ޗައިނާއިން ބަރުކޮށްގެން ޕާކިސްތާނުގެ ކަރާޗީއަށް ގެންދާ ޝިޕްމެންޓެއް އިންޑިއާއިން ހިފާއްޓައިފިކަމަށް ކަރާޗީން މައުލޫމާތު ހާމަކޮށްފިއެވެ. އެ މައުލޫމާތުގައި ބުނެފައިވާގޮތުން އިންޑިއާއިން އެ ޝިޕްމެންޓް ހިފާއްޓާފައިވަނީ ފަނާކުރަނިވި ހަތިޔާރާއި މިސައިލް ޕްރޮގްރާމްގެ ބޭނުމަށް ގެންދާ ތަކެތިކަމަށް ޝައްކު ކުރެވޭތީއެވެ.
އިންޑިއާއިން އެ މުދާ ހިފޭއްޓުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށްޓަކައި އެ މުދާ ޕާކިސްތާނަށް ގެންނަ ކޮސްމޯސް އެންޖިނިއަރިންގ އިން ވަނީ އެ މައްސަލަ ސިންދުގެ ހައިކޯޓަށް ހުށައަޅާފައިކަމަށްވެސް ޚަބަރުގައި ބުނެފައި ވެއެވެ. އަދި އެ ދައުވާގައި އެ މުދަލުގެ ފްރެއިޓް ސަރވިސް އޭޖެންސީގެ މައްޗަށްވެސް ދައުވާކޮށްފައި ވެއެވެ.
މައްސަލަ ޝަރީއަތަށް ހުށައެޅި އުސްމާން ފާރޫގް އެޑްވޮކޭޓުން ބުނެފައިވަނީ އާންމު މުދަލުގެ އެ ޝިޕްމެންޓަކީ ފަނާކުރަނިވި ހަތިޔާރާއި މިސައިލް ޕްރޮގްރާމަށް ބޭނުންވާ ސާމާނު ކަމަށް ބަލައި މުމްބާއި ބަނދަރުން އަތުލައިގެންފައިވަނީ ބޯޓުގެ ވެރިފަރާތާއި ފްރެއިޓް ސަރވިސް ގެ ނުކުޅެދުންތެރި ކަމުގެ ސަބަބުންކަމަށެވެ. އަދި އެ މުދާ އަތުލައިގަތުމަކީ ބޯޓުގެ ވެރިފަރާތުން އިންޑިއަން އޮތޯރިޓީޒް އާއި ގުޅިގެން ސިއްރުން ހިންގާފައިވާ ނާޖާއިޒު ހަރަކާތެއްކަމަށްވެސް ޝަރީއަތަށް ހުށައެޅި ލިއުންތަކުގައި ފާހަގަ ކޮށްފައި ވެއެވެ.
އެ ޝިޕްމެންޓް އަތުލަގަތުމަކީ ބޯޓުގެ ވެރިފަރާތުންނާއި ފްރެއިޓް ސަރވިސް ގެ ފަރާތުން ބައިނަލް އަގްވާމީ ފެންވަރުގައި މުދަލުގެ ވެރިފަރާތަށް ލިން ލަނޑެއް ކަމަށް ބުނެ ލިބުނު ގެއްލުމަށް 200 މިލިއަން ރުޕީސް އަށްވުރެން ގިނައިން ދޭންޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށް އުސްމާން ފާރޫގް އެޑްވޮކޭޓުން ކޯޓުގައި އެދިފައި ވެއެވެ.
ޕާކިސްތާނުގެ ޚާރިޖިއްޔާއިން ބުނެފައިވަނީ އެ ޝިޕްމެންޓުގައި އެއްވެސް ބާވަތެއްގެ ފަނާކުރަނިވި ހަތިޔާރު ނުވަތަ މިސައިލް ޕްރޮގްރާމާއި ގުޅުން ހުރި އެއްވެސް އެއްޗެއް ނުހުންނާނެ ކަމަށާއި އެއި މުޅިންވެސް އާންމު މުދަލުގެ ޝިޕްމެންޓެއް ކަމަށެވެ.