ނުބައި އަމަލުގެ ޝަޒާ ތިމާއަށް ލިބޭނެކަން ޔަގީނެވެ.

Loading

Facebook
Twitter
WhatsApp

ކޮންމެވެސް ރަށެއްގެ ފަގީރު ހިސާބެއްގައި އުޅުނު އަންހެނެކެވެ.އޭނާ ކޮންމެ ދުވަހަކުވެސް އާއިލާގެ ކެއުމަށް ރޮށިފިހާއިރު އިތުރަށް އެއްރޮށިފިހެއެވެ.އަދި އެރޮށި ކުޑަދޮރުމަތީގައި ބާއްވައެވެ.އެއަށް ބޭނުން ޖެހިފައިވާ ކޮންމެވެސް އެހެން ފަގީރަކު ނަގާނެކަމަށް ބަލާފައެވެ.


މިގޮތަށް ބާއްވާ ރޮށި ކޮންމެ ދުވަހަކުވެސް ނަގާ ސަލާންޖަހާ މީހަކު އުޅެއެވެ. އެހެން ނަމަވެސް އެމީހާ ރޮށިނަގައިގެން ދަމުން ކުޑަމިނުން ޝުކުރުގެ ބަހެއްވެސް ނުބުނެއެވެ. މިކަމާ އަންހެން މީހާ ހުންނަނީ ވަރަށް ރުޅިއައިސްފައެވެ. ސަލާންޖަހާމީހާ ޝުކުރުގެ ބަހެއް ނުބުނި ނަމަވެސް ކޮންމެ ދުވަހަކުވެސް ދަނީ އެއްޗެއް ބުނެލާފައެވެ. ”ތިބާ ހެވެއް އެދިގެން ކުރާކަމެއްގެ ހެޔޮކަން ތިބާޔަށް ލިބޭނެއެވެ.ތިބާ ނުރަގަޅުކޮށް ކުރާއަމަލެއްގެ ނަތީޖާވެސް އެނބުރިގެން އަންނާނީ ތިބާއަށެވެ.“މިހެންނެވެ. މިކަމާ އަންހެންމީހާ މާބޮޑަކަށް ނުވިސްނައެވެ.
ރޮށިގެންދާ ސަލާންޖަހާމީހާ އެކަމަށް ޝުކުރުވެރިނުވާތީ އެއްދުވަހަކު އޭނާއަށް ލަނޑެއްދޭން އަންހެން މީހާ ނިންމިއެވެ.އަދި އެދުވަހު ބޭރުގަ ބާއްވާ ރޮއްޓަށް ޒަހަރު ލިއެވެ. އެހެން ނަމަވެސް މިކުރެވުނީ ރަގަޅު ކަމެއް ނޫންކަން ވިސްނި އަވަހަށް ރޮށިނަގާ އަލިފާނަށް ލުމަށްފަހު ރަގަޅު ރޮއްޓެއް ފިހެފަ ބޭއްވިއެވެ.
މިކަން މިހެން ހިނގާއިރު ކޮންމެވެސް ދުރުހިސާބެއްގައި ހުރި އަންހެންމީހާގެ ޒުވާން ދަރިފުޅު ގެޔަށް އައުމަށްޓަކާ ދަތުރު ކުރަނީ އެވެ. ގިނަ ދުވަސް ތަކަށް ފަހު ދަރިފުޅު ގެޔަށް އަންނާތީ އަންހެންމީހާ ހުރީ ވަރަށް އުފަލުންނެވެ. އަދި ސަލާމަތުން ހެޔޮހާލުގައި އޭނާއާއި ހަމަޔަށް ގެނެސް ދެއްވުން އެދި ދުއާކުރިއެވެ.
ހަމަ އެދުވަހު ދަރިފުޅު ގެޔަށް ފޯރައިފިއެވެ.އަދި މަންމަ ފެނުމުން ބައްދާ، ސަލާން ގަލާން ކުރުމަށް ފަހު ބުންޏެވެ.“މަންމާއެވެ.އިނގޭ ހެއްޔެވެ.އަހަރެން ދަތުރަށް ފުރަމުން ގެނައި ކާއެތިކޮޅު ހުސްވެ މިއަދު އަހަރެން އުޅުނީ ވަރަށް ހާލުގައެވެ.ބަނޑުހައިވެގެން ހިނގާނެހާ ވަރުވެސް ނެތިގެން ގަހެއްގެ ދަށުގައި އިށީދެގެން އިންދާ އައި މުސްކުޅި ސަލާން ޖަހާމީހަކު ބުންޏެވެ.ކޮއްކޯއެވެ.މިއޮތީ ތާޒާ ރޮއްޓެކެވެ.މިއީ އަހަރެންނަށް ކޮންމެ ދުވަހަކުވެސް ލިބޭ ރޮއްޓެކެވެ.ނަމަވެސް މިއަދު އަހަރެންނަށް ވުރެ ރޮއްޓަށް ބޭނުން ޖެހިފައިވަނީ ތިޔަ ޒުވާނާއެވެ. އަވަހަށް ކާލާށެވެ.މިހެން ބުނެ އަހަރެންނަށް ރޮއްޓެއް ދިނެވެ.އަހަރެން އަލުން ދަތުރު ފަށައިގެން އާދެވޭ ވަރުވީ އެރޮށި ކެއި ކަމުންނެވެ.
މިހެން ބުނުމުން އަންހެން މީހާއަށް ނޭނގޭ އުފާވެރިކަމެއް އިހުސާސްކުރެވުނެވެ.އޭނާއަށް ކުރެވުނު ގޯސް އަމަލަކުން ސަލާމަތް ކުރެއްވީތީ ހެއްދެވި ފަރާތަށް ހާސްފަށުން ޝުކުރުވެރިވިއެވެ.ހިތަށް އެރިއެވެ. މިއަދު އަހަރެން ޒަހަރުލީ ރޮށިބޭއްވިނަމަ މަރުވީހީ އަހަރެންގެ މިރީތި ދަރިފުޅެވެ. ދަރިފުޅު ސަލާމަތް ކުރެއްވި ކަމަށްޓަކައި ހެއްދެވި ފަރާތަށް އޭނާހާސްފަށުން ޝުކުރުވެރިވިއެވެ.އަދި ދެން ދުހަކުވެސް އެފަދަ އަމަލެއް ނުކުރަން އަޒުމް ކަނޑައެޅިއެވެ.
މުސްކުޅި މީހާ ބުނާބަހުގެ މާނަ އޭނާޔަށް ވިސްނުނީ ދެނެވެ. ”ތިބާ ހެވެއް އެދިގެން ކުރާކަމެއްގެ ހެޔޮކަން ތިބާޔަށް ލިބޭނެއެވެ.ތިބާ ނުރަގަޅުކޮށް ކުރާއަމަލެއްގެ ނަތީޖާވެސް އެނބުރިގެން އަންނާނީ ތިބާއަށެވެ.“ތައުބާވެ އިސްލާހުވުމަށް ހުރިހާ ފަހަރަކު ފުރުސަތު ނުލިބިދާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް