ކޮންމެވެސް ރަށެއްގައި ވަރަށް ގިނައަދަކަށް ރާމާމަކުނު އުޅެއެވެ. މަކުނުގެ އުނދަގުލާއި ހެދި އެރަށުގެ މީހުންނަށް އޮންނަނީ އާންމު ދިރިއުޅުމުގެ ކަންތަކައިގެން ކުރިޔަށް ދިއުމަށްވެސް ދަތިވެފައެވެ. އެކަމަކު ހަދާނެ އެއްވެސް ގޮތެއް ނެތިފައި ތިބެނީ އެވެ.
މިހެން ތިއްބާ މިރަށަށް އެއްދުވަހަކު ކޮންމެވެސް އެހެން ރަށެއްގެ ބޮޑު ވިޔަފާރިވެރިޔަކު ކަމަށް ބުނާ މީހަކު އަޔެވެ.އަދި އެރަށުގެ ރައްޔިތުން އެއްކުރުމަށްފަހު ބުންޏެވެ. މިރަށުގައި ރާމާމަކުނު ގިނަ ކަމުން ކަލޭމެންނަށް އުނދަގޫ ވެގެން އުޅޭ ޚަބަރު އަހަރެން އަހައިފީމެވެ.އަހަރެން ތިޔަ މައްސަލަޔަށް ހައްލެއް ހޯދާދޭނަމެވެ. މިއަދުން ފެށިގެން އަހަރެން ރާމާމަކުނު ގަންނާނަމެވެ. ގެންނަ ކޮންމެ މަކުނަކަށް އަހަރެން 10 ރުފިޔާ ދޭނަމެވެ.
މިހެން ބުނުމުން އެންމެން ކޮޅުކޮޅު މައްޗަށް ދުއްވައިގެންފިއެވެ.އެކަކަށް ވުރެގިނައިން އަނެކަކު މަކުނު ހިފުމަށެވެ.އިސާހިތަކު އެއްހާސް މަކުނު ވިޔަފާރިވެރިޔާ ގަނެފިއެވެ.އަދި ރަށުތެރޭން މަކުނު ފެންނަވަރު ވަރަށް ބޮޑަށް މަދު ވެއްޖެއެވެ.ބާކީ ތިބި މަކުނުތައް ހިފުން އެހާފަސޭހަކަމަކަށް ނުވިއެވެ.އެހާހަމައިން އެއްކަލަ ވިޔަފާރިވެރިޔާ އިއުލާން ކުރިއެވެ. މީގެ ފަހުން ކޮންމެ މަކުމަކަށް 20 ރުފިޔާދޭނަމެވެ.މިއަޑު އަހާފައި އަވަށުގެ ރައްޔިތުންނަށް އައު ޖޯޝެއް އަތުވެއްޖެއެވެ.އައު ހިއްވަރެއް ލުމަށްފަހު މަކުނު ހިފުމުގެ މަސައްކަތް އަލުން ފެށިއެވެ.
މިގޮތަށް ކަންތައް ކުރިޔަށް ދާއިރު ރަށުތެރޭން ވަރަށް ބޮޑަށް މަކުނު މަދުވެއްޖެއެވެ.އަދި ވިޔަފާރިވެރިޔާގެ ކޮށީގައި އެއްހާސް ތިންސަތޭކަ މަކުނު ހަމަވެއްޖެ އެވެ.އެހެން ނަމަވެސް ވިޔަފާރިވެރިޔާ މަކުނު ގަންނަ އަގު މަތިކުރަމުން ދެއެވެ.އެންމެ ފަހުން މަކުނަކަށް 50 ރުފިޔާ ދޭންވެސް ބުނެފިއެވެ. މީހުން ވަރަށް އުފަލުން އެގޮތް މިގޮތުން މަކުނު ހިފައިގެން ގެނެސް އެމީހާއަށް ވިއްކަމުން ގެންދެއެވެ.50 ރުފިޔާގެ ރޭޓުން ލިބުނީ އެންމެ ނުވަ މަކުނެވެ.މަކުނުތައް އެމީހާ ގެނައި ބޮޑުކޮށްޓަކަށް ލާފަތިބެއެވެ.
އެއްދުވަހަކު ވިޔަފާރިވެރިޔާ ބުންޏެވެ.އަހަރެން ކުއްލިއަކަށް އެހެން ސަހަރަކަށް ދާން ޖެހިއްޖެ އެވެ. އެތަނަށް ގޮސްފަ އައިސް މަކުނު ތަކަށް ގޮތެއް ހަދާނަމެވެ.އަހަރެން ދިޔަނަމަވެސް އަހަރެންގެ ރައްޓެހި އެހެން ވިޔަފާރިވެރިއަކު އެބައާދެއެވެ.އޭނައަހަރެންގެ މަސައްކަތް ކުރިޔަށް ގެންދާނެއެވެ. މިހެން ބުނުމަށް ފަހު އޭނާ ހިނގައްޖެއެވެ.
ވިޔަފާރިވެރިޔާ ހަމަދިޔަ ދުވަހު، އޭނާ ބުނި އޭނާގެ ވިޔަފާރީގެ ބައިވެރިޔާ އަތުވެއްޖެއެވެ. ކުރީގެ މީހާ ހެދިގޮތަށް އޭނާވެސް ރަށުގެ މީހުން އެއްކޮށްފަ ބުންޏެވެ. މިކޮށީގައި ހީވާގޮތުން އެއްހާސް ހަތަރު ސަތޭކަ މަކުނު އެބަތިއްބެވެ.އަހަރެން އަޑުއެހި ގޮތުގައި އަހަރެންގެ ރަހުމަތްތެރިޔާ ފުރައިގެން ދާންޖެހުނު އިރު އޭނާއައީ 50 ރުފިޔާއަށް މަކުނެއް ގަންނަމުންނެވެ.އެހެން ވީމަ އަހަރެން ކަލޭމެންނަށް ފައިދާހުރި ވިޔަފާރިއަކަށް ހުޅުވާލަމެވެ.މިތަނުން ކަލޭމެން 40 ރުފިޔާއަށް މަކުނެއް ގަންނާށެވެ. އޭރުން އޭނާއައުމުން އަނެއްކާ 50 ރުފިޔާއަށް ވިއްކާލެވޭނެ ނޫން ހެއްޔެވެ.
މިހެން ބުނުމުން އަވަށުގެ މީހުން އެއްވެސް ވަރަކަށް ވިސްނާލުމެއް ނެތި އެބަސް ގަބޫލު ކުރިއެވެ. އަދި އަތުގައި ޖަމާކޮށްފަ ހުރި ފައިސާކޮޅު ހިފައިގެން އައިސް މަކުނު ގަންނަން ފެށިއެވެ. ދާދި އަވަހަށް ކޮށި މުޅިން ހުސްވެއްޖެއެވެ. އަވަށުގެ މީހުން ތިބީ މާލީފައިދާ ގަނޑެއްލިބޭނެ ކަމުގެ އުންމީދުގައި ވަށް އުފަލުންނެވެ.
އަނެއް ދުވަހު ދެވަނަ ވިޔަފާރިވެރިޔާވެސް ކުއްލިއަކަށް ދާން ޖެހިއްޖެ ކަމަށް ބުންޏެވެ.އޭނަދިޔަނަމަވެސް ކުރިން އައި އޭނާގެ ރަހުމަތްތެރިޔާ ދާދި އަވަހަށް އެބައަންނަކަމަށް ބުންޏެވެ.
އޭނާ ދިއުމަށްފަހު ރަށުގެ މީހުން އެމީހުންގެ އިންތިޒާރުގައި ތިބެތިބެ ވަރުބަލިވީ އިރުވެސް ދެމީހުންގެ ޚަބަރެއް ނުވިއެވެ.އެދެމީހުން ހެދި މަކަރު އަވަށުގެ މީހުންނަށް ވިސްނުނީ މާފަހުންނެވެ. އެކަމަކު އޭރު ވަގުތު ފާއިތު ވެއްޖެއެވެ. އަނެއްކޮޅުން މަކުނު ތަކުގެ އުނދަގޫ ކުރިޔަށްވުރެ މާބޮޑު ވެއްޖެއެވެ.
މީހަކު ހަމައައިސް ދައްކާލާހާ ވާހަކައެއް ގަބޫލު ކުރާކަކަށް ނުވާނެއެވެ.ކޮންމެ ހެއްލުމަކީ ގެއްލުމެކޭ މީހުން ބުނަނީ އެހެން ވެގެންނެވެ.