ޖަޕާންގެ އެންމެ ބޮޑުއެއް ޓީވީ ނެޓްވަރކް ކަމަށްވާ ފުޖީ ޓީވީގެ ޗެއާމަން އަދި ރައީސް އިސްތިއުފާދީފިއެވެ. ޓީވީ ނެޓްވަރކްގެ އެންމެ މަތީ ވެރިން އިސްތިއުފާދީފައި މިވަނީ އެނެޓްވަރަކަށް ނިސްބަތްވާ މަޝްހޫރު ހޯސްޓަކު،އަންހެނަކަށް ޖިންސީ ފުރައްސާރަކުރި މަސްއަލައަކާއި ގުޅިގެން އާންމު ބެލުންތެރިންގެ ނުރުހުން ނެޓްވަރކް އަށް ރައްދުވާން ފެށުމުންނެވެ.
ފުޖީޓީވީގެ މުވައްޒަފުން ބޭއްވި ޕާޓީއެއްގައި ހިނގިކަމަށްބުނާ އެހާދިސާ އަށް ފަހު ނެޓްވަރކްގެ ފަރާތުން އެކަން އޮއްބާލާ ފަސްއަޅަން މަސައްކަތް ކުރިކަމަށް ވެއެވެ. މިއާއެކު އާންމުންގެ ނުރުހުން ސްޓޭޝަނަށް އަމާޒުވެ ގިނަ ކުންފުނި ތަކަކުން އިޝްތިހާރުތައް ވަނީ ނަގާފައެވެ.އަދި މައްސަލަ ހޫނުވެގެންގޮސް، ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ މަސަހީރޯ ނަކައި މިދިޔަހަފްތާގައި ވަނީ ޝޯބިޒްނަސް އާއި ވަކިވި ކަން އިއުލާން ކޮށްފައެވެ.
ފުޖީ ޓީވީ އަށް ދީފައިވާ އިޝްތިހާރު އަތުލި ބޮޑެތި ކުންފުނި ތަކުގެ ތެރޭގައި ޓޮޔޯޓާ އަދި ނިސާން ހިމެނެއެވެ.
މިހާދިސާއާއި ގުޅިގެން ޖަޕާން ސަރުކާރުން ވަނީ އާންމު ބެލުންތެރިންނާއި ސްޕޮންސަރުންގެ އިތުބާރު އަލުން ހޯދުމަށް މަސައްކަތް ކުރުމަށް ފުޖީ ޓީވީ އަށް ގޮވާލާފައެވެ.
ހޯމަ ދުވަހު ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަ ދައްކަމުން ފުޖީ ޓީވީގެ ޗެއާމަން އަދި ރައީސް ވަނީ މައްސަލަ ބެލިއިރު ކަންތައް ކޮށްގެން ނުވާނެ ގޮތްގޮތަށް ނެޓްވާކް ގެ ފަރާތުން ކަންތައް ކުރެވިފައިވާކަމަށް އިއުތިރާފް ވެފައެވެ. އަދި ބޯ ގުދުކޮށް ބެލުންތެރިންނާއި ސްޓޭކް ހޯލްޑަރުންގެ ކިބައިން މައާފަށް އެދިފައިވެއެވެ.
ބައެއް ހަބަރުތައް ބުނާ ގޮތުގައި ފުރައްސާރަކުރެވުނު އަންހެން މުވައްޒަފަށް،މައްސަލަ އޮއްބާލުމަށް އެދި ބައިމިލިއަން ޑޮލަރުގެ ”ހަދިޔާ“ އެއްދެވުނެވެ. ނަމަވެސް އޭނާ އެހަދިޔާގައި ނުހިފާ ކަމަށް ވެއެވެ.
ޖަޕާންގެ ފުޖީ ޓީވީގެ ވެރިންގެ ފަރާތުން މިފެނިގެން ދިޔައީ ޒިންމާ ނަގާ ވެރިންގެ ކިބައިގައި ހުރުން ލާޒިމް ސިފައެކެވެ.