އަޅުގަނޑުގެ މިލިއުމަކީ އެއްވެސް ގައުމެއް ނުވަތަ ޖަމާއަތަކަށް އަމާޒުކޮށް ފާޑުކިއުމެއް ނޫނެވެ. ދުނިޔެއާ ދިމާއަށް ހަނގުރާމައިގެ ނުރައްކާތެރި ވިލާތެއް ކުރިމަތިވަމުން އަންނަކަމަށް ތަޖްރިބާކާރުން ބުނަމުން ގެންދާތީ އޭގެ ތެރެއިން ކުޑަ މިންވަރެއް ނަމަވެސް ސަންދާނު ކިއުންތެރިންގެ މައުލޫމާތަށްޓަކައި ގެނެސްދިނުން ފިޔަވައި އަޅުގަނޑުގެ އެހެން މަގްސަދެއް ނެތެވެ.
ދުނިޔޭގެ ބާރުގަދަވެރިންގެ ލޯތައް ހަމައެކަނި މެދުއިރުމައްޗާއި ޔޫކްރެއިނާ ދިމާލަށް ހުއްޓި ހަދާނެ ނުހަދާނެގޮތެއް ނެތިފައި ތިބި އިރު މުޅި ދުނިޔޭގެ އެކި ދިމަދިމާލުން ހުޅުފަޅަމުންދާ ހަނގުރާމާއި އަނިޔާވެރިކަމުގެ އަލިފާންގަނޑުތައް ނުފެންނަ ކަހަލައެވެ. ނުވަތަ އެކަމާ ފިކުރުކޮށް ވިސްނަން ވެސް ބޭނުން ނުވާހަކަހަލައެވެ.
ދުނިޔޭގެ ކަންކޮޅުތަކުން އިވެމުންދާ ހަނގުރާމައާއި ގަތުލުއާންމުގެ ހިތްދަތި ރުއިންތައް އެއީ ހަމަ ހަގީގަތް ބާވައެވެ! މީޑިއާތަކުން ގެނެސްދޭ މައުލޫމާތާއި ޚަބަރު ހުންނަނީ ގިނަ ފައިސާދޭ ކޮޅަކަށް ބުރަވެފައިކަން އެއީ ސިއްރެއްނޫނެވެ. އެހެންވީއިރު ދުނިޔޭގައި މިހާރު ޢާންމުވެފައިމިވާ އަނިޔާވެރިކަން މުސްތަގްބަލުގެ ޖީލުތަކަށްޓަކައި އަމާނާތްތެރިކަމާއެކު ތާރީޚުން ސަފްހާއެއްގެ މިންވަރުވެސް ލިޔާނީ ކިހެނަކުން ހެއްޔެވެ!
މިދިޔަ ހަފުތާއަކީ އައުޝްވިޒް ބިރުކެނާއޯ ކޮންސެންޓްރޭޝަން ކޭމްޕް މިނިވަންކުރެވުނުތާ 80 އަހަރު ފުރުނު ހަފުތާއެވެ. ޕޯލޭންޑުގެ މި ނުރައްކާތެރި ކޮންސެންޓްރޭޝަން ކޭމްޕް ގައި 1940 ން 1945 ށް 1.1 މިލިއަން މީހުން މަރާލެވުނު ކަމަށް ވެއެވެ. އާންމުގޮތެއްގައި ޔަހޫދީންގެ ނަސްލަށް ނިސްބަތް ކުރެވޭ މީހުންނެވެ. ތާރީޚުން އެނގޭގޮތުގައި އެއީ ޖަރުމަނުގެ ނާޒީންގެ ހިތުގައި ޔަހޫދީންނާ ދޭތެރޭއޮތް ޒަމާންވީ ހަސަދަވެރިކަމެއްގެ ނަތީޖާއޭ ބުނެވިދާނެއެވެ.
ބައެއް ގައުމުތަކުގެ ވެރިންގެ އާރާއި ބާރު ރައްޔިތުންގެ މައްޗަށް އަނިޔާވެރިކަމާއެކު އެކިއެކި ގޮތްގޮތަށް ތަންފީޒު ކުރަމުން ގެންދާ ގައުމުތައް މިހާރުވެސް ނެތެކޭ ނުބުނެވޭނެއެވެ. ދާޚިލީ ހަނގުރާމަ އާއި އަނިޔާވެރިކަން ޢާންމުވެފައިވާ ކޮންމެ ތަނެއްގައި މިހާރުވެސް މިގޮތަށް ގައުމުތަކުގެ ރައްޔިތުން މަރަމުން ގެންދާކަން މީޑިއާތަކުން ގެންދަނީ ހާމަކުރަމުންނެވެ. ބަލާޗެކްކޮށް އެމީހުންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށް ދިނުމަށް ބޭނުން ނުވާތީ އެ ފަދަ އަނިޔާވެރި އަމަލުތައް އޮންނާނީ ސިއްރުކުރެވިފައޭވެސް ބުނެވިދާނެއެވެ. މިޒަމާނުގައި ވެރިކަމުގެ ތަޚުތު ގައި ދެމިތިބުމުގެ ބޭނުމުގައި ކުދި ގައުމުތަކުން ބޮޑެތި ގައުމު ތަކުގެ ވެރިންނަށް ސަނާކިޔަމުން ގެންދިއުންވެސް އާންމު ވެފައިވާއިރު ޚަބަރުތަކާއި މައުލޫމާތުވެސް މިއޮންނަނީ ސަރުކާރުގެ ބާރުގެ ދަށުގައެވެ. ގައުމުތަކުގެ ހާލަތު ބަލާ ޗެކްކުރުމަކީ ވެރިން ބުނި އެއްޗެއް އަޑުއެހުން ކަމަށް ވެފައެވެ. އެއީ ތެދު ހަގީގަތެވެ. އިންސާނިއްޔަތަށް މަސައްކަތްކުރާ ޖަމާއަތަކުން މައުލޫމާތެއް ޢާންމުކުރިއަސް ސަރުކާރުން އެ މައުލޫމާތު ދޮގުކުރުންވެސް މިވަނީ އާދައިގެ ކަމަކަށް ވެފައެވެ.
ދުނިޔޭގެ ބޮޑެތި ސައެންސްވެރިން މިސާލު ނަގަމުން ބުނަމުން ގެންދަނީ ދުނިޔޭގައި ހިންގަމުން ގެންދާ ހަނގުރާމައާއި އަނިޔާވެރިކަމުގެ ސަބަބުން ދުނިޔެއަށް ހީނުކުރެވޭކަހަލަ ނޭދެވޭ ކާރިސާތަކެއް އައުން ވަރަށް ކައިރިކަމުގައި ބުނެވިދާނެއެވެ. އެމީހުންގެ ބަހުން ބުނާނަމަ “ މެންދަމު ބާރަޖަހަން 89 ސިކުންތަށް ވެއްޖެއެވެ. މީގެ ކުރިން މިކަހަލަ އިންޒާރުތަކެއް ލިބިފައެއް ނުވެއެވެ ”.
ސައެންސްވެރިން ދެކޭގޮތުގައި ދުނިޔެއިން ތަރައްގީގެ ނަމުގައި ކުރިއަށް އަޅަމުން ގެންދާ ފިޔަވަޅުތަކުން ދުނިޔެ މިހާލަތަށް ވައްޓާލުމުގެ ބޮޑު ހިއްސާއެއް އަދާކުރެއެވެ. މިސާލަކަށް ފަނާކުރަނިވި ހަތިޔާރު އުފެއްދުމާއި އޭގެ އަޖުމަ ބެލުން. އެހެން ގައުމުތަކުން އަތްނުފޯރާ މިންވަރަށް ފަނާކުރަނިވި ހަތިޔާރު އުފެއްދުމާއި ގޮތްނޭގޭ ނުރައްކާތެރި ބަލިތައް ކުއްލި ކުއްލިއަށް އުފެދި މުޅިދުނިޔެ އެ ބަލިތަކުގެ ޝިކާރައަށް ވުމާއި ދޮގު މައުލޫމާތު ޢާންމުކުރުމާއި ޓެކްނޯލޮޖީގެ އާއުކުޅުތައް ބޭނުންކޮށްގެން ފިތުނަ ފަސާދަ އުފެއްދުން މިއީ އޭގެތެރެއިން މަދު މިންވަރެއް ކަމުގައި ބަލާށެވެ.
ތިމާވެއްޓަށް އަންނަ ބަދަލަކީ ފަލަކީ ދައުރުވުމާއި ގުޅުން ހުރި ކަމަކަށް ވެފައި އޭގެ ސަބަބުން ސިއްހީ މައްސަލަތަކާއި ތިމާވެއްޓާއި ބެހޭ މައްސަލަތަކުގެ ގުދުރަތީ ޓައިމް ޓޭބަލް އޮޅިއްޖެ ކަހަލައެވެ. ވާރޭވެހުމަށާއި ހަނަފަސްކަން އާންމުވެ ބިނަގަނޑު ފަޅަފަޅައިގެން ދިއުމަށް އަހަރުގެ ވަކި މޫސުމެއް ފާހަގަ ކުރެވުނު ދުވަސްތައް މާޒީގެ ތެރެއަށް ގެއްލިއްޖެއެވެ. މިއިން ކޮންމެ ކަމަކީ އަހަރެމެން އިންސާނުންގެ އަމަލުތަކުގެ ނަތީޖާއެވެ. އެކަމަކު އަހަރެމެން އެކަން ގަބޫލުކުރާކަށް ބޭނުމެއް ނޫނެވެ.
ގަބޫލުކުރިޔަސް ނުކުރިޔަސް ދުނިޔެއާއި އަދި އިންސާނިއްޔަތަށް މެދުވެރިވާ ކޮންމެ މުސީބާތެއްގެ އެންމެ ބޮޑު ހިއްސާއަކީ ބާރުގަދަ ގައުމުތަކުގެ ހަރުކަށިކަމާއި ގޮތް ދޫނުކުރުމުގެ ނަތީޖާއެވެ. ޔުނައިޓެޑް ނޭޝަންސް ގެ ގަރާރުތަކާއި ބައިނަލް އަގްވާމީ އަދުލު އިންސާފުގެ ކޯޓުގެ ނިންމުންތަކާއި އިންސާނީ ހައްގުތަކާ ދޭތެރޭ ފާޅުކުރަމުން ގެންދާ ކަންބޮޑުވުން ތަކާއި އަދި ބައިނަލް އަގްވާމީ ގޮތުން ގައުމުތަކަށް ކަނޑައަޅާފައިވާ އިންތަކަކީ އެއްވެސް އަގެއް ހުރި އެއްޗަކަށް ނުވެއެވެ.
އިހު ޒަމާނުއްސުރެން ބާރުގަދަ ވެރިންގެ އެ ވިސްނުމަކަށް އަދިވެސް ބަދަލެއް ނާދެއެވެ. މިހާރުގެ އެންމެ ބާރުގަދަ ގައުމަކީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއެވެ. ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދުނިޔޭގެ ސުލްހަ މަސަލަސްކަން ދެމެހެއްޓުމުގައި އެންމެ އިސް ދައުރެއް އަދާކުރާނެ ގާރޑިއަނަކީ އެމެރިކާ ކަމުގައި ބެލެވެން ފެށުނެވެ. އެހެންނަމަވެސް އެ ގައުމުން މިހާރު އެގެންދަނީ ހުޅަނގު ޔޫރަޕްގެ އެކުވެރި ގައުމެއްގެ ބައެއް ކަމުގައި ހިމެނޭ ގްރީން ލޭންޑް އަކީ އެމެރިކާއަށް ލިބެންޖެހޭނެ ބައްރެއް ކަމުގައިބުނެ ބިރު ދައްކައި ބަހުގެ އިންޒާރު ދެމުންނެވެ. އޭގެ އިތުރުން އެމެރިކާގެ އަވަށްޓެރިން ކަމުގައި ބެލެވޭ ކެނެޑާއާއި މެކްސިކޯއާއި ޕެނަމާ އަދި ކޮލަމްބިއާ އާ ދޭތެރޭވެސް އެމެރިކާއިން ހަމަ މި ނަޒަރުން ބަލަންފަށައިފިއެވެ.
ދުނިޔޭގެ މަސްރަހަށް އަންނަމުންދާ ނުރައްކާތެރި ބަދަލުތައް ދެނެގަނެ މުރާޖައާ ކުރުމުގެ އެންމެ އިސް ސަފުގައި ހަރަކާތަތެރިވަމުންގެންދާ ޖަމާއަތަކީ “ އާރމްޑް ކޮންފްލިކްޓް ލޮކޭޝަން އެންޑް އީވެންޓް ޑޭޓާ (އަކްލެޑް) “ އެވެ. އެ ޖަމާއަތުން އެންމެ ފަހުން ރިޕޯރޓް ކޮށްފައިވާގޮތުގައި 2023 ވަނަ އަހަރާއަޅާ ބަލާއިރު 2024 ވަނައަހަރު ދުނިޔެއަށް ދިމާވެފައިވާ ހަނގުރާމައިގެ ބިރުވެރިކަން ވަނީ %25 އިތުރު ވެފައެވެ.
އިސްރާއީލާއި ފަލަސްތީން އަދި ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމައަށް ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ސަމާލުކަން ހުއްޓި ތަޅުލެވިފައިވާއިރު ސޫދާނާއި ކޮންގޯގައި ހިނގަމުންދާ ހަނގުރާމައާއި ވީރާނާކުރުންތަކަކީ މާބޮޑުކަމަކަށް ނުވެއެވެ. ޓިބެޓާއި އަފްގާނިސްތާނުގައި އެއްވެސް އިމެއްނެތި ހިންގަމުން ގެންދާ އިންސާނިއްޔަތާ ޚިލާފު ހަރަކާތްތަކަކީ ދެކެން ބޭނުން ނުވާކަމެއް ކަހަލައެވެ. ކޮލަމްބިއާ އާއި ހައިޓީގައި ގޭންގުތަކުން ހިންގަމުންގެންދާ ޖަރީމާތައް މައިތިރިކުރަން ނު ޖެހޭ ކަހަލައެވެ. ޔަމަނާއި ސޮމާލިއާގައި ކާންބޯން ނުލިބި ބަނޑަށް މަރުވަމުންދާ އިންސާނުން ފުނިޖެހެމުންދާއިރު ކާއެތިކޮޅަކާއެކު އަތްދިއްކޮށްލަން ޖެހޭކަމަށް ގަބޫލެއް ނުކުރެވޭ ކަހަލައެވެ. ނިކަރަގުއާ އާއި ބެލެރޫސް އަދި ސާރބިއާގެ ރައްޔިތުން ސިޔާސީ ކަސްތޮޅުން ހިލިހިލާ ޖަހާފައިފާއިރު އެތަނެއް ނުފެނެއެވެ. މިއީ ނިކަމެތި ފަގީރު ރައްޔިތަކު ދިރިއުޅެމުންދާ ގައުމުތަކަކަށް ވުން ފިޔަވައި ދުނިޔޭގެ ލީޑަރުންގެ ސަމާލުކަން އެ ގައުމުތަކާދުރަށް ފޯކަސް ކުރެވެން ޖެހޭ ސަބަބެއް ނެތެވެ. ޗައިނާއާއި އީރާނު ފަދަ ގައުމުތަކުގެ މައްސަލަތަކުގެ ތެރެއަށް ތިމަތިމާ މެންނާ ނުބެހުނަސް ވަދެގަނެގެން އެ އުޅެނީ އެ ގައުމުތަކުން ފޭރިގަނެވިދާނެ ގުދުރަތީ ވަސީލަތްތައް ގިނަކަމުންނެވެ.
ދުނިޔޭގެ ބައެއް ގައުމުތަކުގައި ހިންގަމުން ގެންދާ އަނިޔާވެރި ލޭ އޮރުވުންތަކުން މީޑިއާތަކުގެ ސަމާލު ކަމަށް ގެނެވިފައިވާ ދެތިން ފޮޓޯއެއް ނަމަވެސް ހިއްސާ ކޮށްލަން ގަސްދު ކުރަމެވެ.
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ގޯމާ ސިޓީ ސާފުކޮށްލަން ވަން ސިފައިން އެމީހުންގެ ލީޑަރ ކޯރނެއިލް ނަންގާއާއެކު
ރުވަންޑާއާއި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އަކީ އަގުބޮޑު ގިނަ މައުދަންތަކެއް ހިމެނޭ ސަރަހައްދެކެވެ. ކުރީގައި އެއީ ބެލްޖިއަމްގެ ބާރުގެ ދަށުގައި އޮތް ސަރަހައްދެކެވެ. އެ އެތަނުގެ މުއްސަނދިކަން މިހާރު ފޭރެމުން ގެންދަނީ ފަރަންސޭސި ވިލާތުންނެވެ. އެކަމަށްޓަކައި ބޭނުންކުރާ އުކުޅަކީ އެ 2 އަވަށްޓެރި ގައުމުގެ ގަބީލާތަކުގެ މެދުގައި ދެކޮޅުވެރިކަމާއި ތަލާފޮޅުން އުފެއްދުމެވެ. މިތަޅާފޮޅުވުމުގައި އެތައް މިލިއަން ރަށްވެހިން މަރުވެގެން ހިނގައްޖެއެވެ. އަދިވެސް މިވާގޮތެއް ރައްޔިތުންނަކަށް ރޭކާއެއް ނުލައެވެ. ގަބީލާތަކުގެ ސަރުދާރުންނަށް ބައިއެޅޭތީ ރައްޔިތުން މަރުވެގެން ދިއުމަކާ އަހަރެމެންނާ ކޮންކަމެއްހޭ ބުނާ ކަހަލައެވެ.
އަވަށްޓެރި މިޔަންމާރގެ ވާހަކަ މުޅިން ތަފާތެވެ. ގައުމުގެ ރައްޔިތުންނާ ދެކޮޅަށް ގައުމުގެ ސިފައިން ހަނގުރާމަ ކުރަނީއެވެ.
މިޔަންމާރގެ ރައްޔިތުންނަށް މެދުވެރި ވެފައިވާ ނިކަމެތިކަމާއި ބިރުވެރިކަމުގައި އަވަށްޓެރި އާސިޔާނުން އެއްވެސް ހަރުދަނާ ފިޔަވަޅެއް އަޅަމުންގެންދާތަނެއް ނުފެނެއެވެ. ޔުނައިޓެޑް ނޭޝަންސް އިން އެއްވެސް ލަދުވެތިކަމަކާނުލައި ސިފަކޮށްފައިވަނީ މިޔަންމާއަކީ އެއްވެސް ހިފޭއްޓުމެއް ނެތި ވެއްޓެމުންދާ ގައުމެއް ކަމަށެވެ. މިހިނގާ 2025 ވަނައަހަރު އެ ގައުމުގައި 20 މިލިއަން މީހުން ބަނޑަށް ޖެހޭނެއެވެ. އާންމު ގޮތެއްގައި މިލިޓްރީން ނިކުންނަނީ ގައުމާއި ރައްޔިތުންނގެ ހިމާޔަތުގައެވެ. މިޔަންމާރ ގެ ވާހަކަ ތަފާތުވަނީ އެ ގައުމު މިހާލަތަށް ވައްޓާލުމުގައި މިލިޓްރީންގެ ދައުރު ބޮޑުކަން ފާހަގަކުރެވޭތީއެވެ. މިޔަންމާރގެ ޖަލުތަކުގައި 21000 ސިޔާސީ ކުށްވެރި އެބަ ތިބި ކަމަށް ޔޫ. އެން އިން ބުނެފައިވެއެވެ. އޭގެ އިތުރުން އެ ގައުމުގެ ރާކައިން ސްޓޭޓަކީ މުސްލިމުންގެ ހުޅުވާލެވިފައިވާ ޖަލެއްކަމުގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ސިފަކޮށްފައިވެއެވެ.
ހަތިޔާރު އެޅި ސިފައިން ހެއިޓީގެ ޕޯރޓޯ ޕްރިންސްގެ މަގުތަކުގައި ފޯރިމަރަނީ
ހައިޓީ ގުނާލެވެނީ ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ލިސްޓްގެ އެންމެ ކުރީ ސަފުގައެވެ. އެމެރިކާއިންވެސް އެ ގައުމުގައި ސަރުކާރެއް ގާއިމް ކުރަން އެތައްފަހަރަކު ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ. ރައީސް ޓްރަމްޕް އިއުލާން ކުރައްވާފައިވާގޮތުގެ މަތިން އެމެރިކާއިން ފަގީރު ގައުމުތަކަށްދޭ އެހީތައް ކަނޑާލައިފިނަމަ ހައިޓީއަށް އިތުރު ނިކަމެތިކަން ވެރިވެ ގަންނާނެއެވެ. ތަފާތު ނަންނަމުގައި ހަރަކާތްތެރިވަމުން ގެންދާ ނުރައްކާތެރި ގޭންގް ތަކުގެ ދެކޮޅުވެރިކަމުގައި މިދިޔަ އަހަރު އެކަނިވެސް ހަތްލައްކަ މީހުން ވިއްސި ވިހާލިވެ 5300 މީހުންވަނީ މަރާލާފައެވެ.
އިތިއޮޕިޔާގެ ހަމަނުޖެހުންތަކުގައި ގައުމުގެ ރައްޔިތުން ގައުމުގެ އެތޭރޭގައި ރެފިއުޖީންނަށްވެފައި
އިތިއޮޕިޔާގެސަރުކާރަށް ނިސްބަތްކުރެވޭ ސިފައިންނާއި ޓިގްޔާރަންބާޣީންނާ ދެމެދުގައި ހިނގަމުންދާ ހަނގުރާމައިގާ ގައުމު ވަނީ ވީރާނާ ކޮށްލާފައެވެ. ވެރިކަމުގެ ލައްޒަތު ބީވެގެން ދިޔަ ނުދިއުމަށްޓަކައި ގުރުބާންކުރެވޭ ކަންބަޅިއަކަށް ގައުމުވެގެން ދަނީއެވެ. އިތިއޮޕިޔާގެ ގުދުރަތީ މުއްސަނދިކަން ބޭނުމެއް ނުކުރެވެއެވެ.
އިންސާނީ އެހީ ފޯރުކޮށްދޭ ޖަމާއަތްތަކުން އިތިއޮޕިޔާ ސިފަކުރަނީ ބައިނަލް އަގްވާމީ ދުނިޔޭގެ ދޮންދަރީގެ ނަމުގައެވެ. ބޮޑުވަޒީ އަބީ އަޙްމަދު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު އިތިއޮޕިޔާގެ މުއްސަނދިކަން ހެޔޮގޮތުގައި ބޭނުން ކުރަން ފަށްޓަވާފައިވާ މަޝްރޫއުތަކުގައި ކޮންމެވެސްވަރަކަށް ކުލަ ޖެހެމުން އަންނަކަމަށް މީޑިއާ ތަކުގައި ބުނެފައި ވެއެވެ.