ރާއްޖެއަށް 200 މާސްޓަރ ކާޓަން މެންޗެސްޓަރ ސިނގިރޭޓް ސިއްރުން ރާއްޖެއަށް އެތެރެކުރި މައްސަލައެއް ފެންމަތިވެ ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ މި މައްސަލައިގައި ތުހުމަތު ކުރެވެނީ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ފޮރިންގޮއިންގ އުޅަނދެއް ކަމަށްވާ ދަ ހޯކްސް ޖަވާހިރު ބޯޓުން މި ސިނގިރޭޓްތައް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި، 2024 އޮކްޓޯބަރ 24 ވަނަ ދުވަހު ރާއްޖެއަށް އައި ދަ ހޯކްސް ޖަވާހިރު ބޯޓުން މި ސިނގިރޭޓްތައް ބޯޓުގެ މެނިފެސްޓުގައި ނުހިމަނައި ރާއްޖެއަށް ގެނެސްފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ.އަދި 2024 އޮކްޓޫބަރު 25 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ކ. ތިލަފުށީގައި ހުންނަ ހޯކްސް ބޯޓު ޔާޑުގެ ޖެޓީއަށް މި ސިނގިރޭޓްތައް ބާލައިގެން ސިއްރުން ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލައިގެ ތަހުގީގު ބިނާވެފައިވަނީ މައިގަނޑު ދެ ކުށެއްގެ މައްޗަށެވެ. އޭގެ ތެރޭގައި ހިމެނެނީ ކަސްޓަމްސްގެ ގާނޫނު (ގާނޫނު ނަންބަރު 08/2011) ގެ 97 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖެއަށް ސިއްރުން މުދާ އެތެރެކުރަން އުޅުމުގެ ކުށާއި، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނު (ގާނޫނު ނަންބަރު 10/2014) ގެ 53 ވަނަ މާއްދާގެ ދަށުން މަނީ ލޯންޑްރިންގ ކުށެވެ.