ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތައް ހައްލުކުރުމަށްޓަކައި މި އަހަރު މުޅިން އާ ބިމުގެ ބިލަކާއި ބޯހިޔާކަމާ ގުޅޭ ބިލަކާއި ރިއަލް އެސްޓޭޓާ ގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ މި އަހަރުގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލިހަށް އިއްވަވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށްޓަކާ މުޅިން އަލަށް އެކުލަވާލެވޭ ބިމުގެ ބިލަކާއި ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު އަދި ބޯހިޔާވަހިކަމުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުމަށް ވާނީ ނިންމާފައި ކަމަށެވެ.
ރައީސް ވަނީ ގާނޫނުއަސާސީއަށް ގެނައުމަށް ގަސްދުކުރާ މުހިންމު ބައެއް އިސްލާހުތައްވެސް ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމާއި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބާއްވާ ގޮތަށް ބަދަލުކުރުމާއި ނޮވެމްބަރު 11 ގައި ރިޔާސީ ދައުރު ފެށޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހުގެ ގެނައުމަށްޓަކާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެހުން ހިމެނޭކަމަށް ރައީސް ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަން ފެށުމާއެކު އެމްޑީޕީގެ މެންބަރުން ވަނީ އެކި ޝުއޫރުތައް ލިޔެފައި ހުރި ބޯޑުތަކާއެކު ޝުއޫރުތައްފާޅުކޮށް އިހުތިޖާޖު ކޮށްފައެވެ. އެއާއެކު ރިޔާސަތުން ވަނީ މެންބަރުންގެ ނަން އިއްވައި މަޖިލިސް ތަޅުމުން ބޭރުކުރުމަށްފަހު ރިޔާސީ ބަޔާން އިއްވުން ކުރިއަށް ގެންގޮސްފައެވެ.