ޝަރީޢަތް ނިމެންދެން ޖަލުގައި ބަންދު ކުރެވޭ މީހުންގެ މައްޗަށް ކުރިމިނަލްކޯޓުން ކުރައްވާ އަމުރުތަކުގައި ފަނޑިޔާރު ވިދާޅުވަނީ މި މީހާ މުޖުތަމަޢަށް ދޫކޮށްލައިފި ނަމަ މިމީހާގެ ސަބަބުން ޖަމާޢަތަށް ނުރައްކާތެރި ވެދާނެ ޙާލަތެއް ކުރިމަތިވެދާނެ ކަމަށް ފެނިވަޑައިގަންވާތީ ޝަރީޢަތް ނިމެންދެން މީނާ ޖަލުގައި ބަންދު ކުރުމަށް އަމުރު ކުރައްވާ ކަމުގައެވެ. އެކަމުގައިވެސް ބައްލަވަނީ ފުލުންދޭ މަޢުލޫމާތާއި އެދޭގޮތުގެ މައްޗަށް ބުރަވެހުރެވެ.
މިގޮތަށް ކުރިމިނަލް ކޯޓުން އަމުރު ކުރެއްވުމާއެކު ކުށްކުރި ކަމުގެ ތުޙުމަތުގައި ބަންދު ކުރާމީހާ ޝަރީޢަތް ނިމެންދެން ޖަލުގައި ބަންދު ކުރަނީއެވެ. ޝަރީޢަތް ނިމެންދެން ބަންދު ކުރެވޭމީހާ ބަންދު ކުރެވެނީ ވަކި މުއްދަތެއްނެތި ޝަރީޢަތް ނިމެންދެނެވެ. މިގޮތަށް ބަންދު ކުރެވޭ މީހާގެ ޝަރީޢަތް ނުނިމި އެމީހާ ޖަލުގައި ހުންނަން ޖެހޭވަކި މުއްދަތެއް ނެތުމުން މިފަދަބަންދަށް ޢާންމުން ކިޔާއުޅޭ ނަމަކީ ވާނުވާއެވެ. ވާނުވާގައި ޖަލަށް ލެވޭ ގިނަމީހުންގެ ޝަރީޢަތަކީ ނިމުމެއް އޮތް ކަމެއް ނޫނެވެ. މިކިޔާ ތަހުޒީބީ ބަހުންނަމަ ވޭންދެނިވި އަނިޔާއެކެވެ.
ކަން މިހެން އޮތްހިނދު ވާނުވާގައި ޖަލުބަންދު ކުރެވޭ ފަރާތެއްގެ ޙައްގެއް ގެއްލުނަސް އެމީހަކަށް އެ ގެއްލުނު ޙައްގުގެ ބަދަލު ލިބި ދެވޭނޭ ގާނޫނެއްވެސް ވުޖޫދަކު ނެތްމެއެވެ. މިހެން ދަންނަވަން ޖެހުނީ ވާނުވާ ޖެހުމަށްފަހު ޖަލުބަންދުގައި ޝާރީޢަތް ނިމެންދެން ހުންނަމީހާގެ ޝަރީޢަތް ނުނިމި 6 އަހަރު ނުވަތަ 7 އަހަރުވެފައިވާ އެތައް ރައްޔިތުން ތިބިއިރު 6 އަހަރަށްފަހު ބައެއްމީހުންގެ ޝަރީއަތް ނިމިގެންދާއިރު އެމީހާގެ މައްޗަށް ކުށްސާބިތުނުވެ ދޫކޮށްލަން ޖެހޭމީހުންވެސް މަދެއް ނޫނެވެ. އަދި މިފަދައިން ބައިތިއްބާފައި ތިބެނީވެސް ބޮޑެތި ކްރިމިނަލުން ނާއިވެސް އެކުގައެވެ.
ޖަލުގެ ބަންދަށްފަހު ކުށް ސާބިތު ނުވެ ދޫކޮށްލާ ރައްޔިތުމީހާއަށް އޭނާޖަލުގައި އެ ހޭދަކުރި 7 އަހަރު ދުވަހުގެ ތެރޭގައި ދިހަބާރަ މިލިއަނަށްވުރެ ގިނަ ރުފިޔާގެގެއްލުން އެބަވެއެވެ. މި ގެއްލުމުގެ ބަދަލު ގާނޫނު ބުނާގޮތުން ދޭންޖެހޭ ފަރާތަކީ އެ ރައްޔިތު މީހާ ޖަލުގައި ބަންދުކުރި ފަރާތުންނެވެ. އަދި އޭގެ އިތުރުން އެ ބަންދުކުރެވިފައިވާ މީހާގެ މުސްކުޅި އަމަޔަކާއި ބައްޕައެއް އަދި ދަރީންވެސް ތިބޭނޫންތޯއެވެ. ރައްޔަތުންގެ ޚާދިމެއްގެ ގޮތުގައި ބޮޑު ވަޒީފާއެއް ލިބުނީމާ މަނިކުފާނޭ އަޅުގަނމެން ކިޔަކަސް ތިޔައީ ރައްޔަތުން ޚަރަދުކޮށްގެ ރައްޔަތުންގެ ކަންކަން ޢަދުލު އިންސާފުގެ މަތީން ކޮށްދެން ޙަވާލުވި ފަރާތެއް ދޮއްތޯއެވެ؟ އެހެންވީއިރު ”މަނިކުފާނުގެ“ ސައިޒް ގާނޫނަކަށްވުރެ ބޮޑެއްނުވާނެކަން ޔަގީނެވެ.
އެހެން ވުމުން ހަމަ ޓުރަމްޕް ފަދައިން އިޙުސާނު ހިތައް ފެންނަގޮތެއް ހުވަފެނުން ފެންނަ ގޮތެއް ތަންފީޒް ކޮށްލަން ވިސްނުމަކީ ޖާހިލު ޒަމާނުގައި އަނިޔާވެރީން ކަންކުރި މަގުކަން ކަށަވަރެވެ. މިފަދަ އަނީޔާތަކަށް ޒިންމާވާނެ ފަރާތެއް ގެއްލުމުގެ ބަދަލު ލިބޭނޭ ގާނޫނެއް ގަވާޢިދެއް ވުޖޫދު ކުރެވެން ޖެހެނެއެވެ. އަދި އެފަދަ ގާނޫނެއް ހަދަންވެސް ނޫޅެމެއް ނޫންތޯއެވެ. ސުވާލަކީ ކުށުގެ ތަޙުމަތުގައި ބަންދު ކުރެވޭ މީހުންނަކީ ހޯމްމިނިސްޓަރު ބޭނުންފުޅުވުމުން ގުރުބާންކުރަން ލިބޭ ކަންބަޅިތަކެއް ހެއްޔެވެ. އަނެއްކޮޅުން ވާނުވާގައި މިހާރު ޖަލުގައި އެތިބި މީހުންނަކީ ޖަލުގައި ތިބެން ޖެހޭ މީހުންންކަމަށް ނިންމަން ހޯމްމިނިސްޓަރަކީ ކާކު ހެއްޔެވެ. އެމަނިކުފާނު އެހެން އެވިދާޅުވަނީ ކޮން ޙައިސިއްޔަތަކުން ކޮން އެއްޗެއް އެނގިވަޑައިގެން ހެއްޔެވެ. ހޯމް މިނިސްޓަރު ވެސް ހުންނެވޭނީ ގާނޫނު އަސާސީއިން ލިބިދޭ ބާރެއްގެ ބޭނުން “ ޕްރޮޓެކްޓް އެންޑް ސާރވް“ ހުވަޔާއި އެއްގޮތަށް ކުރުމަށެވެ. ވަޒީފާ ލިބިދިން ޕާޓީއަށް ވަގު އިނގިލި ފިއްތައިގެން މެމްބަރުން ވެއްދި މައްސަލަ ނިކަން ރަނގަޅަށް ބައްލަވާ ބައްލަވާށެވެ. މަނިކުފާނުގެ އިނގިއްޔެއްގެ ނިޝާން ނޯންނާނެކަމެއް ނޭނގެޔާ ގިނަ ބައެއް ރައްޔަތުން އެބުނާ ބުނުން އޅުގަނޑު ގަބޫލެއް ނުކުރަމެވެ. އެއީ މުޅީން އެހެންވާހަކަ އެއްތާއެވެ؟
މިދެންވިގޮތަށް ވާނުވާ ނޭގޭ ބަންދު ކުރެވޭ އިންސާނުންނަށް ކާންބޯންދެނީ ހިތަށްއެރި އެއްޗެކެވެ. ރަހައަކުން ކުރެ ރަހައެއް ނެތް ގެރި ކޮއްތެވެ. ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުނަށް ބޭސް ފަރުވާ ކުރަނީ އަމާބުނީތީ ފަރަށްދާހެނެވެ. ޖަލުމީހުނަށް ކާންދޭނެ މީހުން ހޯދަނީ ބިޑަށް ލައި ބިޑުކާމިޔާބު ކުރާ ފަރާތުން 4 މިލިއަންރުފިޔާ އަތުލައިގެންނޭވެސް އެބަ ކިޔަތެވެ.އެހެން ކަމުން ކާންދެވޭ ފެންވަރުވެސް ބަލާނެ ބަޔަކު ނެތެވެ. ބިޑު ކާމިޔާބު ކުރާފަރާތުން ރިޝްވަތު އަތުލުމުގެ ސަބަބުން ޖަލަށް ގެންދާ ކާބޯތަކެތީގައި ކޮންމެ ރަހައެއް ހުއްޓަސް މަސައްކަތް އަތުނުލާނެ ކަމުގެ ޔަގީން ކަން ކާންދޭ ފަރާތައް އޮވެއެވެ.
ހޯމްމިނިސްޓްރީގެ ފަރާތުން ޖަލުގައި ތިބިމީހުންގެ ޙާލަތު ނުބައްލަވައެވެ. އެހެންކަމާއެކު ޖަލުގައި ތިބި ދާއިމީ ބަލިތަކަށް ފަރުވާހޯދާ މީހުނަށް އެކަށޭނެ ބޭސް ފަރުވާ ނުލިބި ބަޔަކު އެވަނީ މަރުވެފައެވެ. މިފަދަ މަރުތައް ޖަލުގައި އިތުރުވަމުން އެދަނީ ހޯމްމިނިސްޓަރުގެ އިހުމާލުން ކަމުގައި ދަންނަވަން ޖެހެއެވެ. ޒިންމާ އަދާ ނުކުރެވެންޏާއި މީހާގެ އިސްކޮޅަށްވުރެ ބޮޑެތި ވާހަކަ ނުދައްކަވާނީއެވެ. މިފަދަ ނޭއްގާނީކޮށް ވާނުވާ ޖަހައި ބަންދުކުރެވޭ މީހުންގެ ޙާލު ހުރި އިރު ޖަލުގައި އެތިބީ ތިބެންޖެހޭ މީހުންކަމުގައި ހޯމްމިނިސްޓަރު ތި ވިދާޅުވަނީ މަނިކުފާގެ ހިއްޕުޅުގައި އިންސާނުންގެ މައްޗަށް ރަޙުމެއް ކުލުނެއް ޢަގަލެއް ޙަމްދަރުދީ އެއް ނެތީމައެވެ. މީހަކު ބުންޏެވެ! މިފަދަ އަނިޔާވެރި ޖަނަވާރު ހިތެއް ލިބިފައިވާ ފަރާތެއް ހޯމްމިނިސްޓަރު ކަމުގެ މަގާމުގައި ބަހައްޓަން މުޢިއްޒު ހެޔޮވެސް ނުވާނެ ނޫންހެއްޔެވެ. އަދި އެވަޒީރަކީ އިންސާނުންގެ ޝަޚުސުން ވައްކަން ކުރުމުގެ ފުރުޞަތު ހުޅުވާދީފައި ހުރި ޚިޔާނާތްތެރިއެއް ކަންވެސް މިފުރުޞަތުގައި ދަންނަވާލަމެވެ.
އެނގިވަޑައިގަންނަވާ ތޯއެވެ. ވާނުވާގައި ޖަލަށް ލެވޭ މީހުންނަކީ އިންސާނުންނެވެ. 6 އަހަރު 7 އަހަރު ދުވަސް ވަންދެން ޝަރީޢަތް ނުނިންމާ ޖަލުގައި އެތިބީ އެތައް ޢާއިލާއެއް ބެލެހެއްޓުމުގެ ޒިންމާއާއި މަސްޢޫލިއްޔަތު އުފުލަމުން އަންނަ ދިވެހި އެތަކެއް ރައްޔިތުންނެވެ. އަނބިދަރިން ބިކަޙާލުގައި ޖެހި ޢާއިލާރޫޅި ދަރީންތައް ތަޢުލީމުން މަޙުރޫމްވެ އެދަރީންތައް ޑްރަގަށް ގޮސް އެވަނީ ސަލާމްޖަހާ ޙާލުގައެވެ. އަދި ބައެއް މީހުންގެ ދަރީން ނުރައްކާތެރި ޑްރަގްގެ ޝިކާރައިންވެ ކަމުގައިވެ ވައްކަން ކުރަން ފަށާފައިވާއިރު މުޖުތަމަޢުގެ ސަލާމަތައްޓަކައޭބުނެ ވާނުވާ އަސްލު ޖަހަންވީ އެ އަނިޔާދޭ ”އަންދާ ގާނޫނު“ ތި ހިންގާ މީހުނަށެވެ. މިފަދަ ރަޙުމް ކޮޑަކޮށް ޖަލަށް އަޅާލުމުގެ ސަބަބުން މުޖުތަމަޢަށް ލިބެނީ ފައިދާތޯ ނުވަތަ ގެއްލުންތޯ ފަނޑިޔާރަށް އެނގިވަޑައި ގަންނަވާނެ އިޙުސާން އަމިއްލަފުޅަށް ސުވާލުކޮށްލެއްވިން ތޯއެވެ.
ތަޙުގީގު ނިމި މައްސަލަ ޝަރީޢަތުގެ ދަރުބާރަށް ވަންނަ ދުވަހު އެމައްސަލަ ތަޙުގީގު ކުރެއްވި ޕޮލިސް ޢައިއޯ ޝަރީޢަތުގެ ދަރުބާރުގައި އެމީހަކު ދޫކޮށްފައި ބެހެއްޓުމުން ޖަމާޢަތައް ނުރައްކާވާނެ ކަމަށް ބުނި ނަމަވެސް ފަނޑިޔާރު އެމީހަކަށް ވާނުވާގެ އަމުރު ނެރުއްވުމުގެ ކުރިން އެކަން ކަށަވަރު ކުރަންޖެހޭނެއެވެ.
އިންސާނެއްގެ މައްޗަށް އެފަދަ އަމުރެއް ނެރުއްވާއިރު، ހައްދަވާ ބޮޑުވެ ފަރާތުގެ އާޚިރަތުގެ ދަރުބާރުގައި ތިމަން ފަނޑިޔާރު ދެއްވާނީ ކޮންޖަވާބެއްތޯ ވިސްނާލަން ޖެހޭނެތާއެވެ. މަނިކުފާނަށްވެސް ހަމަ އެސުވާލު އަންނާނެ ނޫންތޯއެވެ!
އެ އަމުރުގެ ސަބަބުން ރީތި ދިރިއުޅުމެއްގައި ތަރުބިއްޔަތު ވަމުން އައި ޢާއިލާއެއް ރޫޅި އެ ޢާއިލާގައި ހިމެނޭ ދަރިން މަގުން ކައްސާލާ ނުބައިމަގު ޚިޔާރުކުރަން މަޖުބޫރު ކުރުވި ފަރާތަކީ އެޢާއިލާގެ ރައީސްގެ މައްޗަށް އެނެރުއްވި ވާނުވާގެ އަމުރު ނޫންހެއްޔެވެ. އެދުވަހުން ޒިންމާނަގާނީ ޕޮލިސްގެ އައިއޯ ތޯ ނުވަތަ ފަނޑިޔާރުތޯ، ކަނޑައަޅުއްވާ ދުވަހަށް ބިރުވެތިވާން ޖެހެއެވެ. މިއަދު ތިކިބުރުވެރި ބާރުވެރިކަން ދައްކާ ހަރުބަސް ވިދާޅު ވެވިދާނެއެވެ. އެހެނަސް އިންސާނިއްޔަތަށް އަނިޔާވެރި ވެއްޖެ ނަމަ ދެދުނިޔޭގައިވެސް އޭގެ ޢުގޫބާތު ނުލިބި ސަލާމަތެއް ނުވެވޭނެ ކަން ގަބޫލު ކުރެއްވުމީ ބުއްދިވެރި ގޮތްކަމުގައި ދެންނެވީމެވެ. ޖަލުގެ ގޮޅިއެއްގައި ދިހަބާރަމީހުން އޮޑިއެއްބާލަން ކަނދު އަތުރާހެން ގޮޅީގެ ތަޅަމުގައި އަތުރައި ފަންކާގަނޑެއްވެސް ނެތި ގަދަހޫނުގައި އިންސާނުން ތި ގެންގުޅެނީ މިނޫންދުވަހެއް އެބައޮތްކަން ހަމަ ނޭނގި ހެއްޔެވެ. ނޫންނަމަ ފިރުޢައުނީ ހަމަތައް ގަބޫލުކުރާތީ ހެއްޔެވެ. މިގޮތަށް ގޮޅިން ނުނެރެ ކަސްރަތު ނުލިބި ވާނުވާގައި ހުރި ކޮންމެ މީހެއްގެ ގޮހޮރުގައި ގޭސް އުފެދި ކޮންމެ މީހެއްގެ ބަނޑު ހީވަނީ ބަލިވެއިން އަންހެނެއްގެ ބަނޑުހެން ވިއްޔާއެވެ. އެކަމަކުވެސް ހޯމް މިނިސްޓަރު އެވިދާޅުވަނީ ވާނުވާގައި އެތިބި ދިވެހި ރައްޔިތުން ރަށު ބަންދަށްވެސް ދޫކޮށް ނުލާނެ ވާހަކަ ވިއްޔާއެވެ. މީހަކު ޙައިރާން ނުވާނޭހެއްޔެވެ. މީ ކޮންކަހަލަ ހަމަގެންގުޅުއްވާ ވަޒީރެއްތޯއެވެ. ގައިމުވެސް މަދަންނަގޮތުން އިޙުސާނަކީ ރޯނުއެދުރު ގަމާރެއް ނޫނެވެ.
3 Responses
Vara rangalhu vaahakaeh.. vaanuvaa aky bodu anniyaa eh.. mi qaum ge raithun ge rufiyaain milliyanun vakan koffa thibimeehun nuveythoa nurakaa theri
meehunakah
ފަހަލައަށް ޖަލުގެ ޚަބަރުތައް މިހާރަނގަޅަށް ކިޔައިދެނީ ކާކުތޯއެވެ. ވަރަށް އިންޓަރެސްޓިން އެވެ. އަސްލުވެސް މިއީ އެމެރިކާގެ އަންދާ ގާނޫނެވެ. ނުރުހޭ އެންމެން ގެންގޮސް އަބޫ ގުރައިބަށް ނުވަތަ ގުއަންޓަނަމޯބޭ އަށް އުކާލީމަ އޯ ކޭ ވީއެވެ. މިއީ 21 ގަރުނުގައި ކޮންފަދަ ބޭ އިންސާފެއް ހެއްޔެވެ. މީހަކު ބުނާތީ އަޑު އެހީމެވެ. ހެޕީ މާރކެޓުން ކެމްޕޭނުގެ ދެވަނަ ރައުންޑްގައި ފައިސާ ދީފާ ގަތް ސްލޮޓެކޯ އިޙްސާނު އެހުރީ! އެހެންވިޔަސް ސްލޮޓް ގަތަސް ވަޒީފާ އާއި ޙަވާލުވީމާ ގާނޫނު އަސާސީ އާއި އެއްގޮތަށް ނޫންގޮތަކަށް ފުއްޕާފަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. ހަމަ ގިނަމީހުންގެ އަނގަވެސް ބޮޑީ އެވެ. އުންމީދު ކުރަނީ މި ކިޔާލާފައި އިޙުސާނު ޖަލަށްގޮސް ވާނުވާ ޖަހާފައި ތިބި މީހުނާއި ބައްދަލުކޮށް ޙަލު އަހުވާލު އޮޅުން ފިލުވާނޭ ކަމަށެވެ.
އެމެރިކާއިން ކިއަވާފައި ތިބޭމީހުންގެ ގައިގައި އިންސާނީ ވަންތަ ވެރިކަމުގެ ކަންފުޅެއް ވެސްނުހުންނާނެ އެކަން އެގޭނެ އެމެރިކާއިން އިރާގު އަލުވެތި ކޮއްގެން އުޅުނުއިރު އަބޫޣުރައިބު ޖަލުގައި ހިންގާފައިވާ ޖަރީމާތަކުންވެސް