ނިއުކްލިއަރ ހަތިޔާރު އުފެއްދުން މަނާކޮށް ނެރެފައިވާ ފަތުވާ އުވާލަން އެދިއްޖެ

Loading

February 11, 2025
profile
Facebook
Twitter
WhatsApp

ނިއުކްލިއަރ ހަތިޔާރު އުފެއްދުން މަނާކުރައްވައި ސުޕްރީމް ލީޑަރ އާޔަތު ﷲ އަލީ ޚާމަނާއި ނެރުއްވާފައިވާ ފަތުވާ އީރާން ސަލާމަތާ ރައްކާތެރިކަމުގައި ދެމިއޮތުމަށްޓަކައި އުވާލަ ދެއްވުން އެދި އެ ގައުމުގެ މިލިޓްރީގެ އެންމެ އިސް ވެރިން އާޔަތު ﷲ އަށް ދަންނަވައިފިއެވެ. ހުޅަނގުގެ ގައުމުތަކުން އީރާނަށް އަމާޒު ކުރަމުން ގެންދާ ބަހުގެ ނުރައްކާތެރި ހަމަލާތައް ކޮންމެ ވަގުތެއްގައިވެސް ހަނގުރާމަވެރި ހަމަލާތަކަކަށް ބަދަލު ވެދާނެތީ އީރާނު ދިފާއުކުރުމަށްޓަކައި މިހާރު އީރާނަށް ނިއުކްލިއަރ ހަތިޔާރު ލިބިފައިހުރުން ނޫންއެހެން ގޮތެއް ނެތްކަމަށް  އެ ބޭފުޅުން ދެންނެވިކަމަށް ވެއެވެ. އެމެރިކާގެ ރިޔާސަތަށް ޑޮނާލަޑް ޓްރަމްޕް ހަވާލުވެ ވަޑައިގަތުމާއެކު އީރާނުގެ އެންމެ އިސް ކޮމާންޑަރުންގެ ތެރޭން ގިނަ ބޭފުޅުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް ތާއީދު ކުރައްވައި އަދި ބާރު އަޅުއްވަމުން ގެންދަވާކަން ދަ ޓެލިގްރާފަށް ވަނީ އެނގިފައެވެ.    

                        

“ މީގެ ކުރިން އަހަރެމެން މިހާލަތަކަށް ނުވެއްޓެއެވެ. ވަގުތު ފާއިތު ވުމުގެ ކުރިން އަހަރެމެންނަށް ލިބޭނެ އެންމެ ފަހުގެ ފުރުސަތަކީ މިއީ ކަމށް ވެދާނެއެވެ ”. އީރާނުގެ އިސް މިލިޓްރީ އޮފިޝަލަކު ދަ ޓެލިގްރާފަށް ކިޔާދިނެވެ.

ސުޕްރީމް ލީޑަރުގެ ދީނީ ފަތުވާ އެންމެ ފުރަތަމަ އާންމު ކުރެއްވީ 2005 ވަނަ އަހަރު އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ ( އައިއޭ އީ އޭ ) އާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. އެ ބައްދަލު ކުރެއްވުމުގައި ސުޕްރީމް ލީޑަރ އަލީ ޚާމަނާއި ވިދާޅުވެފައިވަނީ ފަނާކުރަނި ހަތިޔާރު އުފެއްދުން ވަނީ އިސްލާމް ދީނުގައި ހަރާމް ކުރައްވާފައި ކަމަށާއި އެފަދަ ހަތިޔާރު އުފެއްދުމަކީ މަނާ ކަމެއް ކަމުގައެވެ.                       

އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް އެޅިފައިވާ ހަމައެކަނި ހުރަހަކީ މިއީ ކަމަށް މިލިޓްރީ އޮފިޝަލުން ގެންދަވަނީ ވިދާޅުވަމުންނެވެ.                                                    

ނިއުކްލިއަރ ހަތިޔާރު އުފެއްދުމަކީ މިހާރު ހަމައެކަނި ދެ ތިން ފިތަކަށް އޮބާލުމުން ފުރިހަމަކުރެވެން އޮތް ކަމެކެވެ. ބޭނުންވަނީ ހަމައެކަނީ ސުޕްރީމް ލީޑަރުގެ އާނ ! ބަސް ލިބުމެވެ. އަދި އަހަރެމެންނަށް ދުވަހަކުވެސް ބޭނުން ނުވާވަރަށް މިހާރު ނިއުކްލިއަރ ހަތިޔާރު ލިބިފައި ހުރުން ބޭނުމެވެ. އީރާނުގެ ބައެއް އިސް ކޮމާންޑަރުން ދަ ޓެލިގްރާފަށް މައުލޫމާތު ހިއްސާ ކުރިއެވެ.                                             

މީގެކުރިން ސުޕްރީމް ލީޑަރުގެ ނިންމުމަށް ތާއީދުކުރެއްވި ގިނަ މިލިޓްރީ އޮފިޝަލުންވެސް މިހާރު ގެންދަނީ އެ ފަތުވާ އުވާލުމަށް ސުޕްރީމް ލީޑަރަށް ބާރުއަޅުއްވަމުންނެވެ. އަދި ބައެއް މަޖިލިސް މެމްބަރުންވެސް އެ ފަތުވާ އުވާލުން އެދި ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ބާރު އެޅުއްވުމަށް ދަންނަވަން ފަށައިފިއެވެ.     

ވަގުތާއި ޙާލަތަށް ރިޢާޔަތްކުރައްވައި ދީނީ ފަތުވާއަށް ބަދަލު ގެނެވިދާނެކަމަށް މަޖިލިސް މެމްބަރަކު ދަ ޓެލިގްރާފަށް އޮޅުން ފިލުވާދީފައި ވެއެވެ. އެހެން މެމްބަރަކު ވިދާޅުވެފައިވަނީ މިހާރުގެ ހާލަތުގައި ނިއުކްލިއަރ ބޮން ޓެސްޓްކުރުން ލަސްކުރެވޭކަށް ނެތެވެ. އަދި އީރާން ދެމިއޮތުމަށްޓަކައި މިލިޓްރީ ޑޮކިއުމެންޓް ބަދަލުކުރުން ނޫން އެހެންގޮތެއްވެސް ނެތެވެ.                                                      

ނިއުކްލިއަރ ބޮން ލިބިފައިހުރުމަކީ އަހަރެމެންގެވެސް ހައްގެކެވެ. ހުޅަނގުން އަހަރެމެންނާދޭތެރޭ ދެކެމުން އަންނަ ގޮތް ބަދަލުކުރަން އެބަ ޖެހެއެވެ. އަހަރެމެންނަކީ ހުޅަނގުން ކުޅެން ގެންގުޅޭ ރާޒުވާ ބޯޑުގެ ކުޑަކުޑަ މަނާއެއް ނޫންކަން ވެސް ދައްކަން އެބަޖެހެއެވެ. މުޅި ދުނިޔެއިންވެސް އީރާނާ ދޭތެރޭ ދެކޭގޮތް އަލުން ރިސެޓަކަށް ފޮނުވަން އެބަޖެހެއެވެ.                                                              

އީރާނުގައި މަތީ ފެންވަރަކަށް މުއްސަނދި ކޮށްފައިވާ ޔުރޭނިއަމްގެ ފުނިވަރުތަކަކީ މަދަނީ ބޭނުމަށް ތައްޔާރުކޮށްފައި ހުރިއެއްޗެއް ކަން ގަބޫލު ނުކުރެވޭކަމަށް އިނގިރޭސި ވިލާތާއި ފަރަނަސޭސި ވިލާތާއި އަދި ޖަރުމަނުން މިދިޔަ ޑިސެމްބަރ މަހުގެތެރޭގައި ވަނީ ބުނެފައެވެ. އެހެންނަމަވެސް އީރާނުން އެއްވެސް އިރެއްގައި ހަނގުރާމައަށް ޝައުގުވެރި ނުވާކަމަށާއި ނިއުކްލިއަރ ހަތިޔާރު އުފެއްދުން އީރާނުގެ މިލިޓްރީގެ އެޖެންޑާގައި ވެސް ނުހިމެނޭ ކަމަށް ބުރާސްފަތިދުވަހު ރައީސް މަސްއޫދު ޕެޒެޝްކިއާން ވަނީ އީރާނުގައިތިބި ބޭރު ގައުމުތަކުގެ ސަފީރުން އަރިހުގައި ވިދާޅުވެފައެވެ.                                                      

ސުޕްރީމް ލީޑަރ އަލީ ޚާމަނާއިގެ މުޝީރު އަލީ ޝަމްޚާނީ ވިދާޅުވެފައިވަނީ ނިއުކްލިއަރ ހަތިޔާރު ނެތަސް އީރާނުން އެ ގައުމު ދިފާއު ކުރާނެ ކަމަށާއި ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ. އެހެންނަމަވެސް ޑޮނާލްޑް ޓްރަމްޕް ރައީސް ކަމާ ހާވާލުވެ ވަޑައިގަތުމާއެކު އީރާނުގެ މަސްރަހަށް ހޫނު ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެވި ނިއުކްލިއަރ ހަތިޔާރު އުފެއްދުން މަނާކުރައްވާފައި އޮތުމާއި ނިއުކްލިއަރ ހަކަތައިގެ މައްސަލާގައި އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއްކުރުން މަނާ ކުރައްވާފައި އޮތުމުގެ ސަބަބުން އީރާނަށް ބޮޑެތި މުސީބާތްތަކެއް ކުރިމަތިވެދާނެކަމަށް މިލިޓްރީ ބައެއް އިސް ބޭފުޅުން ދެކިވަޑައި ގަންނަވައެވެ.             

“ އަހަރެން އަދިވެސް ބޭނުންވަނީ އީރާނާއެކު ނިއުކްލިއަރ އެއްބަސްވުމަކަށް އައުމަށެވެ. އަދި އެކަން ކާމިޔާބު ކުރެވިއްޖެނަމަ މެދުއިރުމަތީގައި ބޮޑު އިހްތިފާލެއް ފާހަގަކުރާނަމެވެ. “ ރައީސް ޓްރަމްޕް ވިދާޅުވިއެވެ. އެހެންނަމަވެސް މިދިޔަ ހުކުރު ދުވަހު ސުޕްރީމް ލީޑަރ ވިދާޅުވެފައިވަނީ އެމެރިކާއާއިއެކު އީރާނުން ދައްކާނެ ވާހަކައެއް އަދި ކުރާނެ މަޝްވަރާއެއްވެސް ނޯންނާނެ ކަމަށެވެ. އަދި އެމެރިކާއާއެކު މަޝްވަރާކޮށްގެން ހާސިލު ކުރެވޭނެ ހެޔޮ ނަތީޖާއެއްވެސް ނޯންނާނެއެވެ. އަހަރެމެންގެ ވިސްނުމަކަށް ވާންޖެހޭނީ އެމެރިކާއިން އީރާނާދޭތެރޭ ދެކޭގޮތަކަށް ނުވަތަ އެމެރިކާއިން އީރާނާދޭތެރޭ ކަންކުރާގޮތަކަށް އަހަރެމެންވެސް ރައްދު ދިނުމެވެ. “         

އީރާނުގެ އާންމު ރައްޔިތުން ބުނަމުން ގެންދަނީ “ އަހަރެމެންނަށް ބޭނުންވަނީ ބަނޑުފުރާނަ މުއްތިކޮށްގެން އަމާންކަމާއެކު ދިރިއުޅެވޭނެ ވެއްޓެކެވެ. ނިއުކްލިއަރ ބޮން އުފައްދައިގެން އަހަރެމެންގެ ބަނޑުހައިހޫނުކަން ނުފިލާނެއެވެ. “                                                                     

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް