ޔޫކްރެއިން އޮތީ ރަޝިޔާއާއެކު މަޝްވަރާއަށް ހުޅުވާލާފައި

Loading

February 10, 2025
profile
Facebook
Twitter
WhatsApp

ރަޝިޔާއާ ދެކޮޅަށް ޔޫކްރެއިނުން ކުރަމުންގެންދާ ހަނގުރާމައިގާ މިހާތަނަށް ޔޫކްރެއިންގެ 45100 ސިފައިން މަރުވެފައިވާ ކަމަށާއި އަދި 390000  ސިފައިން ޒަޚަމް ވެފައިވާކަމަށް މީޑިއާއަށް ރައީސް ޒެލެންސްކީ ހާމަކުރައްވައިފިއެވެ.

އެހެން ނަމަވެސް ހުޅަނގުގެ އިންޓެލިޖެންސުން ބުނެފައިވަނީ މަދުވެގެން ޔޫކްރެއިންގެ އެއްލައްކަ ސިފައިން މިހާތަނަށް މަރުވެފައިވާ ކަމަށެވެ. އަދި ޔޫކްރެއިނުގެ އާންމު ރައްޔިތުންގެ ވަރަށް ގިނަ ބަޔަކުވެސް ވަނީ މަރުވެފައެވެ.

ރަޝިޔާ ސިފައިން މަރުވެފައިވާ އަދަދު އޭގެ 2 ގުނައަށް އަރާނެކަމަށްވެސް ހުޅަނގުގެ އިންޓެލިޖެންސް އިން އަންދާޒާކުރެއެވެ.

ރައީސް ޒެލެންސްކީ ވިދާޅުވި އަދަދުތައް ކަށަވަރު ކުރެވޭނެގޮތެއް ނެތެވެ. ރަޝިޔާއިން ކޮންމެ ދުވަހަކު މަރާލެވޭ ޔޫކްރެއިން ސިފައިން އަދަދު ހާމަކުރަމުން ގެންދާއިރު އެ ގައުމުގެ ސިފައިން މަރުވާ އަދަދު ހާމައެއްނުކުރެއެވެ. ގަބޫލުކުރެވޭގޮތުގައި ދެ ފަރާތުންވެސް ގެންދަނީ އެބަޔަކަށްލިބޭ ގެއްލުންތައް ފޮރުވަން މަސައްކަތް ކުރަމުންނެވެ.

“ އަހަރެން މިހުރީ ރައީސް ޕޫޓިން އާއެކު މަޝްވަރާކުރަން ތައްޔާރަށެވެ ”. އިނގިރޭސި ވިލާތުގެ ޖާރނަލިސްޓް ޕިއަރސް މޯރގަންއާއި ވާހަކަދައކަމުން ރައީސް ޒެލެންސްކީ ވިދާޅުވިއެވެ. އެކަމަކު އެ ވާހަކަތަކުގައި އެމެރިކާއާއި އަދި ޔޫރަޕިއަން ޔުނިއަން ބައިވެރި ކުރަން ޖެހޭނެއެވެ. އިތުރު ލޭ އޮހޮރުވުންތައް ހުއްޓުވުމަށްޓަކައި މި ހަތަރު ފަރާތުން ބައިވެރިވާ ކޮންމެ މަޝްވަރާ ބައްދަލު ވުމެއްގައި އަހަރެން މިހުރީ ބައިވެރިވާން ތައްޔާރަށެވެ. ރައީސް ޒެލެންސްކީގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އަދި ތެދު ބަހުންބުނާނަމަ ރައީސް ޕޫޓިން ދެކިވަޑައިގަންނަވާނީ އަހަރެންނަކީ ދުޝްމިނަކު ކަމުގައެވެ. އަދި އަހަރެންވެސް ދެކެނީ ރައީސް ޕޫޓިން އަކީ ދުޝްމިނަކު ކަމުގައެވެ.

ރައީސް ޒެލެންސްކީގެ ވާހަކަފުޅާގުޅިގެން ކްރެމްލިންގެ ތަރުޖަމާނު ދިމިތުރީ ޕެސްކޯވް ވިދާޅުވީ ރައީސް ޒެލެންސްކީ އެ ދައްކަވަނީ ބޭކާރު ވާހަކަފުޅެއް ކަމަށާއި ރައީސް ޕޫޓިންއާއެކު މަޝްވަރާ ކުރައްވަންވީ ވަގުތު މާދުރަށް ހިނގައްޖެ ކަމަށެވެ. ތަރުޖަމާނު ޕެސްކޯވް މި އިޝާރާތް ކުރައްވަނީ ރަޝިޔާއިން ޔޫކްރެއިންގެ ލުހާންސްކް އާއި ޑޮނެސްކް އަދި ޒަޕޯރިންޒްޔާ އާއި ޚާރސަން އަކީ ރަޝިޔާގެ ތަންތަން ކަމުގައި އިއުލާންކުރުމާގިޅިގެން 2022 ސެޕްޓެމްބަރ ގައި ޔޫކްރެއިނުން ނެރުނު ގަރާރަށް ކަމުގައި ބެލެވެއެވެ.

ހަނގުރާމަހުއްޓުމަށްޓަކައި މަޝްވަރާކޮށްގެން ގޮތެއް ހޯދުން ޔޫކްރެއިން ރައީސްގެ އެ ގަރާރު މަނައެއް ނުކުރެއެވެ. އެހެންނަމަވެސް އޭރުގެ ހާލަތުގައި މަޝްވަރާކުރުމުގެ ފުރުސަތު ނެތްކަމަށް ބުނެފައިވެއެވެ. ފަހަކަށް އައިސް ރައީސް ޒެލެންސްކީ ވިދާޅުވަމުން ގެންދަވަނީ އެ ގަރާރުގެ މައިގަނޑު ބޭނުމަކީ ރަޝިޔާއާއެކު ނުރަސްމީ ގޮތުން މަޝްވަރާކުރުން ހުއްޓުވުން ކަމަށެވެ.

މޯރގަންއާއެކު ރައީސް ޒެލެންސްކީ ދެއްކެވި ވާހަކައިގާ ސުލްހަވެރި އެއްބަސްވުމެއްގެ ދަށުން ހަނގުރާމަ ހުއްޓާލެވިއްޖެނަމަ ޔޫކްރެއިނަށް ލިބޭނެ ސެކިއުރިޓީ ގަރަންޓީ އަކީ ކޮބައިތޯއާއި އަހަރެމެންނަށް ލިބޭނީ ނިއުކްލިއަރ މިސައިލްތޯ މިކަހަލަ ސުވާލުތަކެއްވެސް އުފެއްދެވިއެވެ.

ރައީސް ޒެލެންސްކީގެ މި ވާހަކަތަކަށް ރައްދު ދެއްވައި ކްރެމްލިންގެ ތަރުޖަމާނު ޕެސްކޯވް ވިދާޅުވީ ރައީސް ޒެލެންސްކީ މޮޔަގޮވަނީ ކަމަށެވެ.

މޮސްކޯ އާއި ލަންޑަނާއި އަދި އެމެރިކާއިން ޔޫކްރެއިންގެ ސެކިއުރިޓީ ކަށަވަރުކޮށްދިނުމާގުޅިގެން ޔޫކްރެއިންގައިހުރި ރަޝިޔާގެ ނިއުކްލިއަރ ހަތިޔާރުތައް 1994 ގައި އަނބުރާ ރަޝިޔާއަށް ހަވާލު ކޮށްފައިވާނެ ކަމަށްވެސް ޒެލެންސްކީ ވިދާޅުވިއެވެ. އެކަމަކު އެއީ އަހަރެންނަށް ހެދުނު ވަރަށް ބޮޑު ގޯހެއްކަން މިހާރު ވިސްނެއެވެ.

މިދިޔަ ބުދަދުވަހު ރަޝިޔާއާއި އަދި ޔޫކްރެއިނުން ކޮންމެ ފަރާތަކުން 150 އަސީރުން ވަނީ މިނިވަން ކޮށްދީފައެވެ. ރަޝިޔާއިން މިނިވަން ކޮށްދިން އަސީރުންގެ ތެރޭގައި ބޯރޑަރ ބަލަހައްޓާ ފުލުހުންނާއި ނޭޝަނަލް ގާރޑްންނާއި މެރިއަޕޯލް ސަރަހައްދުގެ ސިފައިންވެސް ހިމެނޭކަމަށް ރައީސް ޒެލެންސްކީ ވަނީ އެކްސް ގައި ކަށަވަރުކޮށްދެއްވާފައެވެ. ހަނގުރާމަ ކިތަންމެ ހޫނުކޮށް ހިނގަމުން ދިޔަކަމުގައި ވިޔަސް އަސީރުން ބަދަލު ކުރެވެމުންދަނީ ވަރަށް ސުލްހަވެރި ވެއްޓެއްގައިކަމަށާއި އަދި އެއީ ދެ ގައުމުންވެސް ޑިޕްލޯމެޓިކް ގުޅުންތަކުގެ ތެރެއިން ކުރެވެމުންދާ ކަމެއް ކަމުގައި ބުނެފައިވެއެވެ.

އަސީރުން މިނިވަން ކުރުމުގައި މެދުވެރިއެއްގެ ބައި އަދާކުރަމުންގެންދަނީ ޔުނައިޓެޑް އެރެބް އެމިރޭޓްސް އިންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް