މި އަހަރު ނިމެންވާއިރަށް ރަސްމާލެ ހިއްކާ ނިންމަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ މި އަހަރުގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލިހަށް އިއްވަވަމުންނެވެ.
މިއަދުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހި ކަމުގެ މައްސަލަ ހައްލުކުރުމަށް ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ”ދިމާވި ތަފާތު ދަތިތަކާއެކު ވެސް ސަރުކާރުގެ އަމާޒަކީ، މި އަހަރު ބިންހިއްކުން ނިންމައި 2026 ވަނަ އަހަރުގައި އަސާސީ ހިދުމަތްތައް ގާއިމްކުރުމާއި މަގު ހެދުމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށުން،“ކަމަށެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ ގުޅީފަޅުން އިތުރު 85 ހެކްޓަރު ހިއްކުމަށް ފައިސާ އާއި ކޮންޓްރެކްޓަރަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު އެ ތަނުގައި އަސާސީ ހިދުމަތްތައް ޤާއިމުކުރުމާއި މަގުހެދުމަށް މިހާރު ކޮންޓްރެކްޓަރަކާއި ހަވާލު ކޮށްފައިވާ ކަމަށެވެ.
ހަމައެހެންމެ ރައީސް މުޢިއްޒު ވިދާޅުވީ ގިރާވަރު ބިން ހިއްކުމުގެ މަސައްކަތްވެސް އަވަސް މުސްތަގުބަލެއްގައި ފަށާނެ ކަމަށާއި ހުޅުމާލެ ފަޅުތެރެއިން ހިއްކަން ފަށާފައިވާ ބިން މި އަހަރު ޖުލައި މަހުގެ ކުރިން ހިއްކާ ނިންމާނެ ކަމަށާއި އުތުރު ތިލަފަޅުން 150 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށެވެ.