ލޮސް އެންޖްލްސްއަށް ލިބުނު ގެއްލުން 164 ބިލިއަން ޑޮލަރަށްވުރެން ގިނަވާނެ

Loading

Facebook
Twitter
WhatsApp

 މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އެމެރިކާގެ ލޮސް އެންޖްސްއަށް މެދުވެރިވި އަލިފާނުގެ ކާރިސާގައި ލިބުނު ގެއްލުން 164 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެކަމަށް އަންދާޒާ ކޮށްފިއެވެ. މި ކާރިސާއާއި ގުޅޭގޮތުން ނެރެފައިވާ ރިޕޯރޓުގައި އެއީ އެމެރިކާގެ ތާރީޚުގައި ދެވަނައަށް އެންމެ ބޮޑު ގެއްލުން ލިބުނު ކާރިސާކަމަށް ބަޔާން ކޮށްފައި ވެއެވެ. މީގެ ކުރިން 2005 ވަނައަހަރު އެ ސަރަހައްދަށް އެރި ކެތުރީނާގެ ނަންދެވުނު ތޫފާނުގެ ސަބަބުން 201 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ލިބިފައިވާކަމަށް ވެއެވެ.  

                              

އީޓްން އާއި ޕެލިސާޑެސްގައި ރޯވި އަލިފާންގަނޑުގެ ސަބަބުން މަދުވެގެން 29 މީހުން މަރުވެފައިވާ ކަމަށާއި 37000 އޭކަރުގެ ބިން ވީރާނާކޮށްލާފައިވާ ކަމަށްވެސް ޔުނިވަރސިޓީ އޮފް ކެލިފޯރނިޔާ އެންޑް ލޮސް އެންޖްލްސްގެ ( ޔޫ. ސީ. އެލް. އޭ ) ރިސާރޗްއިން ހާމަކޮށްފައި ވެއެވެ. މީގެ އިތުރުން 11000 އާއިލީ ހައުސް އާއި 16000 އެހެނިހެން އިމާރާތްވެސް ވަނީ ބިމާ ހަމަވެފައެވެ. އިންޝުއަރެންސަށް ލިބުނު ގެއްލުން ވަނީ 75 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެކަމަށް ބުނެފައެވެ. ލޮސް އެންޖްލްސްގައި ރޯވި އަލިފާނުގެ ސަބަބުން އެ ސަރަހައްދުގައި އަދާ ހުލިވެގެންދިޔަ އާންމު ރައްޔިތުންގެ ގެދޮރު އިމާރާތް ކުރުމަށްޓަކައި އިންޝޫރެންސް ބަދަލު ނުލިބުންފަދަ ބޮޑެތި މައްސަލަތަކެއް އުފެދެމުން ދާކަން ވަނީ ފާހަގަކޮށްފައެވެ.                      

ލޮސް އެންޖްލްސް ގައި ރޯވި އަލިފާނުގެ ސަބަބުން މިއަހަރު އެ ސަރަހައްދުގެ ޖީ ޑީ ޕީ ޑެސިމަލް 5 ޕަރސެންޓް ދަށަށް ދާނެކަމަށްވެސް އަންދާޒާކޮށްފައި ވެއެވެ. ލޮސް އެންޖްލްސްގެ އިގްތިސާދީ ބިޔަ މިންގަނޑުން ބަލާއިރު މިއީ ލޮސް އެންޖްލްސްގެ އަހަރު ދުވަހުގެ ބަޖެޓުގެ 3 ގުނައާ އެއްވަރަށް ބޮޑު އަދަދެއް ކަމަށާއި މި އަރިއަޅާލުން ރަނގަޅުކުރަން ވަގުތު ނަގާނެކަމަށް އެ ޔުނިވަރސިޓީގެ އިކޮނޮމިސްޓް ޒިއުން ލީ އާއި ވިލިއަމް ޔޫ ބުނެފައިވެއެވެ.                                                            

އަލިފާނުން ގެއްލުން ލިބުނު ސަރަހައްދަށް ވަޑައިގަތުމަށްފަހު ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ ފެޑެރަލް ސަރުކާރު އެހީ ކެލިފޯރނިޔާއަށް ލިބޭނެ ކަމަށެވެ. އެހެންނަމަވެސް ފައިސާގެ އެހީ ލިބޭނީ ކެލިފޯރނިޔާއިން ވޯޓަރ މެނޭޖްމެންޓް ޕޮލިސީ ބަދަލު ކުރުމުންނާއި އަދި ވޯޓުލާމީހުންގެ ވަނަވަރު ދެނެގަންނާނެ ގޮތުގެ ގާނޫނު ބަލައިގަތުމުން ކަމަށެވެ. ބައެއް ރިޕަބްލިކަން މެމްބަރުންވެސް ވިދާޅުވަމުންގެންދަވަނީ ފެޑެރަލް އެހީ ލިބިގަތުމަށްޓަކައި ކެލިފޯރނިޔާއިން ޖެހޭނީ ރައީސް ޓްރަމްޕް ދޫކޮށްފައިވާ ’ ކަފުގައި ނުވަތަ ދިވެހިންކިޔާއުޅޭ ހުދުވަލުގައި ’ ހިފަން ކަމަށެވެ. ކެލިފޯރނިޔާއަކީ ޑިމޮކްރެޓުންގެ ބާރުގެ ދަށުގައި އޮންނަ ސްޓޭޓެކެވެ.                                                              

ކެލިފޯރނިޔާއަށް ދިމާވި އަލިފާނުގެ ކާރިސާއަށްފަހު އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ އިތުބާރު ހޯދުމަށްޓަކައިވެސް ސަރަހައްދީ ސަރުކާރުން ބޮޑެތި ޚަރަދުތަކެއް ކުރަން ޖެހޭނެއެވެ. އަލިފާން ނިއްވުމުގެ ފުރިހަމަ ނިޒާމެއް ގާއިމް ކުރުމާއި އަލިފާނުގެ ކާރިސާތަކާ ގުޅިގެން ޖައްވުގެ ވައި ތަޣައްޔަރުވެ ސިއްހީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރުން ހުއްޓުވޭނެ އިންތިޒާމް ހަމަޖެއްސުމަށް  ބޮޑެތި ޚަރަދުތައ ހިނގާނެއެވެ. ކެލިފޯރނިޔާއަކީ އެމެރިކާގެ އެންމެ ގިނަ މުއްސަނދިން ދިރިއުޅެމުންގެންދާ ސަރަހައްދު ކަމަށްވެފައި އެ ސަރަހައދުގައި ދިރިއުޅޭ އާބާދީ އެހެންދިމަ ދިމާއަށް ދިޔަ ނުދީ ހިފޭއްޓުމަކީ ކުރިއަށް އޮތް ތަނުގައިވެސް ކޮންމެހެން ކުރަންޖެހޭނެކަމެއް ކަމުގައި އެ ދިރާސާގައި ހާމަކޮށްފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް