ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ފޭސް2 ގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު މި މަސް ނިމުމުގެ ކުރިން އިއުލާނު ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ މި އަހަރުގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލިހަށް އިއްވަވަމުންނެވެ.
ރައީސް ވިދާޅުވީ ފްލެޓު ލިސްޓުގެ ސައްހަކަން ބެލުމަށް ކުރެވެމުންދާ މަސައްކަތް ނިމި މި ފެބްރުއަރީ މަސް ނިމުމުގެ ކުރިން ލިސްޓު އިޢުލާނު ކުރާނެ ކަމަށެވެ.
ހަމައެހެންމެ ރައީސް ވިދާޅުވީ 4،000 މީހުންގެ ލިސްޓާއިމެދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާފައިވާ އެންގުންތަކާ އެކު، އެ ލިސްޓުގެ ސައްހަކަން ބެލުމަކީ މި ސަރުކާރުން ހައްލު ކުރަން ޖެހިފައި އޮތް ވަރަށް ހައްސާސީ މައްސަލައެއް ކަމަށެވެ.
މިއަދުގެ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަން ފެށުމާއެކު އެމްޑީޕީގެ މެންބަރުން ވަނީ އެކި ޝުއޫރުތައް ލިޔެފައި ހުރި ބޯޑުތަކާއެކު ޝުއޫރުތައްފާޅުކޮށް އިހުތިޖާޖު ކޮށްފައެވެ. އެއާއެކު ރިޔާސަތުން ވަނީ މެންބަރުންގެ ނަން އިއްވައި މަޖިލިސް ތަޅުމުން ބޭރުކުރުމަށްފަހު ރިޔާސީ ބަޔާން އިއްވުން ކުރިއަށް ގެންގޮސްފައެވެ.