދާނެ ކަމަށް ބުނެފައިވެއެވެ.
އިގިރޭސިވިލާތުގައިވެސް ސްޕާމް ޑޮނޭޓް ކުރަން ހުއްދަ އޮންނަނީ ހަމައެކަނި އެކަމުގެ ލައިސަންސް ލިބިފައިވާ ކްލިނިކެއް މެދުވެރިކޮށެވެ. އަދި މިގޮތަށްވެސް އެކަކަށް ސްޕާމް ދެވޭނީ ގިނަވެގެން ދިހަ އާއިލާ އުފެއްދުމަށް ކަމަށް ވެއެވެ.
އަލްބަން ކިޔާމީހާ އޮގަސްޓްމަހު ”ދަ ސަން“ އަށް ދިން އިންޓަރވިއުއެއްގައި ބުނެފައިވާ ގޮތުގައި އޭނާއަށް 180އަށްވުރެ ގިނަ ކުދިން ލިބިފައިވެއެވެ.އޭގެ ތެރެއިން 60އެއްހާ ކުދިންނާއި އެނާވަނީ ބައްދަލް ވެފައެވެ. ކުދިންގެ ތެރެއިން ގިނަ ކުދިންނާ ބައްދަލް ނުވާނެކަންވެސް އިނގޭކަމަށާ އެކަން ދޫކޮށްލަނީ ކުއްޖާގެ މަންމައަށް ކަމަށް ބުނެފައި ވެއެވެ.އެހެންނަމަވެސް ކުދިންނާދެމެދު ކޮންމެވެސް ކަހަލަ ގުޅުމެއް ބޭއްވުމަކީ އޭނާ އެދޭގޮތް ކަމަށް ބުނެފައި ވެއެވެ.