މިއަދު މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ދެ ގެއެއްގެ މައި ފެންހޮޅިއަށް ގެއްލުންވުމުން 55 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފިއެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ކުރި ޕޯސްޓެއްގައި ބުނީ މ.ހައުސް ޕްލާޒާގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ދެ ގެއެއްގެ މައި ފެންހޮޅިއަށް ލިބުނު ގެއްލުމާއި ގުޅިގެން އެކަން މަރާމާތު ކުރެވެންދެން 2 ގެއަކުން 55 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާ ކަމަށެވެ.
އެގޮތުން މީގެ ތެރޭގައި 20 ބިދޭސީން ވެސް ހިމެނޭ ކަމަށް އެ އޮތޯރިޓީން ހާމަކުރެއެވެ.
ޕްލާޒާ ގޭގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 6:30 ހާއިރު އެ ގޭގައި ހުރި ކުނިތަކެއްގައި އަލިފާން ރޯވެގެންނެވެ. އެއީ ޝީ ބިލްޑިން ކުރިމަތީގައި ހުންނަ މީހުން ދިރިނޫޅޭ ފަޅު ގެއެކެވެ.