ދެމަފިރިއެއްގެ ތެރެއިން ފިރިހެންމީހާ ވަރަށް ބޮޑަށް ބަލިވެ ކޯމާއަކަށް ހިނގައްޖެއެވެ. ބައެއްފަހަރު ހޭވެރިކަމަށް އައިސް އަނެއްކާ ކޯމާއަށް ގޮސް މިކަހަލަ ގޮތެއްގައި އެތައް މަހެއް ވަންދެން އޮވެއްޖެ އެވެ.މިހުރިހާ ދުވަހުވެސް ޒަރޫރީ ބޭނުމަކު މެނުވީ ފިރިމީހާގެ ކައިރިން ދުރަށް ވެސް ނުގޮސް އޭނާގެ އަނބިމީހާ،އޭނާގެ ޚިދުމަތުގައި ދެމިހުއްޓެވެ.ދުވަހަކަށް ފަހު ދުވަހެއް މާޒީ އާއި އެކުވަމުން ދާއިރު އޭނާގެ ފިރިމީހާގެ މައްޗަށް އޮތް ލޯތްބަށް ދެގޮތެއް ނުވެއެވެ.
ފިރިމީހާގެ އަތުގައި ހިފަހައްޓާލައިގެން ފިރިމީހާ ކައިރީގައި އަންހެން މީހާ ރެޔާ ދުވާލު އިނދެއެވެ.
މިގޮތަށް އިން އެއްދުވަހެއްގެ މެންދުރުފަހުގެ ވަގުތެއްގައި ފިރިމީހާ ދެލޯ މަޑުމަޑުން ތަޅުވާލުމަށްފަހު ލޯހުޅުވިއެވެ.އަންހެންމީހާ އުފަލުން ވަރެއްވެސް ނެތެވެ.ހުރެވުނު ތަނެއްވެސް ނޭގެއެވެ.އެވަގުތު ފިރިމީހާ ކޮޓަރި ތެރެޔަށް ވަށައިގެން ބަލާލުމަށްފަހު އަންހެން މީހާ އޭނާއާއި އިތުރަށް ކައިރިވެލުމަށް އެދުނެވެ.
އަންހެންމީހާގެ ހިތަށް ފިނިކަމެއް ލިބިގެން ދިޔައެވެ.ދެލޮލުން ކަރުނަ އައިސްފައިވާ ހާލުގައި ފިރިމީހާ ކައިރިޔަށް ގުދުވެލިއެވެ.އެވަގުތު ވަރަށް ބަލިބަލި އަޑަކުން ފިރިމީހާ ވާހަކަދައްކަން ފެށިއެވެ.
”އަހަރެންގެ ހަޔާތުގައި ކުރިމަތިވި ކޮންމެ ދަތިކަމެއްގައި ކަލޭ އަހަރެން ކައިރީގައި ހުރީމުއެވެ.“ އަންހެން މީހާ އުފަލުން ފޮޅުނެވެ.އެވަގުތު ފިރިމީހާ ވާހަކަ ކުރިޔަށް ގެންދިޔައެވެ. ”އަހަރެންގެ ވަޒީފާ ގެއްލުނު އިރު،އަހަރެންނަށް އެހީތެރިވެދިނުމަށް ކަލޭ ހުއްޓެވެ.އަހަރެންގެ ވިޔަފާރި ފެއިލް ވިއިރު ކަލޭ އަހަރެން ކައިރީގައި ހުރީމުއެވެ.އަހަރެންގެ ގަޔަށް ވަޒަން އެރި ފަހަރުވެސް އަހަރެންގެ އަތުގައި ހިފައިގެން ހޮސްޕިޓަލުގައި ހުރީ ކަލެއެވެ.އަހަރެންގެ ގެ ދޫކޮށްލަން ޖެހުނު އިރުވެސް ކަލޭ އަހަރެން ދޫކޮށް ނުގޮސް ހުރީމުއެވެ.އަދި މީހާރުވެސް އަހަރެންގެ ސިއްހަތު މިހާލަތަށް އައުމުންވެސް ކަލޭ ތިޔަހުރީއެވެ.“
އަންހެން މީހާއަށް ކަރުނަ ހިފަހައްޓާނުލެވުނެވެ. ވަރަށް އުފަލުން،އެހެން ނަމަވެސް ރޮމުން ރޮމުން ބުންޏެވެ. ”އަހަރެން ހާދަ އުފާ ވެއްޖެއެވެ. އަސްލު ބުނަން ތިޔައުޅެނީ ކީކޭ ހެއްޔެވެ.“
އެވަގުތު ފިރިމީހާ ފުން ނޭވާއެއްލައި، އަންހެނުންނާއި ދިމާލަށް ސީދާ ބަލާލުމަށްފަހު ބުންޏެވެ. ”އަހަރެންނަށް ހީވަނީ މިހުރިހާ ބަދުނަސީބަކީ ކަލޭގެ ފުށުން އަންނަ ކަންތައް ހެންނެވެ.ތިޔައީ ބަދުނަސީބު މީހެކެވެ.“