ހއ. ތަކަންދޫގައި ގާއިމުކުރި ޕޮލިސް ޕޯސްޓް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ.ރައީސް މުޢިއްޒު އެ ޕޮލިސް ޕޯސްޓު ހުޅުއްވާދެއްވާފައި ވަނީ ހއ.އަތޮޅަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި މި ކަމަށްޓަކައި މިއަދު ތަކަންދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ތަކަންދޫގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ޕޮލިސް ޕޯސްޓް ހުޅުއްވައިދެއްވުމަށްފަހު ޕޮލިސް ޕޯސްޓުގައި ގައުމީ ދިދަ ނަންގަވައި ދެއްވީ ވެސް ރައީސުލްޖުމްހޫރިއްޔާއެވެ. ފުލުހުންގެ ދިދަ ނަންގަވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއެވެ.
ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ޕޮލިސް ޕޯސްޓް ބައްލަވައިލައްވާފައެވެ.
މި ރަސްމިއްޔާތުގައި، ދާހިލީ ސަލާމަތާއި ފަންނިންޔަތާ ބެހޭ ވަޒީރު ޢަލީ އިހުސާންއާއި، ދައުލަތުގެ އެކި ވުޒާރާތަކުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢުއާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ސީނިއަރ ބައެއް އޮފިސަރުންނާއި، ތަކަންދޫ ކައުންސިލް ރައީސް އަދި ކައުންސިލް މެންބަރުންގެ އިތުރުން އެހެނިހެން މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.