ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނެވުނު ފަސް ވަނަ އިސްލާހާ ގުޅޭގޮތުން މަޝްވަރާކުރުމަށް ގުޅުންހުރި އިދާރާތަކާއެކު ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުން ބާއްވާފައި ވަނީ މިއަދު ހެނދުނު އިސްކަންދަރު ބިލްޑިންގގައެވެ.
ފުލުހުން ބުނީ މި މަޝްވަރާ ބައްދަލުވުމަކީ ފުލުހުންގެ އެންޓި ސްކޭމް ސެންޓަރާއި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު ގުޅިގެން ބޭއްވި ބައްދަލުވުމެއް ކަމަށެވެ. އެގޮތުން މި ބައްދަލުވުމުގައި، ޓެލެކޮމިއުނިކޭޝަން އޮތޯރިޓީއާއި ދިރާގު އަދި އުރީދޫއާއި ބެންކު އޮފް މޯލްޑިވްސްއާއި މޯލްޑިވްސް އިސްލާމިކް ބެންކާއި ފަހި ޕޭ އަދި ވިލާ ޓްރެވަލްސްގެ އިސްވެރިން ބައިވެރިވެފައިވާކަމަށް ފުލުހުން ހާމަކުރެއެވެ.
އެގޮތުން މި ބައްދަލުވުމުގައި، ޖިނާއި އިޖުރާއަތުގެ ގާނޫނަށް ގެނެވުނު ފަސް ވަނަ އިސްލާހާ ގުޅޭގޮތުން އިދާރާތަކުގެ މެދުގައި މަޝްވަރާކޮށްފައިވެއެވެ. އަދި ސްކޭމްގެ މައްސަލަތައް ހުއްޓުވުމަށް، މާލީ އިދާރާތައް ގުޅިގެން ގައިޑްލައިން ހެދުމަށް ބޭނުންވާ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.