އޮސްޓްރޭލިޔާގެ ކުއީންސްލަންޑަށް ބޯކޮށްވާރޭވެހި ފެންބޮޑުވެ ކުރިމަތިވަމުންދާ ކަންކަމަށް ހައްލު ހޯދާދިނުމަށް އިދާރާތަކުން މަސައްކަތް ކުރަމުންދާ ކަމަށް ޚަބަރުލިބެއެވެ.ފެންބޮޑުވުމުގެ ސަބަބުން އެތައްހާސްބަޔަކު ގެދޮރުދޫކޮށް ރައްކާތެރިކަން ހޯދުމަށް މަޖްބޫރުވެފައިވާއިރު ބޮޑެތި ހިސާބުތަކަކުން ވަނީ ކަރަންޓް ވެސް ކެނޑިފައެވެ. ފެންބޮޑުވުމުގެ ސަބަބުން ކުއީންސްލަންޑްގެ މުހިންމު ހައިވޭއެއް ދެބުރިވެފައިވާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.އަދި މިކަމުގެ ސަބަބަބުން އެހީގެ މަސައްކަތަށް ވަނީ ވަރަށް ބޮޑަށް ހުރަސް އެޅިފައެވެ.
ފެންބޮޑުވުމުގެ ސަބަބުން ދިމާވި ހާދިސާއެއްގައި 63 އަހަރުގެ އަންހެނަކު މަރުވެފައިވާއިރު ،ކުއީންސްލަންޑްގެ އުތުރުގެ ހިސާބުތައް ކަމަށްވާ ޓައުންސްވީލް،އިންގަމް އަދި ކާޑްވެލް އަށް ވަނީ ބޮޑެތި ގެއްލުން ތަކެއް ވެފައެވެ.
ހޮނިހިރު ދުވަހުން ފެށިގެން މިހާތަނަށް 1.3މީޓަރުގެ ވާރޭވެހިފައިވާއިރު އަދިވެސް ކުރިޔަށް އޮތީ ވިއްސާރަ ދުވަސްތަކެއް ކަމަށް އިދާރާތަކުން ބުނެފައިވެއެވެ.މަގުތަކާ ދަނޑުބިންތަކުގައި ފެންބޮޑުވާން ދިމާވީ އެހާ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކޯރުތަކާއި ފެން ރައްކާކުރުމަށް ހަދާފައިވާ ރިޒަވޮޔާތައް ފުރިގެން ބަންޑުން ދިއުމުގެ ސަބަބުންނެވެ.
މިކާރިސާއާއި ގުޅިގެން އޮސްޓްރޭލިޔާގެ ރައްޔިތުން ދައްކަމުންގެންދާ އެކަކު އަނެކަކަށް އެހީތެރިވުމުގެ ސިފަޔަށް ބޮޑުވަޒީރު އަލްބަނީސޭ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އަންގާރަ ދުވަހުގެ ނިޔަލަށް މޫސުން ގޯސްވާނެކަމަށް އަންގާފައިވާއިރު އެހާތަނަށް ދެހާހެއްހާގެޔަށް ފެންވަންނާނެކަމަށް ވަނީ ބެލިފައެވެ. މިހާރުވެސް ގިނައަދަދެއްގެ ގެޔަށް ވަނީ ފެންވަނުމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބިފައެވެ.