އެމެރިކާގެ ޑީ އީ އައި ( ޑައިވަރސިޓީ، އިކުއިޓީ އެންޑް އިންކްލޫޝަން ) ގެ ވެބްސައިޓްގައި ސިއްޙީ ޚިދުމަތްތެރިންތަކެއްގެ ވަނަވަރުތައް ހާމަކޮށް “ ލިސްޓް އޮފް ޓާގެޓްސް “ ގެ ނަމުގައި ޝާއިއުކުރުމުން އާންމުވެގެންވާ ބިރުވެރިކަމެއް ސިއްހީ ދާއިރާގައި ޚިދުމަތް ކުރަމުންގެންދާ މުއައްޒިފުންގެ މެދުގައި އުފެދިއްޖެކަމަށް އެން. ބީ ސީ. ނިއެސް އިން ހާމަކޮށްފިއެވެ.
ޑީ އީ އައި އަކީ އެމެރިކާގައި ޖިންސީ އަދި ނަސްލީ ތަފާތުކުރުން ނައްތާލުން ކަށަވަރު ކުރުމުގެ އެންމެ އިސް ސަފުގައި ހަރަކާތްތެރި ވަމުން ގެންދާ ވެބްސައިޓެކެވެ.
ޑީ އީ އައި ގެ ނަމުގައި އާންމުކުރި ޓާގެޓް ލިސްޓުގައި މައިގަނޑު ގޮތެއްގައި ހިމަނާފައިވަނީ ސިއްހީ ދާއިރާގައި ޚިދުމަތް ކުރަމުން ގެންދާ ކަޅު ނަސްލުގެ މީހުންގެ ވަނަވަރުތަކެވެ. ޑިޕާރޓްމެންޓް އޮފް ހެލްތު އެންޑް ހިއުމަން ސަރވިސް ގައި މަސައްކަތްކުރާ ކަޅު ނަސްލުގެ ޚިދުމަތްތެރިންގެ ޓާގެޓް ލިސްޓް އެންމެ ފުރަތަމަ ޝާއިއު ކޮށްފައިވާ ދުވަހެއް ޔަގީން ނުކުރެވެއެވެ. ސިއްޙި ޚިދުމަތްތެރިންގެ ޓާގެޓް ލިސްޓުގައި ބުނެފައިވާ އެމީހުންގެ ކުށްތަކުގެ ތެރޭގައި ޖިންސީ ހަމަހަމަކަމަށް ވަކާލާތުކުރުމާއި ޑިމޮކްރެޓުންނަށް ޑޮނޭޝަން ދިނުންވެސް ހިމަނާފައިވެއެވެ.
ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ސަރުކާރުގެ މުއައްޒިފަކު ބުނެފައިވަނީ ފެޑެރަލް ސަރުކާރުގެ ސިއްހީ ޚިދުމަތްތެރިންގެ އަމިއްލަ ޗެޓް ގުރޫޕްތަކާއި އަދި ސޯޝަލް މީޑިއާ ލިންކްތަކުގައިވެސް ޓާގެޓް ލިސްޓް އާންމުވަފައިވާކަމަށެވެ. ފެޑެރަލް ސަރުކާރުގައި ސިއްޙީ ޚިދުމަތް ކުރަމުން އަންނަ މީހަކު އެމެރިކަން ޕަބްލިކް ހެލްތު އެސޯޝިއޭޝަންގެ ޑިރެކްޓަރ ޑޮކްޓަރ ޖޯރޖްސް ބެންޖާމިން އަށް އެ ޓާގެޓް ލިސްޓް ފޮނުވާފައިވާކަމަށް އޭނާ ބުނެފައިވެއެވެ. ޑޮކްޓަރ ބެންޖާމިން ބުނެފައިވަނީ ޑީ އީ އައި ގެ ލިސްޓަކީ ކަނޑައެޅިގެން ނަސްލީ އިމްތިޔާޒަށް ހިތްވަރު ދިނުމުގެ އަމަލެއް ކަމަށާއި އަދި އޭގެ މައިގަނޑު އަމާޒަކީ އިޚްލާސްތެރިކާމާއެކު ސިއްޙީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ އެތައްހާސްބަޔަކު ބިރުގެންނެވުން ކަމަށެވެ. ގާނޫނު ތަންފީޒު ކުރުމުގެ މަސއޫލިއްޔަތު ހަވާލު ކޮށްފައިވާ އިދާރާތަކުން މިކަމާދޭތެރޭ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.
ސަރުކާރުގެ ސިއްޙީ ދާއިރާގައި ޚިދުމަތް ކުރަމުން އަންނަ މީހަކު ބުނެފައިވަނީ އެ ޓާގެޓް ލިސްޓުގައި އޭނާގެ ފޮޓޯއާއި ވަނަވަރުވެސް ހިމަނާފައި ވާކަމަށެވެ. އޭނާ ބުނެފައިވަނީ މިއީ ވަރަށް ބިރުވެރި ކަމެއް ކަމަށާއި މިއަދު ޓާގެޓް ކުރަން ބޭނުންވާ މީސްމީހުން ދިރިއުޅެމުންގެންދާ ތަނާއި ހަރަކާތްތައް ގޫގުލް ބޭނުންކޮށްގެން ދެނެގަތުމަކީ އުދަނގޫ ކަމަކަށް ނުވާނެ ކަމަށެވެ. އެ ޓާގެޓް ލިސްޓް ހާމަކުރި ބައެއްގެ މަގްސަދަކީ ކޮބައިކަން ނޭންގުނު ކަމުގައިވިޔަސް އޭގެ ސަބަބުން ދިރިއުޅުން މިވަނީ ނާމާން ބިރުވެރިކަމެއްގެ އެންމެ ފުންމިނަށް ގެނބިފައެވެ.
އަންގާރަ ދުވަހު ހަވީރާ ހަމަޔަށް ޓާގެޓް ލިސްޓް ނަމުގައި ދައުރުވަމުންދިޔަ ވަނަވަރުތަކާއި ފޮޓޯތައް ވަނީ އަންގާރަދުވަހުގެ ރޭ ކޮންމެ ސަފްހާއެއްގެ ސުރުޚީ ފައިލްއަކަށް ބަދަލުކޮށްފައެވެ. އަދި ކުރިން ހާމަކޮށްފައިވާ މުސާރަ އާއި ސިޔާސީ ކަންކަމަށް ކުރާ ހޭދައާއި ޑީ އީ އައި ގެ ގަވައިދާ ޚިލާފުން އަދި ޑީ އީ އައި ގެ އިސްނެގުމާއެކު މިފަދަ ރިމާރކްސް ވަނީ ފޮހެލާފައެވެ.
ޓާގެޓް ލިސްޓުގައި ވަނަވަރު ހާމަކޮށްފައިނެތް ފެޑެރަލް ސިއްޙީ ޚިދުމަތްތެރިއަކު މިއީ ސިކުނޑިއާ ކުޅުމުގެ ނުރައްކާތެރި ހަނގުރާމައެއްކަމަށް ސިފަކޮށްފައި ވެއެވެ. އެ ލިސްޓް މިހާރު ފެޑެރަލް ސިއްޙީ ޚިދުމަތްތެރިންގެ އަމިއްލަ ގުރޫޕް ޗެޓްގައިވެސް އާންމުވަމުންދާކަމަށް އޭނާ ބުނެފައި ވެއެވެ. މިއީ ކޮންބަޔަކު ކުރީ ސަފުގައި ތިބެގެން ކުރާ ކަމެއްކަން ނޭންގުނު ކަމުގައިވިޔަސް މީގެ ސަބަބުން އެތައް ހާސް ބަޔަކު ނަފްސާނީ ބިރުވެރި ކަމެއްގެތެރެއަށް ވެއްޓިގެން ހިނގައްޖެ ކަމުގައި ބުނަން ޖެހެއެވެ.
ލިސްޓް އޮފް ޓާގެޓްސްގެ ތިރީގައި “ މިއީ އެމެރިކަން އެކައުންޓެބިލިޓީ ފައުންޑޭޝަންގެ ޕްރޮޖެކްޓެއް ކަމަށާއި އަހަރެމެންނަކީ ކޮންޒަވޭޓިވް ވޮޗްޑޯގް ގުރޫޕެއް “ ކަމަށް ލިއެފައިވެއެވެ. މިއީ އެ ގުރޫޕުން މިފަދަ ލިސްޓެއް ޝާއިއުކުރި ފުރަތަމަފަހަރެއް ނޫނެވެ. މިދިޔަ ޑިސެމްބަރ މަހުގެ ތެރޭގައި އޭރު ދިފާއީ ވަޒީރަކަށް އިޚްތިޔާރު ކުރެވޭނެ ކަމަށް ބެލެވެމުންއައި ހެގްސެތު އަށްވެސް މިލިޓްރީ ދާއިރާގައި ތިބިކަމަށް އެމީހުންދެކޭ ޑައިވަރސިޓީ، އިކުއިޓީ އެންޑް އިންކްލޫޝަންގެ ލިސްޓެއް ފޮނުވާފައިވާކަމަށް ދަ ނިއު ޔޯރކް ޕޯސްޓުން ރިޕޯރޓް ކޮށްފައި ވެއެވެ.
އެމެރިކާގެ ޑިޕާރޓްމެންޓް އޮފް ހެލްތު އެންޑް ހިއުމަން ސަރވިސް ނުވަތަ އެމެރިކަން އެކައުންޓެބިލިޓީ ފައުންޑޭޝަނުން މިހާތަނަށް މިކަމާބެހޭގޮތުން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.
ޓާގެޓް ލިސްޓް ޝާއިއުކުރުމުގެ 2 ހަފުތާކުރިން ޑީ އީ އައި އާ ގުޅުންހުރި އެންމެހާ މުއައްޒިފުންނާބެހޭގޮތުން ޑިޕާރޓްމެންޓް އޮފް ހެލްތު އެން ހިއުމަން ސަރވިސް އަށާއި ސީ ޑީ ސީ ( ސެންޓަރ ފޯރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން ) އަދި ނޭޝަނަލް ހެލްތު އިންސްޓިޓިއުޓަށްވެސް ވަނީ އިންޒާރުގެ މެސެޖްތައް ލިބިފައެވެ. މައްސަލާގައި ވާހަކަ ދެއްކުމުގެ ހުއްދަ ލިބިފައިނެތް ސީ ޑީ ސީ ގެ ޕިޒިޝަނަކު ބުނެފައިވަނީ ޓާގެޓް ލިސްޓް ފޮނުވި ބައެއްގެ އަމުރަށް އަހަރެމެން ކިޔަމަން ނުވެއްޖެނަމަ ނަތީޖާ ވަރަށް ހިތި ވާނެކަން އަންގަން ބޭނުންކޮށްފައިވަނީވެސް އިންތިހާއަށް ބިރުވެރިކަން އިހްސާސް ކުރުވާ ބަހުރުވައެކެވެ. އޭނާ ވެސް ބުނެފައިވަނީ ސިއްޙީ ދާއިރާގައި ޚިދުމަތްކުރާ މީހުންނަށް މިފަދަ ބިރުވެރި ދުވަސްތަކެއް ފެނިފައި ނުވާނެކަމަށެވެ.
ޖިންސީ އަދި ނަސްލީ ހަމަހަމަކަމަށް ދައުވާކުރާ ނުވަތަ އެ ވިސްނުން ގެންގުޅޭ ހުރިހާ ސިއްހީ ޚިދުމަތްތެރިން މުސާރަ ލިބޭގޮތަށް މި ވަގުތުން ފެށިގެން އެޑްމިނިސްޓްރޭޓިވް ޗުއްޓީގައި ބޭތިއްބުމަށް ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ އެންމެހާ އޭޖެންސީތަކަށް އަންގާފައިވާ މެމޯއެއް އެން ބީ ސީ ނިއުސް އަށްވެސް ފެނިފައިވާކަމަށް ބުނެފައިވެއެވެ. އަދި އެފަދަ ވިސްނުން ޕްރޮމޯޓް ކުރާމީހުން ވަޒީފާއިން ވަކިކުރަން ޑިޕާރޓްމެންޓް އޮފް ހެލްތު އެންޑް ހިއުމަން ސަރވިސް އަށް އިންޒާރު ދީފައިވާކަމަށްވެސް ޚަބަރުތަކުގައި ބުނެފައި ވެއެވެ.