މެޑިކަލް ޓްރާންސްޕޯރޓް ޖެޓެއް ވެއްޓި އެތައް އިމާރާތެއްގައި ރޯވެއްޖެ

Loading

Facebook
Twitter
WhatsApp

އެސޯޝިއޭޓެޑް ޕްރެސްއިން މިއަދު ހެނދުނު ދީފައިވާ ޚަބަރުތަކުގެ ތެރެއިން 6 މީހުންނާއެކު މެޑިކަލް ޓްރާންސްޕޯރޓް ޖެޓެއް ފިލަޑެލްފިޔާއިން ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެ ސަރަހައްދުގެ އަވަށަކަށް ކްރޭޝްވެ އެތައް ގެއެއްގައި އަލިފާން ރޯވެއްޖެއެވެ. އޭރު އެ ޖެޓުން ދަތުރުކުރަމުން ދިޔައީ ބަލި ކުޑަ އަންހެންކުއްޖަކާއި އޭނާގެ މަންމައާއި އަދި ހަތަރު ފަޅުވެރިންނެވެ. މި ހުރިހާ މީހުންނަކީވެސް މެކްސިކޯގެ ރައްވެހިން ކަމަށާއި އެ ބަލި ކުއްޖާއަށް ފަރުވާދިނުމަށްޓަކައި ފިލަޑެލްފިޔާއަށް ގެނެވިފައި ވަނީ ކަމަށް ޚަބަރުގައި ބުނެފައިވެއެވެ. 

  

      

އެސޯޝިއޭޓެޑް ޕްރެސްގެ ޚަބަރުގައި ބުނެފައިވަނީ ހުކުރު ދުވަހު ހަވީރު ފިލަޑެލްފިޔާ އެއާރޕޯރޓުން އެ ފްލައިޓް ނައްޓާލުމުގެ ކުޑަހިނދުކޮޅެއްފަހުން ބޯޓު ގޮވީކަމަށެވެ. އެއަށްފަހު ވެއްޓުނު އަލިފާން ބޯޅަތަކުގައި އެތައް އިމާރާތެއް އަނދައިގެން ދިޔައީއެވެ. އެހެންނަމަވެސް ފިލަޑެލްފިޔާ އިމާރާތެއްގެ ދޮރުގައި ހަރުކޮށްފައިހުރި ކެމެރާއަކުން މަންޒަރު ރެކޯރޑްކޮށްފައިވާ ގޮތުގައި ފެންނަނީ ރަންވޭއިން ޖެޓް ނައްޓާލުމަށްފަހު ކުޑައިރުކޮޅެއްގެ ތެރޭގައި ބާރު ދުވެލީގައި މައިމަގެއްގައިހުރި ބޮޑު ސުޕަރމާރކެޓެއްގެ ކައިރިއަށް ވެއްޓި ފްލައިޓް ގޮވީ ކަމަށެވެ. ޖެޓް ވެއްޓި ގޮވާފައި ވަނީ ފިލަޑެލްފިޔާ އެއާރޕޯރޓާއި 3 މޭލު ކައިރީގައެވެ.އެއާރޕޯރޓުން ޖެޓް ނައްޓާލާފައި ވަނީ ހަވީރު 6.06 ގައެވެ.

މެޑިކަލް ޓްރާންސްޕޯރޓް ޖެޓުން މީހުން ހޯދާ ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރި ވަމުންގެންދިޔަ ޖެޓް ރެސްކިއު އެއާރ އެމްބިއުލާންސްގެ ތަރުޖަމާނު ޝައި ގޯލްޑް އެސޯޝިއޭޓެޑް ޕްރެސްއަށް އެ ބޯޓުގެ ދަތުރުގެ މައުލޫމާތު ހާމަކުރަމުން ބުނެފައި ވަނީ ދަތުރު ހަމަޖެހިފައި ވަނީ ފިލަޑެލްފިޔާއިން މިސޫރީގައި މަޑުކުރުމަށްފަހު މެކްސިކޯގެ ޓިޖުއާނާއަށް ކަމަށެވެ.              

ގޯލްޑް އިތުރަށް ކިޔާދީފައިވާ ގޮތުގައި ސިއްޙީ ޚިދުމަތަށް ބޭނުންކުރާ ޖެޓަކަށް މިގޮތަށް ކަންތައް ދިމާވުމަކީ ފިކުރު ބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.އަދި އެކަމަށް ބޭނުންކުރާ ޖެޓްތައް މަރާމާތުކޮށް ބެލެހެއްޓުގައި ޚަރަދަކަށް ނުބަލާނެ ކަމަށާއި އިންސާނުންގެ ފުރާނަ ސަލާމަތްކުރުމުގައި ވެސް އަގަަކަށް ނުބަލާނެ ކަމަށް އޭނާ ބުނެފައި ވެއެވެ. މި ޓްރާންސްޕޯރޓް ޖެޓް ރަޖިސްޓަރީ ކޮށްފައިވަނީ މެކްސިކޯއާއި އެމެރިކާގައިވެސް ދުއްވުމުގެ ހުއްދައާއެކު މެކްސިކޯގައެވެ.          

ޕެންސިލްވީނިއާގެ ގަވަރނަރ ޖޯޝް ޝަޕީރޯ ހުކުރު ދުވަހު ދެއްވި އިންޓަރވިއުގައި ވިދާޅުވީ މި ކާރިސާގައި ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވާނެކަމަށް ބެލެވެއެވެ.          

ރައީސް ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާ ’ދަ ޓުރުތު‘ ގައި މައުސޫމް އިތުރު ފުރާނަތަކެއް ގެއްލުނު ކަމުގެ މައްޗަށް ހިތާމަ ފާޅުކުރައްވާފައި ވެއެވެ.                            

މި ކާރިސާ މެދުވެރިވެފައިމިވަނީ ސިފައިންގެ 3 މީހުންނާއެކު ދަތުރުކުރި އެމެރިކާގެ މިލިޓްރީ ހެލިކޮޕްޓަރަކާއި އަދި 60 ފަސިންޖަރުންނާއެކު ދަތުރުކުރަމުންދިޔަ އެމެރިކަން އެއާރލިއިންގެ ޖެޓެއް ވޯޝިންގްޓަންގެ ރޮނާލްޑް ރޭގަން އިންޓަރނޭޝަނަލް އެއާރޕޯރޓާ ދިމާ މަތިން އެކްސިޑެންޓްވެ ދެ އުޅަނދުގައި ތިބި ހުރިހާ މީހުން މަރުވުމުގެ ހިތާމަވެރި ހާދިސާއަށް 2 ދުވަސްވީތަނާއެވެ. މި ނުރައްކާތެރި ހާދިސާ މެދުވެރިވެފައި ވަނީ ބުދަ ދުވަހުގެ ރޭގައެވެ.                        

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް