ދިވެހިންގެ އުފާވެރިކަން މިންކުރުމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އިން އިސްނަގައިގެން އެކުލަވާލުމުގެ މަސައްކަތް ފައްޓަވާފައިވާ ”ހެޕިނަސް އިންޑެކްސް“ ލޯންޗްކޮށް ރާއްޖޭގެ ”ހެޕިނަސް އިންޑެކްސް“ ލޯގޯ އިފްތިތާޙުކޮށްފިއެވެ.
ހެޕނަސް އިންޑެކްސް ލޯންޗްކޮށް ރާއްޖޭގެ ހެޕިނަސް އިންޑެކްސް ލޯގޯ އިފްތިތާހުކޮށްދެއްވީ މިކަމަށްޓަކައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސާޖިދާ ވިދާޅުވީ ކޮންމެ އިންސާނަކާއެކުގައި ވެސް އުފާވެރިކަންވާ ކަމަށާއި، އެ މީހަކަށް ހިތާމައެއް މެދުވެރިވިކަމުގައި ވީ ނަމަވެސް، އަލުން އުފާވެރި ހާލަތަށް ރުޖޫޢަވެވޭކަމާއި، އެއީ ޤުދުރަތުން އެކަން ލައްވާފައިވާ ގޮތްކަމަށެވެ.
އުފާވެރިކަމުގެ މައުޟޫޢަކީ ވަރަށް ޝައުޤުވެރި މައުޟޫޢެއް ކަމަށާއިއަޅުގަނޑުމެންނަކީ މުސްލިމުންކަމުގައިވާހިނދު، މާތްވެގެންވާ އިސްލާމްދީން އަޅުގަނޑުމެންނަށް އިރުޝާދު ދޭ ގޮތުގައި އިންސާނާގެ ހިތަށް ޙަޤީޤީ ހަމަޖެހުމަކާއި އުފާވެރިކަމެއް ލިއްބައިދެނީ ހަމައެކަނި މާތް ﷲ ހަނދުމަކުރުމުންކަމާއި، ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާންވުމުން ކަމުގައި ސާޖިދާ ވަނީ ހަނދާންކޮށްދެއްވާފައެވެ. އަދި ރޫޙާނީ މުއްސަނދިކަމަށް ބަލާ ނަމަ، އިންސާނާއާ އޭނާ ހެއްދެވި ފަރާތާ ދެމެދު މަތިވެރި ގުޅުމެއް، އަދި އިންސާނާގެ އަޚްލާޤުގައި ކިޔަމަންތެރި އުޅުމެއް ހަރުލައިފައި ހުންނަން ޖެހޭ ކަމުގައިވެސް އެކަމަނާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި، މުޖުތަމަޢުގެ އެކި ބަހާތަކުގެ މެންބަރުން އުފާވެރިކަން މާނަ ކުރައްވާ ގޮތް ހިއްސާކޮށްދެއްވުން އޮތެވެ. އެގޮތުން އިސްރަށްވެހިންނާއި، ދަރިވަރުންނާއި، ކަނބަލުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ޒުވާނުންގެ ޝުޢޫރު ހިއްސާކުރައްވާފައިވެއެވެ. ”ހެޕިނަސް އިންޑެކްސް“އަށް ތައްޔާރުކޮށްފައިވާ ޚާއްޞަ ލަވައެއްވެސް މިއަދުގެ ރަސްމިއްޔާތުގައި ވަނީ ތަޢާރަފުކޮށްފައެވެ.
އަތްމަތި ތިޔާގިކަމާއި، ދުޅަހެޔޮކަމާއި، ނަފުސާނީ ފުދުންތެރިކަމާއި، މި ފަދަ ހުރިހައި ކަމެއްގެ އިތުރަށް، ރޫޙާނީ ވެށި ނުވަތަ އީމާންތެރިކަން ހަރުދަނާ ކުރަން އަބަދުވެސް ވިސްނަން ޖެހޭ ކަމަށާއި، ޙަޤީޤީ އުފާވެރިކަމުގެ ކިއްލާއަކީ އީމާންތެރިކަމުގެ ނޫރުން އަލިވެފައިވާ ހިތެއް ކަމުގައި ސާޖިދާ ވަނީ ވިދާޅުވެފައެވެ.